English Edition
Dhivehi Edition

އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ހަތަރު ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައީސް ފޮނުއްވި ނަންތައް ވަނީ އިއުލާނު ކުރައްވައިފަ އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސް އަށް ފެނިލައްވާ ހަތަރު ބޭފުޅުންގެ ގޮތުގައި މަޖިލީހަށް ފޮނުއްވާފައިވާ ނަންތަކަކީ:
1. ހުސައިން ފިޔާޒު މޫސާ، އަތަމާގެ / ވިލުފުށީ
2. އަހުމަދު ފަޔާޒް ހަސަން. މ.ހަޒާރީވިލާ
3. އަހުމަދު އާހިދް ރަޝީދު، ހ. ގުރުވަ
4. ފާތިމަތު ސައުސަން. މ. ވެންކޫވަރ

ހުސްވެފައިވާ މި މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ޖުމްލަ ނުވަ ބޭފުޅަކު ކުރިމަތިލެއްވި ކަަމަށް ރައީސް އޮފީހުން ކުރިން ބުނެފައިވެ އެވެ. މީގެ ތެރެއިން ރައީސް މަޖިލީހަށް ފޮނުއްވެވި 4 ބޭފުޅުންގެ ނަން ދިރާސާކުރުމަށް މަޖިލީހުގެ ތަޅުމުން މިހާރު ވަަނީ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަބްދުލް އަޒީޒު ޖަމާލް އަބޫބަކުރުގެ މަގާމުގެ މުއްދަތު ހަމަވީ މިމަހުގެ 22 ވަނަ ދުވަހުގައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ ދައުރަކީ 5 އަހަރެވެ.

2014 ވަނަ އަހަރު ވުޖޫދުވި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުންއުފެދުނު މި މަގާމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ޝަޚްސެކެވެ.