ބާޣީ އަބްދުﷲ ލުތުފީ ފިލައިގެން އުޅެނިކޮށް އޭނާ އަނބުރާ ރާއްޖެ ގެނެސް ޖަލަށް ލުމަށް ކުރި މަސައްކަތް ކާމިޔާބު ވުމުން އެކަމުގެ އުފަލުގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ބާއްވަން އުޅުނު ޖަލްސާ ބިލެއް މީރުކުރުމަކަށް ބަދަލުކޮށްފި އެވެ.
އުމަރު ނަސީރު ވިދާޅުވީ އެ ޖަލްސާ ބާއްވާނެ ތަނެއް ނުލިބިގެން އެ ޖަލްސާ ކުޑަ ހަފުލާއަކަށް ބަދަލު ކުރީ ކަމަށެވެ. އުމަރު ވިދާޅުވީ މިމަހުގެ 25 ވަނަ ދުވަހު “19 ޝަހީދުންގެ ހަދާނެއް ނުނެތޭ” މި ނަމުގައި ބާއްވަން އުޅުނު ޖަލްސާ މިނިވަން ދުވަހުގެ ހަފުލާ އާއި އެކަން ފުށު އަރާތީ، އެ ޖަލްސާ ކުޑަ ހަފުލާއަކަށް ބަދަލުކުރީ ކަމަށެވެ. އުމަރު ވިދާޅުވީ އެ ހަފުލާ ބާއްވަނީ ބުދަ ދުވަހުގެ ރޭ 21:00 ގައި ސަލްސާ ރޯޔަލްގައި ބިލެތް މީރުކޮށްލުމަކާއެކީ ކަމަށެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ސްރީލަންކާގެ ތަމަޅަ ޓައިގަރުންނާ އެކު ރާއްޖެއަށް އަރާ ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ބާޣީ ލުތުފީ ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލާފައެވެ. އަދި އޭނާ ހޯދުމަށް އުމަރު ނަސީރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ވަރަށް މަސައްކަތް ވެސް ވަނީ ކޮށްފައެވެ. ނަމަވެސް އޭނަ ވީނުވީތަނެއް ނޭގި ހުއްޓާ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ލުތުފީ ހުއްޓާ، އުމަރު ވަނީ އެކަން ފަޅާ އަރުވާލާފައެވެ.