English Edition
Dhivehi Edition

ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ރާއްޖެއިން ބޭރަށް ގޮސް ފިލަން މަސައްކަތްކުރި މައްސަލާގައި ކުރީގެ ނާއިބު ރައީސްއަހުމަދު އަދީބު ތިން މަހާއި 18 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އަދީބުގެ މައްޗަށް ކުރާ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެން އަންގާރަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަދީބު ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އަދީބު ކުށަށް އިއުތިރާފު ވުމުން ގާޒީ ވަނީ އަދަބާއި ބެހޭގޮތުން ދެ ފަރާތަށް ވާހަކަ ދެއްކުމަށް ފުރުސަތުދީފަ އެވެ. އެގޮތުން ދައުލަތުން ހުށަހެޅީ އެއް ދަރަޖަ ދަށްކޮށް ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށެވެ. އެކަމަށް އަދީބު ވެސް ވަނީ އިއުތިރާފްވެފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މި މައްސަލައަށް ކަނޑައަޅާފައިވާ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

އަދީބު ބުނެފައިވަނީ އޭނާ ފިލަން މަސައްކަތްކުރީ އެމްއެމްޕީއާރުސީ މައްސަލާގެ މައުލޫމާތުތައް ފުލުހުންނާއި ހިއްސާކުރަމުން ދާތީވެ، ނުފޫޒުގަދަ ފަރާތްތަކަކުން އޭނާ އަށް އިންޒާރުދީ ބިރުދައްކަމުންދާތީ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް އަދީބު ކޯޓުގައި ވެސް މިހާތަނަށް ބުނެފައެއް ނުވެ އެވެ.

‎އަދީބު މިހާރު ހުންނަވަނީ ޓެގު އެޅުވުމަށްފަހު ގޭ ބަންދުގައެވެ.