English Edition
Dhivehi Edition

ހައްޖަށް ދިޔުމަށް ޕެންޝަން ފަންޑުން ނެގޭ ފައިސާގެ އަދަދު 80 ޕަސަންޓަށް ބޮޑުކުރަން ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ގެނައުމުގެ ބިލް މިއަދު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލް ފާސް ކުރުމަށް 70 މެންބަރުން ވޯޓު ދެއްވާފައި ވާއިރު މި ބިލާއި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، ކެނދިކުޅޫދޫ ދާއިރާ މެމްބަރު އަހްމަދު އީސާއެވެ. މެމްބަރު އީސާ ހުށަހެޅުއްވި އިސްލާހަކީ، ޕެންޝަނާ ބެހޭ ގާނޫނުގެ 31 މާއްދާއަށް އިސްލާހުކޮށް، ހައްޖަށް ދިޔުމަށް ޕެންޝަން ފަންޑުން ނެގޭ ފައިސާގެ އަދަދު 80 ޕަސަންޓަށް ބޮޑު ކުރުމަށެވެ. މިހާރު އެ ގާނޫނުގެ ދަށުން ފަނޑުން ފައިސާ ނެގެނީ 50 ޕަސަންޓަށެވެ.

އެ ބިލް ދިރާސާ ކުރުމަށް ފަހު އިޖްތިމާއީ ކޮމިޓީއިން ބިލަށް ބަދަލެއް ގެނެސްފައި ނުވިއަސް ކޮމިޓީން ވަނީ ބައެއް ރެކޮމެންޑޭޝަންތައް ހިމަނާފައިވެއެވެ. އެގޮތުން، ޕެންޝަނާ ބެހޭ ގާނޫނުގެ މަގުސަދު ނުގެއްލޭ ގޮތަށް ގާނޫނު އޮތުމުގެ މުހިންމުކަމާއި، ހައްޖުވުމުގެ އަގު ދެއްކުމަށް ފައިސާ ޖަމާކުރާނެ ޝަރުއީ ހަމަތަކަށް ފެތޭ ވޮލެންޓަރީ ސްކީމެއް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ މެންބަރުންނަށް އަމާޒުކޮށްގެން ހިންގުން މި ރިކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ހައްޖުވުމުގެ އަގުގެ 80 ޕަސަންޓު ދޫކުރަން ޝަރުތު ހަމަވާނީ މަދުވެގެން 420،000 ރުފިޔާ ސޭވިން އެކައުންޓުގައި ހުރުމުން ކަމަށް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށް ވެސް އިޖްތިމާއީ ކޮމިޓީން ރިކޮމެންޑް ކޮށްފައިވެއެވެ.