English Edition
Dhivehi Edition

ރާއްޖޭގެ މާކެޓިން އެޖެންސީއެއް ކަމަށްވާ ޓައިޓަން މޯލްޑިވްސް އިން އައްޑޫގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2019 ގެ ޕްރިންޓިންގ ޕާޓްނަރ އަކަށް ކޮންޓްރޯލް ޕީ ހަމަޖައްސައިފިއެވެ.

ހިތަދޫ ބިޒްނަސް ސެންޓަރ ގައި ބޭއްވި ރަސްމިއްޔާތެއްގައި ޕްރިންޓިން ޕާޓްނަރ ގެ ގޮތުގައި ކޮންޓްރޯލް ޕީ ގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ރާފިއު ޖަމީލެވެ. ޓައިޓޭންގެ ފަރާތުން ސޮއިކުރެއްވީ ޓައިޓޭން މޯލްޑިވްސްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރ ޒީނަތު ޙަސަން އެވެ.

އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 3 ގެ ނިޔަލަށް އީކުއޭޓަރ ވިލެޖްގައި ކުރިއަށް ގެންދާ މި މައުރަޒްގެ ޕްރިންޓިން ޕާޓްނަރ ކޮންޓްރޯލް ޕީ އަކީ އައްޑޫގައި ކުރިއަށް ގެންދާ ގިނަ އިވެންޓްތަކުގައި ޕްރިންޓިން ޕާޓްނަރގެ ގޮތުގައި އެހީތެރިކަން ފޯރުކޮށް ދެއްވަވަމުން އަންނަ ފަރާތެކެވެ. އައްޑޫގައި 7 އަހަރު ދުވަސްވަންދެން މެދު ކެނޑުމެއް ނެތި ޚިދުމަތް ދެމުން އަންނަ ކޮންޓްރޯލް ޕީ އަކީ ފުޅާ ދާއިރާއެއްގައި ޕްރިންޓިންގެ ޚިދުމަތް ދެމުން އަންނަ ގިނަ ބައެއްގެ މެދުގައި މަގުބޫލް ތަނެކެވެ. ޕްރިންޓިންގެ އިތުރުން ކެންވަސް ހެދުމާއި ޖާރޒީ އަދި ސެރަމިކް ޕްރިންޓް ކޮށްދިނުންފަދަ ގިނަ ޚިދުމަތްތަކެއް ކޮންޓްރޯލް ޕީއިން އަންނަނީ ކުރަމުންނެވެ.

އައްޑޫސިޓީގައި އެންމެ ފުރަތަމަ ބާއްވާ ވިޔަފާރިއާއި ގުޅޭ މި މައުރަޒުގައި ރާއްޖޭގެ ބައެއް ކުންފުނިތަކުންވެސް ވަނީ ޓައިޓްން މޯލްޑިވްސްއާއެކު ޕާރޓްނަރޝިޕް އެއްބަސްވުންތަކެއް ގާއިމްކޮށްފައެވެ. އޭގެތެރޭގައި ބިޒިނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ ހިމެނެއެވެ. މީގެ އިތުރުން ޝަންގްރިލާ ރިސޯޓާއި އޫރިދޫ، ޕޯޓްސް ލިމިޓެޑް، މޯލްޑިވިއަން، ކޮކާކޯލާ، ތްރީ އެސް، ގަން އެއަރޕޯޓް ކޮމްޕެނީ ކަތަމަރާން އައިލެންޑް މޯލްޑިވްސް އަދި އީކުއޭޓަރ ވިލެޖަކީވެސް މިމައުރަޒުގެ ޕާޓްނަރުންނެވެ. މީގެ އިތުރުން މި މައުރަޒުގައި އެއަރލައިންތަކާއި ރިސޯޓްތަކާއި ގެސްޓްހައުސްތައް، ޓްރަވެލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުން، އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިތައް، ޚިދުމަތްތައް ފޯރުކޮށްދޭ ވިތަފާރިތަކާއި ތައުލީމީ މުވައްސަސާތައް އަދި ސިއްހީ ޚިދުމަތުގެ މަރުކަޒުތައްވެސް ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް ޓައިޓަން އިން ބުނެއެވެ. މައުރަޒުގެ މީޑިއާ ޕާޓްނަރ އަކީ އޭއޯ ނިއުސް އެވެ

މި މައުރަޒު ރަސްމީކޮށް ހުޅުއްވައި ދެއްވަވާނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމުހޫރިއްޔާ މުޙައްމަދު ނަޝީދުއެވެ.