ސަރުކާރުން، ކުޑަ އިންޓްރެސްޓަކާއެކު ގެދޮރު ޢިމާރަތްކުރުމަށް ދޫކުރަން ނިންމާފައިވާ ލޯނަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަމަހުގެ ފަހުކޮޅު ހުޅުވާލާނެކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑެވެލޮޕްމަންޓް އާމިނަތު އާޠިފާ ވިދާޅުވެއްޖެއެވެ.
ވިލުފުށީގައި އިމާރަތްކުރާ ހައުސިންގ ޔުނިޓްތަކާއި ގުޅޭގޮތުން ސުވާލުކުރުމަށް މަޖިލީހަށް ޙާޒިރުކުރުމުން މެންބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން އާތިފާ ވިދާޅުވީ އިންޓްރެސްޓް ކުޑަ ލޯނުތައް ދޫކުރުމާއި ގުޅޭ ގޮތުން ފާއިތުވި ހަމަސްދުވަހުގެ ތެރޭގައި އެމްއެމްއޭއާއި ކަމާގުޅުންހުރި އިދާރާތަކާއި މާލީ އިދާރާތަކާއި އެކު މަޝްވަރާތައްކުރައްވާފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެކަމުގެ ފަހުގެ ޑްރާފްޓްގެ މަސައްކަތްކަމަށާއި އަންނަ މަހުގެ ފަހުކޮޅު އިންޓްރެސްޓް ކުޑަ ހައުސިންގ ލޯން ދޫކުރެވޭނެކަމުގެ އުފާވެރި ޚަބަރު ދެއްވާނެކަމަށް އާތިފާ ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފުޅާކުރުމަށް ފަސް އިންސައްތައާއި ހަ އިންސައްތަ އިންޓްރެސްޓް ހިމެނޭ ލޯން ދޫކުރުމަކީ ސަރުކާރުގެ ވަޢުދެއްކަން ފާހަގަކުރައްވާ އާތިފާ ވިދާޅުވީ އޮގަސްޓްމަހުގެ ފަހުކޮޅު ގެދޮރު އިމާރާތްކުރުމުގެ ލުއި ލޯން ދޫކުރެވޭނެ ކަމަށާއި މިކަމާގުޅޭ ސިޔާސަތުތައް ސަރުކާރުގެ އިދާރާތަކާއެކު އިޢުލާންކުރެވޭނެ ކަމަށެވެ. އަދި މި ލޯނަށް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އެދެވޭނެ ފުރުޞަތު ހުޅުވާލާނެކަމަށް އާތިފާ ވިދާޅުވިއެވެ.