English Edition
Dhivehi Edition

އިންޑިއާގެ ހިމާޔަތަށް ކުރީގެ ނާއިބުރައީސް އަހުމަދު އަދީބު އެދިވަޑައިގަތީ ރާއްޖޭގައި އެކަށީގެންވާ ރައްކާތެރިކަން ނެތުމުން ކަމަށް އަދީބުގެ ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ރާއްޖެ ދޫކުރައްވާ ފިއްލަވައިގެން އުޅުއްވަނިކޮށް އަދީބު ހައްޔަރުކުރުމުން އަދީބު ތަމްސީލްކުރާ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމު ކަމަށްވާ “ދަ ގަރްނިކާ ގްރޫޕް”އިން ނެރެފައިވާ ބަޔާނެއްގައި ވަނީ އަދީބު އިންޑިޔާގެ ހިމާޔަތަށް އެދިވަޑައިގަތްކަން ކަށަވަރުކޮށްދީފައެވެ. އަދި ރާއްޖޭގެ ސަލާމަތާ ބެހޭ އިދާރާތަކުން ދަނީ އަދީބު ނުކުރައްވާ ކަންކަމަށް އިއުތިރާފްކުރުވުމަށް ކެނޑިނޭޅި މަޖުބޫރު ކުރުވުމަށް ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ބައިނަލްއަގްވާމީ ޓީމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަދީބު އިންޑިއާއަށް ވަގަށް އެތެރެވެފައިވާ ކަމަށާއި އަދި އޭނާ ހުރީ އިންޑިއާގެ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްބުނެ މީޑިއާތަކުގައި ދައުރުވާ ހަބަރުތަކަކީ ދޮގު ހަބަރުތަކެއް ކަމަށެވެ. އަދީބުގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ބުނީ މި މައްސަލައިގެ ސަބަބުން އިންޑިއާގެ ސިޔާސީ ހިމާޔަތަށް އަދީބު އެދިފައިވާ ކަމަށެވެ.

ބަޔާނުގައި އިތުަރަށް ބުނެފައިވަނީ އަދީބު ލައްވާ އެއްބަސްވުމެއްގައި ސޮއިކުރުވުމަށް ދަނީ ކެނޑިނޭޅި ބްލެކްމެއިލް ކުރަމުން ކަމަށާއި އެގޮތުން ބޭސްފަރުވާ ކުރުމުގެ ފުރުސަތު އަދީބަށް ލިބޭނީ އެ އެއްބަސްވުމުގައި ސޮއިކުރުމުން ކަަަމަށް ބުނަމުންދާ ކަމަށެެވެ. އަދި އެކި ބަޔާންތަކުގައި ސޮއިކުރުމަށް ދަނީ މަޖުބޫރު ކުރުވަމުން ކަމަަށާއި އެބަޔާންތަކުގެ ސަބަބުން އަދީބާއި އާއިލާ އެހެން މެމްބަރުންގެ ފުރާނައަށް ނުރައްކާވާނެ ކަމަށް އަދީބުގެ ވަކީލުން ވަނީ ބުނެފައެވެ. އަދީ އަދީބު މިހާރު ހުންނެވީ ސިޔާސީ ވެފައިވާ ޝަރުއީ ނިޒާމެއްގެ “ވިކްޓިމް”އަކަށް ވެފައި ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އެހެންކަމުން އަދީބުގެ ރައްކަލަކަށް އިންޑިޔާގެ ހިމާޔަތަށް އެދިވަޑައިގަތީ ކަމަށް ވަކީލުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ސަރުކާރުން އަދީބުގެ އެކި ހައްގުތަކަށް އަރައިގެންފައި ވާކަން ފާހަގަކޮށް މި ބަޔާނުގައި ބުނެފައިވަނީ އަދީބަށް އޭނާގެ އަމިއްލަ އިހްތިޔާރުގައި އެއްވެސް ކަމެއް ނުނިންމެވޭ ކަމަށެވެ. އެގޮތުން ސަރުކާރުން ބުނާ ގޮތަށް ނޫން ގޮތަކަށް އެއްވެސް ކަމެއް އަދި އެއްވެސް ތާކަށްވެސް އޭނާއަށް ނުދެވޭ ކަމަށް އަދީބުގެ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައިވެއެވެ.

ދެގައުމުގެ ދޭތެރޭގައި ކޮންމެ ކަހަލަ ގުޅުމެއް އޮތަސް ހިމާޔަތުގައި އަދީބު ބެހެއްޓުމާމެދު ވަކި ގޮތެއް ނިމެންދެން އަދީބު އަނބުރާ ރާއްޖެ ފޮނުވާނުލެވޭނެ ކަމަށް ބުނެ ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް އިންޑިޔާއަށް ވަކީލުން ވަނީ ގޮވާލާފައެވެ.