މިނިވަންކަމަކީ ކޮންމެ މީހެއްގެވެސް، އިންސާނީވަންތަކަން ރަމްޒުކޮށްދޭ، އެންމެ މަތިވެރި ސިފަކަމަށާއި، އެއީ އިންސާނީ ޙައްޤުތަކުގެ ތެރެއިން އެންމެ މަތީ ދަރަޖައިގެ ޙައްޤުކަމުގައި ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މިނިވަންކަމަށް 54 އަހަރު ފުރޭ މިއަދުގެ މުނާސަބަތުގައި ދިވެހި ޤައުމާ މުޚާތަބްކުރައްވައި މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މިނިވަންކަމަކީ ކޮންމެ މީހަކު އުފަންވާ ހިނދުން ފެށިގެން، ކޮންމެ މީހަކާ އެކުގައިވާ، އަދި އެއްވެސް މީހެއްގެ ކިބައިން، ހިނދުކޮޅަކަށް ވެސް ނިގުޅައިގަނެވިގެން ނުވާނެ، އިންސާނީ ޝަރަފެއް ކަމަށާއި، ޤައުމެއްގެ ކީރިތިކަމާއި މޫރިތިކަން ބިނާވެފައިވަނީ، އެ ޤައުމެއްގެ ވަކިވަކި ފަރުދުންނަށް މިނިވަންކަން އިޙްސާސްކުރެވޭ މިންވަރެއްގެ މައްޗަށް ކަމުގައެވެ.
” ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި، އެ ޙައްޤުތަކާ ގުޅިފައިވާ މިނިވަންކަމުން ރައްޔިތުން މަޙްރޫމުވާ އެންމެ ހިނދުކޮޅެއްވެސް، މި ޤައުމަށް ކުރިމަތިވެގެންވާނެ ކަމަކަށް ގަބޫލު ނުކުރަން” ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިނިވަން ދުވަހުގެ އުފާވެރި އިޙްސާސްތަކާ ބައްދަލުކުރާ އިރު، އިއްޔެ އަޅުގަނޑުމެންނަށް މިނިވަންކަން ލިބިފައި އޮތް މިންވަރާއި، މިއަދު އެ މިނިވަންކަމުގެ ބޭނުން ހިފަމުންދާ ގޮތާއި، މާދަމާ އެ މިނިވަންކަން އޮންނާން އެދޭ ގޮތާ މެދު ވިސްނައިލުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައެވެ.
“ފުރިހަމަ މިނިވަންކަމެއް އިޙްސާސް ކުރެވޭނީ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާއާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ހިޔާވަހިކަމުގެ ދަށުގައި ތިބެ، ޙާޞިލްކުރަން އެދޭ ކޮންމެ ކަމެއް ޙަޤީޤަތަކަށް ހެދޭނެ ކަމުގެ ޔަޤީންކަން ލިބިގެންވާ މާޙައުލެއް، މިރާއްޖޭގައި އުފެދިގެން. އެފަދަ މާޙައުލެއް އުފެއްދުމަކީ، އަޅުގަނޑުމެން އެންމެންގެ މަސްއޫލިއްޔަތެއް. ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއް.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިނިވަންކަމުގެ މުޅިން އައު އަހަރަކާ ކުރިމަތިލާއިރު، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށްވާނީ، މުޖްތަމަޢުގެ ހަމަޖެހުމާއި އަމާންކަން ޤާއިމްކުރުންކަމަށާއި، އުފާވެރިކަމާއެކު ދިރިއުޅޭ، ގެދޮރުވެރި، ފުދުންތެރި އަދި ފަޚުރުވެރި ޢާއިލާތަކެއް ބިނާކުރުންކަމުގައެވެ.
“ފަރުދީ މިނިވަންކަން އިޙްސާސް ކުރެވޭނީ، އެ މަޤްޞަދު ޙާޞިލްވެގެ. ރާއްޖޭގެ ކަނޑުފަޅާއި، ފަރާއި އެއްގަމާއި، ވަޔާއި ކަނޑުން ގުޅިފައިވާ، މި ބިޔަ ނޫ އިޤްތިޞާދުގެ ނަފާ، ހުރަހެއް ނެތި، ވަކިވަކި ފަރުދުންގެ ޖީބަށް ފޯރައިގެން. ރައްޔިތުންގެ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތްކުރެވި، ޢަދުލު އިންޞާފު ޤާއިމުކުރެވޭނެ ކަމުގެ، އިތުބާރާއި ޔަޤީންކަން ހޯދައިދެވިގެން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެކަންކަން ޙާޞިލްކުރެވޭނީ، އަޅުގަނޑުމެން އެންމެން، އެއް ޢަޒުމެއްގައި އެކަމަށް މަސައްކަތް ކޮށްގެން ކަމަށާ އަދި ދައުލަތުގެ ހުރިހާ ބާރުތަކާއި އެންމެހައި މުއައްސަސާތަކުގެ، ޙަޤީޤީ މަޤްޞަދަކަށް ވާންޖެހޭނީވެސް، ރައްޔިތުންގެ ފަރުދީ މިނިވަންކަން ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޤައުމުގެ މަޞްލަޙަތުގައި މަސައްކަތްކުރާ، ރާއްޖޭގެ ނޫސްވެރިންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުގެވެސް، އެންމެ އިސް އަމާޒަކަށް ހަދަންޖެހޭނީ، ރައްޔިތުންގެ ފަރުދީ މިނިވަންކަމާއި ޙައްޤުތައް ޙިމާޔަތް ކޮށްދިނުންކަމުގައި ވިދާޅުވިއެވެ.
“ރާއްޖޭގެ ޚާރިޖީ އަދި ސިޔާސީ މިނިވަންކަން ދަމަހައްޓައިދޭ މޭސްތިރިންނަކީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުން. އެހެންކަމުން، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި، މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ، ރައްޔިތުން ބާރުވެރިކުރުވައި، ރައްޔިތުންގެ އަޑު އުފުލައިދިނުމަށް. އެހެންކަމުން، ރައްޔިތުންގެ ޙައްޤުތަކަށް ހުރަސްއެޅޭ ގޮތަށް ހުރި ޤާނޫނުތަކާއި އުޞޫލުތައް އުވާލައި، އެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި، ޤާނޫނުތައް އިޞްލާޙްކުރުމުގެ މަސައްކަތް ސަރުކާރުން މިއަންނަނީ ކުރަމުން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
“ޚާރިޖީ ސިޔާސަތުގައި އަޅުގަނޑުމެންނަކީ، ޤައުމުތަކާއެކު ގުޅުން ބަދަހިކުރާ ބައެއް. ހަތުރުވެރިކަމެއް ނެތި، މިތުރުވެރިކަން އިސްކޮށް އާލާކުރާ ޤައުމެއް. ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާކޮށްފައިވާނީ، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، ޑިމޮކްރެސީގެ ހަމަތަކާއި އަގުތައް ނަގަހައްޓައި، މޫސުމީ ބަދަލުތަކަށާއި ތިމާވެށީގެ ޙިމާޔަތަށް އިސްކަން ދިނުމުގެ މައްޗަށް. ޤައުމުތަކާ އެކު އަޅުގަނޑުމެން ގުޅުންތައް ދަމަހައްޓަމުން ދާނީ، މި ތަރަހައިގެ މަތީގައި.” އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެ ތަރައްޤީކުރަން ކިތަންމެ ބޭނުންވިޔަސް، ވަގުތީ މަންފާއަކަށްޓަކައި، މި ލޮބުވެތި ފަސްގަނޑުގެ ކިތަންމެ ކުޑަ ތަންކޮޅެއްގެ މިލްކުވެރިކަންވެސް، ބޭރު ބަޔަކަށް ދޫކޮށްލުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫންކަމަށާއި މުދަލާއި ފައިސާއިން އަގުކުރެވޭ ވަރަށް ވުރެ، މި ޖަޒީރާތަކުގެ ޤަދަރާއި ކަރާމާތް، ދިވެހިންގެ ކުރިމަތީގައި މާ މަތިވެރިކަމުގައި ވިދާޅުވިއެވެ.
“ހުޅުވައިލެވިފައިވާ ދުނިޔެއަކަށް ނޭވާލަމުންދާއިރު، ދުނިޔޭގެ ސިޔާސީ އޮއިވަރަށް ދީލާނުލައި، ޖަޒީރާވަންތަ ޤައުމެއްގެ ގޮތުގައި ރާއްޖެ ތަރައްޤީކުރުމަކީ، މިއަދު އަޅުގަނޑުގެ ކޮނޑުގައި އެޅިފައިވާ އެންމެ މަތީ ޤައުމީ ވާޖިބު.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތްކުރެވި، ޢަދުލު އިންޞާފު ޤާއިމުކުރެވޭނެ ކަމުގެ އިތުބާރާއި ޔަޤީންކަން ހޯދައިދިނުމަށް، ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާނެކަމުގެ ޔަޤީންކަންދެއްވާފައެވެ. އަދި، ސިޔާސީ މިނިވަންކަމާއި އިޤްތިޞާދީ މިނިވަންކަން ދެމެހެއްޓުމަށްޓަކައި، ޤައުމީ ތަރައްޤީގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“ދިވެހި ރައްޔިތުންނަށް އަބަދުވެސް އުފާފާގަތިކަމަށް އެދޭ ޙާލު، ތިޔަ ލޮބުވެތި ރައްޔިތުންގެ ފަރާތުން އަޅުގަނޑު އެދެނީ، ދިވެހީންގެ އަގު އުފުލައިދީ، މި ޖަޒީރާ ރާއްޖޭގެ ތަރައްޤީ އާއި ކުރިއެރުމަށް މަސައްކަތްކޮށްދެއްވުމަށް. ޢަދުލުވެރިކަމާއި ހަމަޔާއި އިންޞާފު ޤާއިމުކުރުމަށްޓަކައި، ވައްކަމާއި ރިޝްވަތާއި ކޮރަޕްޝަނާއި ފަސާދައަށް ނޫނެކޭ ބުނުމުގެ ހިތްވަރު ލިބިގަތުމަށް، ދިވެހި ކޮންމެ ރައްޔިތަކަށް އަޅުގަނޑު އިލްތިމާސް ކުރަން. މިއީ އަޅުގަނޑުމެން އެންމެންގެ ޤައުމު. މި ރާއްޖެ އިޞްލާޙްކޮށް ތަރައްޤީކުރާނީ، އަޅުގަނޑުމެން އެންމެން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.