English Edition
Dhivehi Edition

އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 3 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2019 ” ގައި ބައިވެރިވެވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމުހޫރިއްޔާ މުޙައްމަދު ނަޝީދު އައްޑޫސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި މައުރަޒު ގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ނަޝީދު އައްޑޫއަށް ވަޑައިގަންނަވާނީ އޮގަސްޓްމަހުގެ 1 ވަނަ ދުވަހުގައެވެ.

ގަމުގެ އީކުއޭޓަރ ވިލެޖްގައި ކުރިއަަށް ގެންދާ މިމައުރަޒު ރަސްމީކޮށް އިފްތިތާޙް ކޮށް ދެއްވަވާނީ ރައީސް ނަޝީދެވެ.

ރާއްޖޭގެ ވިޔަފާރި ޕްރޮމޯޓްކުރުމާއި ޕީއާރްގެ ކަންކަމަށް ޚާއްސަ ކުންފުންޏެއްކަމަށްވާ ޓައިޓްން މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކުރާ މި މައުރަޒަކީ ޒަމާނީ ވިޔުގަތަކުގެ ތެރެއިން ވިޔަފާރީގެ ގުޅުންތައް ގާއިމުކުރުން މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މައުރަޒެކެވެ.

“މި މައުރަޒުގައި ރާއްޖޭގެ އެކި ގިންތިތަކުގެ ވިޔަފާރިވެރިންނާއި ވިޔަފާރިއަށް ޝައުގުވެރިވާ ފަރާތްތަކުން ބައިވެރިވާނެ. އަދި އެކިކަހަލަ އުފެއްދުންތައް ދެއްކުމާއި މައުލޫމާތު ބަދަލުކުރުމާއި އިންވެސްޓަރުންނަށް ފުރުސަތުތައް ހުރިނެތްގޮތް ކިޔައިދިނުމާއި އަލަށް ވިޔަފާރިއެއް ފަށަންވީގޮތުގެ މައުލޫމާތުދިނުން ފަދަ ކަންކަން ވެސް މައުރަޒުގެ ތެރެއިން ކުރިއަށް ދާނެ” ޓައިޓްން މޯލްޑިވްސްގެ އެމްޑީ އަހުމަދު ޝަރީފުވިދާޅުވިއެވެ.

އައްޑޫސިޓީގައި އެންމެ ފުރަތަމަ ބާއްވާ ވިޔަފާރިއާއި ގުޅޭ މި މައުރަޒުގައި ރާއްޖޭގެ ބައެއް ކުންފުނިތަކުން ވަނީ ޓައިޓްން މޯލްޑިވްސްއާއެކު ޕާރޓްނަރޝިޕް އެއްބަސްވުންތަކެއް ގާއިމްކޮށްފައެވެ. އޭގެތެރޭގައި ބިޒިނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ ހިމެނެއެވެ. މީގެ އިތުރުން ޝަންގްރިލާ ރިސޯޓާއި އޫރިދޫ، ޕޯޓްސް ލިމިޓެޑް، މޯލްޑިވިއަން، ކޮކާކޯލާ، ތްރީ އެސް، ގަން އެއަރޕޯޓް ކޮމްޕެނީ ކަތަމަރާން އައިލެންޑް މޯލްޑިވްސް އަދި އީކުއޭޓަރ ވިލެޖަކީވެސް މިމައުރަޒުގެ ޕާޓްނަރުންނެވެ. މީގެ އިތުރުން މި މައުރަޒުގައި އެއަރލައިންތަކާއި ރިސޯޓްތަކާއި ގެސްޓްހައުސްތައް، ޓްރަވެލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުން، އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިތައް، ޚިދުމަތްތައް ފޯރުކޮށްދޭ ވިތަފާރިތަކާއި ތައުލީމީ މުވައްސަސާތައް އަދި ސިއްހީ ޚިދުމަތުގެ މަރުކަޒުތައްވެސް ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

މައުރަޒު ކުރިއަށް ދާއިރު ވިޔަފާރި ފޯރަމަކާއި އަދި ޕެނެލް ޑިސްކަޝަން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. 4 ދާއިރާއަކަށް ފޯކަސް ކޮށްގެން ބާއްވާ ޕެނަލް ޑިސްކަޝަންގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދާއިރާ ތަކަކީ ފައިނެންސް، ޓްރޭޑް، ސިއްޙީ ދާއިރާ އަދި ޓޫރިޒަމެވެ.

ޖުމުލަ ސާޅީސް އެގްޒިބިޓަރުންނަށް މި އެކްސްޕޯގައި ބައިވެރި ވުމަށް ފުރުޞަތު ދެވޭއިރު 10 އިންސައްތަ އެގްޒިބިޓަރުންނަކީ ބޭރުގެ އެގްޒިބިޓަރުން ކަމުގައި ވާނެކަމަށް ޓައިޓްން އިން ވަނީ ބުނެފައެވެ. އަދި އެކްސްޕޯއަށް ޒިޔާރަތްކުރައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ގިވްއަވޭ ގިފްޓްސް ގެ ގޮތުގައި އަގުބޮޑު އިނާމުތައްވެސް ވަނީ ހުށަހަޅާފައެވެ.

މިއީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކާއި އައްޑޫސިޓީ، ވިޔަފާރީގެ ގޮތުން ގުޅި މާލެއާއި ރާއްޖޭން ބޭރުގެ ބޮޑެތި ބްރޭންޑްތަކަށް އައްޑޫގައި ވިޔަފާރި ކުރުމަށް ހުރި ފުރުސަތު ތަކަކީ ކޮބައިކަން އެނގި ވިޔަފާރިތައް ގުޅުވައިލުމަށް މަގުފަހިވެގެންދާނެ ފުރުސަތެއްގެ ގޮތުގައި އިވެންޓް އިންތިޒާމުކުރާ ފަރާތުން ދެކެއެވެ.

ސަދަން މޯލްޑިވްސް އެކްސްޕޯ 2019 ގެ މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސް އެވެ