English Edition
Dhivehi Edition
އައްޑޫގައި ބޭއްވި އެކްސްޕޯއެއްގައި ރައީސް ނަޝީދު ބިޒްނަސް ސެންޓަރގެ ބޭފުޅުންނާ ބައްދަލުކުރައްވަނީ: ފޮޓޯ ލުބްނާ އޭއޯ ނިއުސް

އައްޑޫސިޓީގައި އިއްޔެ ފެށިގެންދިޔަ، ވިޔަފާރިއާ ގުޅޭ އެންމެ ފުރަތަމަ މައުރަޒް، “ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2019 ” އާންމުންނަށް ހުޅުވާލައިފިއެވެ.

އީކުއޭޓަރ ވިލެޖްގެ ބްލޫ ލެގޫންގައި އޮގަސްޓް 1 އިން 3 އަށް ކުރިއަށް ގެންދާ މި އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ލަކީޑްރޯ އިނާމު ތައް ވަނީ ކަނޑައަޅާފައެވެ.

އެކްސްޕޯއަށް ޒިޔާރަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އައްޑޫގެ އެކި ސަރަހައްދުތަކުން އެމްޕީއެލްގެ ބަހުގެ ޚިދުމަތް ވަނީ ހަމަޖައްސާފައެވެ. އެގޮތުން މިއަދާއި އަދި މާދަމާގެ ވެސް 2:30 އިން ފެށިގެން 6:00 އާއި ދެމެދު ކަނޑައެޅިފައިވާ ގަޑިތަކުގައި ބަހުގެ ދަތުރު ހަމަޖެހިފައިވާނެ ކަމަށް އެކްސްޕޯ އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.

މި މައުރަޒަކީ ރާއްޖޭގެ މާކެޓިން އެޖެންސީއެއް ކަމަށްވާ ޓައިޓަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މައުރަޒެކެވެ. ޒަމާނީ ވިޔުގަތަކުގެ ތެރެއިން ވިޔަފާރީގެ ގުޅުންތައް ގާއިމުކުރުން މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މައުރަޒުގައި 38 އެގްޒިބިޓަރުން ވަނީ ބައިވެރިވެފައެވެ.

މި މައުރަޒުގައި ރާއްޖޭގެ އެކި ގިންތިތަކުގެ ވިޔަފާރިވެރިންނާއި ވިޔަފާރިއަށް ޝައުގުވެރިވާ ފަރާތްތަކުން ބައިވެރިވާނެކަމަށާއި އަދި އެކިކަހަލަ އުފެއްދުންތައް ދެއްކުމާއި މައުލޫމާތު ބަދަލުކުރުމާއި އިންވެސްޓަރުންނަށް ފުރުސަތުތައް ހުރިނެތްގޮތް ކިޔައިދިނުމާއި އަލަށް ވިޔަފާރިއެއް ފަށަންވީގޮތުގެ މައުލޫމާތުދިނުން ފަދަ ކަންކަން ވެސް މައުރަޒުގެ ތެރެއިން ކުރިއަށް ދާނެކަމަށް ޓައިޓަން އިން ބުނެއެވެ.

މައުރަޒުގައި ޕެނަލް ޑިސްކަޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މިއަދުގެ ޑިސްކަޝަންގައި އޮންނާނީ އިމްޕޯޓް އަދި އެކްސްޕޯޓް ޓްރޭޑާ ބެހޭ ގޮތުން މަޝްވަރާކުރުމެވެ. މިއަދު 2:30 އިން 3:30 އަށް ކުރިއަށް ގެންދާ ޕެނަލް ޑިސްކަޝަންގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އާއި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އަދި ޑެޕިޔުޓީ މިނިސްޓަރ އޮފް ޓްރާންޕޯޓާއި އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ޞާދިގު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މއިަދުގެ 2 ވަނަ ޕެނަލް ޑިސްކަޝަންގައި އޮންނާނީ ސިއްހީ ދާއިރާއާއި ގުޅުން ހުރި ފަރާތްތަކާއެކު ކުރިއަށް ގެންދާ ސެޝަނެކެވެ. މި ސެޝަނުގައި ހެލްތު މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ އާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފުއްސާދާތު ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މި ޑިސްކަޝަން ކުރިއަށް ދާނީ މިއަދު ހަވީރު 4:00 އިން 5:30 ގެ ނިޔަލަށެވެ.

މި ޕެނެލް ޑިސްކަޝަން ތަކުގައި އާންމުން ނަށް ބައިވެރިވެ ޚިޔާލު ފާޅުކުރެވޭނެއެވެ.

އައްޑޫސިޓީގައި އެންމެ ފުރަތަމަ ބާއްވާ ވިޔަފާރިއާއި ގުޅޭ މި މައުރަޒު ރަސްމީކޮށް ހުޅުއްވަވައި ދެއްވެވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމުހޫރިއްޔާ މުޙައްމަދު ނަޝީދެވެ.