މިއަހަރު ޙައްޖަށް ދެވޭނެކަމަށް ޙައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި ހުރިހާ އެންމެންނަށް ޙައްޖަށް ދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިކަން ރައީސް އިޢުލާނުކުރެއްވީ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ 2025 ގައި ޙައްޖަށް ދެވޭނެކަމަށް ކޯޕަރޭޝަންގެ ކިއުގައި ތިބި އެންމެހައި ފަރާތްތަކަށް މިއަހަރު ޙައްޖަށް ދެވޭނެކަމަށާއި މިއީ ޒަމާންތަކަކަށް ފަހު, އެއަހަރެއްގައި ކިއުގައި ޖެހިފައިތިބި އެންމެނަށް އެއަހަރު ޙައްޖަށް ދެވޭ ފުރަތަމަ ފަހަރުކަމަށެވެ.
މިއަހަރު ޙައްޖަށް ދެވޭނެކަމަށް ޙައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި ހުރިހާ ފަރާތްތަކަށް މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވާއިރު، ޙައްޖުގެ އަޅުކަން އަދާނުކޮށް ތިބި މީހުންނަށް އިސްކަންދޭގޮތަށް ރާއްޖޭން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލަށް ބަދަލުގެންނެވުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިދިޔަ ޖެނުއަރީމަހުގެ 5 ވަނަ ދުވަހުއެވެ.
އެ ސިޔާސަތަށް ގެނެވުނު ބަދަލުގެ ދަށުން އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުމަށް އުސޫލުގައި ވަނީ ނިންމާފައެވެ. އަދި ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު ޙައްޖު ކޯޕަރޭޝަނުން ވަކި އިންސައްތައެއް ކަނޑައަޅަން ޖެހޭނެއެވެ.
މީގެ އިތުރުން ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކަށް އިތުރު ފުރުޞަތެއް ދެވޭނީ، އެންމެ ފަހުން ޙައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން 5 އަހަރު ވުމުން ކަމަށްވެސް އުޞޫލުގައިވަނީ ބަޔާންކޮށްފައެވެ.