އިންޑިއާގެ ކަނޑުގައި ރާއްޖެ އޮތް ސަރަހައްދަށް ބަލާއިރު، ރާއްޖޭގެ އެންމެ ދެކުނު އޮތް އައްޑު އަކީ އީކުއޭޓާގެ ވަރަށް މުހިއްމު ހިސާބެއްގައި އޮތް ތަނަކަށް ވާތީ ލޮކޭޝަނުގެ ގޮތުން ވެސް އައްޑު އަކީ ގިނަ ބަޔަކު ޝައުގުވެރިވާ ތަނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޓައިޓަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން އައްޑޫސިޓީގައި މިހާރު ކުރިއަށް ގެންދާ ވިޔަފާރިއާ ގުޅޭ އެންމެ ފުރަތަމަ މައުރަޒް، “ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2019 ” ހުޅުވުމަށް އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އައްޑޫ އޮންނަ ލޮކޭޝަނުގެ ސަބަބުން މީހުންގެ މެދުގައި އައްޑުއާމެދު އުފެދިފައިވާ ޝައުގުވެރި ކަމަކީ ޒަމާނުއްސުރެ ވެސް އޮތް ކަމެއް ކަމަށާއި އަމުދުން މިހާރު އައްޑު އަށް އިންވެސްޓްކޮށްގެން ފައިދާ ނެރުމަކީ ވިޔަފާވެރިންނަށް މާ ފަސޭހަކޮށް ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.
“އައްޑު އަކީ އިންވެސްޓް ކުރަން ރަނގަޅު ސަރަހައްދެއް. މިއީ އިންވެސްޓަރުންގެ ފައިސާ އިންވެސްޓު ކުރަން ރާއްޖޭން އެންމެ ރަނގަޅު ސަރަހައްދު” ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އައްޑު އަކީ އަބަދުވެސް ތަރައްގީގެ ނާރެހެއް ކަމަށެވެ. އެހެންވެ، އައްޑޫ ތަރައްގީ ކުރުމަކީ އެ ވަގުތެއްގައި އޮންނަ ސަރުކާރުކަން ވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަން ޖެހޭ ކަމެއް ކަމަށާއި އިންވެސްޓް ކުރަން ބޭނުންވާ އަމިއްލަ ފަރާތްތަކަށް ވެސް އައްޑޫން އަބަދުވެސް ފަހި ފުރުސަތުތަކެއް އޮންނާނެ ކަމަށެވެ.
” ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެސް އައްޑު އަށް ބޮޑު ސަމާލު ކަމެއް ދޭނެ . އައްޑޫގައި މިހާރު ވެސް ޓޫރިޒަމަށް ހާއްސަ އިތުރު 4،000 އެނދު ތަރައްގީ ކުރަން މަޝްރޫއެއް ވަނީ ރާވާފައި .އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ރާއްޖެ އާއި މި ސިޓީ ބަދަލުކޮށް، ތި ބޭފުޅުންގެ އުންމީދުތައް ހަގީގަތަކަށް ހަދައި ދެވޭނެ” ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި އައްޑޫގެ ތަރައްގީ އަށް ހުރި ކަންކަމަަށް ބަލާ އިރު ހިތަދޫގައި ގާއިމުކޮށްފައިވާ ސަރަހައްދީ ބަނދަރާއި ގަން އެއާޕޯޓަކީ ވެސް ދެކުނުން އިތުރު ކުރާ ކާގޯތަކަކާ އެކު ބޮޑެތި ކުރިއެރުންތަކެއް ހޯދޭނެ ވަސީލަތްތައް ކަން ފާހަގަކުރެއްވެވި އެވެ. އަދި އެ ތަންތަނުގެ ބޭނުން ވީހާ ވެސް ރަނގަޅަކަށް ހިފޭނެ ގޮތްތަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އައްޑޫގައި މި ފެށި އެކްސްޕޯ އަކީ ވަރަށް ގިނަ ދާއިރާތަކުން ހުރި ފުރުސަތުގެ ވާހަކަތައް ވަރަށް ފުޅާކޮށް، ހިއްސާ ކުރެވި، މައުލޫމާތުތައް ހޯދަން ބޭނުންވާ ފަރާތްތަކަށް ވަރަށް ރަނގަޅު ފުރުސަތަކަށް ވެގެން ދާނެ އެކްސްޕޯއަކަށް ވާނެ ކަމަށެވެ.
އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މައުރަޒަކީ ރާއްޖޭގެ މާކެޓިން އެޖެންސީއެއް ކަމަށްވާ ޓައިޓަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މައުރަޒެކެވެ. މިއީ ޒަމާނީ ވިޔުގަތަކުގެ ތެރެއިން ވިޔަފާރީގެ ގުޅުންތައް ގާއިމުކުރުން މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މައުރަޒެކެވެ. 38 ފަރާތަކުން އެކްސްޕޯގައި ބައިވެރިވެފައިވާއިރު އެކްސްޕޯ ތެރޭގައި ބިޒްނެސް ފޯރަމްތަކާއި ޕެނެލް ޑިސްކަޝަންތައް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ.
އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ހާއްސަ މެހުމާނެއްގެ ގޮތުން 2003 ގެ މިސް ޔުނިވާސް މުބާރާތުގެ ޓޮޕް ފަހެއްގައި ހިމެނުނު ސާބިއާގެ ސަންޖާ ޕެޕިކް ވެސް ވަނީ ބައިވެރިވެފައެވެ.