މާވަޑި އަލީވަހީދަކީ އައްޑޫގެ ގިނަ ރައްޔިތުން ދަންނަ ނަމެކެވެ. ޚާއްޞަކޮށް އައްޑޫގެ ޖައްވަށް ތައުލީމުގެ ރޫހާއި ފޯރި ގެނެސްދެއްވި ތައުލީމީ އުސްތާޛެއްގެ ގޮތުގައެވެ.
މީލާދީން 1950 ވަނަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު ހެންވޭރު މާވަޑިގެއަށް އުފަންވި އަލީވަހީދަކީ މާވަޑިގޭ އިބްރާހީމް އާއި މއ.ވިލްނާ ހައްވާ މޫސާާއަށް ލިބިލެއްވި 13 ބޭފުޅުންގެ ތެރެއިން 3 ވަނަ ދަރިފުޅެވެ.
މާލޭގެ މަޖީދިއްޔާ ސްކޫލުން ތައުލީމް ޙާސިލް ކުރެއްވުމަށްފަހު އަލީ ވަހީދު ބޭނުން ވެ ލެއްވީ ޤައުމަށް ޚިދުމަތް ކުރެއްވުމަށް ސިފައިންގެ ތެރެއަށް ވެންނެވުމަށެވެ. ނަމަވެސް އޯލެވެލް އިމްތިހާން ނިންމެވިތަނާ ރާއްޖެން ބޭރު ގައުމަކުން ލިބިލެއްވި އިލެކްޓްރިކާ ބެހޭ ޚާއްޞަ ކޯހެއްގައި ބޭރަށް ދުރުވީ އާާއިލާއިން އެދިލައްވާތީއެވެ.
“އަޅުގަނޑު ނުދާން ވަރަށް މަސައްކަތްކުރިން. ބޭނުންވީ ހަމަ ސިފައިންގެއަށް ވަންނަން. ނަމަވެސް އޭރު ރާއްޖޭގެ ރައީސް ކަމުގައި ހުންނެވި ވެލާނާގޭ އިބްރާހިމް ނާސިރުގެ އެދިވަޑައިގަތުމުގެ މަތިން، ކުރާހިތް ނުވާ ކަމަކަށް ވިޔަސް ދާން ޖެހުނީ. ރައީސް ނާސިރަކީ އާއިލާގެ ވަރަށް ގާތް ބޭފުޅަކަށްވާތީއާއި ރާއްޖޭގެ ވެރިޔާވެސް ކަމަށް ވީތީ” ތައުލީމީ ދާއިރާގައި ކުރިމަތި ލައްވަން ޖެހިލެއްވި ހިތްހަމަނުޖެހުން ހަނދުމަ ކުރައްވަމުން އަލީވަހީދު ކިޔައިދެއްވިއެވެ.
ސްކޮލަރޝިޕް ފުރިހަމަ ކުރެއްވުމަށްފަހު އަލީވަހީދު ރާއްޖެ ވަޑައިގަތީ 1972 ވަނަ އަހަރުގައެވެ. އޭރުގެ ގަވާއިދު ހަމަޖެހިފައި އޮންނަގޮތުން ސަރުކާރުގެ ޚަރަދުގައި ތައުލީމް އުނގެނުމަށްފަހު ސަރުކާރުގެ ބޮންޑެއް އަދާކުރުމަކީ ކޮންމެމީހަކަށް ވެސް މަޖުބޫރުވެފައިވާާ ކަމެކެވެ.
“އަޅުގަނޑަށްވެސް 5 އަހަރުގެ ބޮންޑެއް އަދާކުރަން ޖެހުނު. އެހެންކަމުން އަޅުގަނޑު ގެނެސް ވެއްދީ މާލޭ އިންޖީނުގެއަށް. އެތަނުގައި މަސައްކަތް ކުރާތާ ދުވަސްކޮޅެއްފަހުން ރައީސް ނާސިރުގެ އާރަށުގެ އިންޖީނުގެއަށް ބަދަލުކުރަން ރައީސް ބޭނުންފުޅުވެލެއްވީ. އެކަމަކު އަޅުގަނޑު ފާޅުގައި އެކަމަށް ދެކޮޅު ހެދިން. ކުރާހިތްވާ ކަމެއް ނުކުރެވޭނެ ކަމަށްވެސް ދެންނެވިން” އަލީވަހީދު ވިދާޅުވިއެވެ.
އެދުވަސްވަރު މުހައްމަދު ލުތުފީ އައްޑުއަތޮޅު ހިތަދޫގައި ނޫރާނީ ސްކޫލް އުފައްދަވައިގެން އިނގިރޭސި މުދައްރިސެއްގެ ގޮތުގައި އެސްކޫލުގައި މަސައްކަތް ކުރައްވަން އެދިވަޑައިގަތުމުން އެއީ ނުހަނު ޝައުގުވެރިވެލެއްވި ކަމެއް ކަމުގައި ވެގެންދިޔަ ކަމަށް އަލީވަހީދު ވިދާޅުވިއެވެ. ނަމަވެސް އަދާކުރައްވަން މަޖުބޫރުވެފައިވި ސަރުކާރުގެ ބޮންޑުގެ ސަބަބުން ދެވޭނެ ގޮތެއްނެތިފައި ވަނިކޮށް އާރަށަށް ފޮނުވަން އުޅުމުން އެރަށަން ދާން ބޭނުންނުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ އައްޑޫއަށް ފޮނުވައިދެއްވުމަށް ރައީސް ނާސިރު އަރިހުގައި ދެންނެވިކަމަށް އަލީވަހީދު ވިދާޅުވިއެވެ.
“އެންމެފަހުން ރައީސް ވިދާޅުވީ ބޮޑާހާކަންޏާ ދާތާކަށް ދާށޭ. އެކަމަކު ރާއްޖޭން ބޭރަކަށް ނުދެވޭނެއޭ. އެހާހިސާބުން ބޮންޑުވެސް ދިޔައީ” އައްޑޫއަށް އާދެވުނު ސަބަބު އަލީ ވަހީދު ކިޔައިދެއްވިއެވެ.
އެހާހިސާބުން އައްޑޫގައި، ނޫރާނީސްކޫލްގެ އިނގިރޭސި މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވަން އަލީވަހީދު ފެއްޓެވިއެވެ. އެސްކޫލުގައި 1 އަހަރުވަންދެން މަސައްކަތް ކުރެއްވުމަށްފަހު އެތަނުގައި އެކީ މަސައްކަތްކުރައްވަމުން ގެންދެވި އެހެން ބައެއް މުދައްރިސުންނާއެކު ހިތަދޫ ކޮމަންޑޫގޭގައި “އައްޑޫ އިންގްލިޝް ސްކޫލް” ގެ ނަމުގައި ސްކޫލެއް ހުޅުވާ އައްޑޫގެ ތާރީޚުގައި ފުރިހަމަ، ނަންވިދާ، ކާމިޔާބު ސްކޫލަކަށް އެސްކޫލް ހެއްދެވިއެވެ.
“އޭރު އަޅުގަނޑާއެކުގައި އެންމެ ގާތުން މަސައްކަތް ކުރެއްވި އެއްބޭފުޅަކީ ހިތަދޫ ރޭއަލިވާގޭ އިބްރާހިމް ޒާހިރު (ޔަންމާ ޒާހިރު). ކޮމަންޑޫގޭގައި ސްކޫލް ހުޅުވައި އަދި ހިންގުމުގައިވެސް ގޭގެވެރިފަރާތް ކަމުގައިވާ އަބްދުލްމަޖީދުގެ އަލިދީދީގެ ތުއްތުދީދީގެ އެހީތެރިކަން ވަރަށްބޮޑަށް ލިބިގެންދިޔަ.”
އެދުވަސްވަރަކީ އައްޑޫގެ ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރު ކަމަށްވުމާއެކު އިނގިރޭސިންގެ އެހީތެރިކަންވެސް ވަރަށްބޮޑަށް ލިބިގެންކުރިއަށް ގެންދިޔަ އައްޑޫ އިންގްލިޝް ސްކޫލަކީ މިހާރު ފެންނަން އެހެރަ ހިތަދޫ ސްކޫލްގެ ފެށުމެވެ.
ދެދަންފަޅިއަކަށް ބަހާލައިގެން ގްރޭޑް 1 އިން ފެށިގެން 7 އާއި ދެމެދުގެ ކްލާސްތަކަށް ކިޔަވައިދެއްވުމުގައި އަލީވަހީދު އިސްވެރިއެއްގެ ގޮތުގައި ހުންނަވައިގެން ކުރެއްވި މަސައްކަތުގެ ނަތީޖާއެެއްގެ ގޮތުން ސްކޫލަށް ދިއުމުގެ ފުރުސަތު ލިބިފައިނެތް ގިނަ ދަރިންތަކަކަށް އެފުރުސަތު ފަހިވެ ވާދަވެރި މާހައުލެއްގައި ތައުލީމް ހާސިލް ކުރާ ދަރިވަރުން އިތުރުވެގެން ދިޔައެވެ. ތައުލީމު އުނގެނުމުގެ ފޯރި އާއި ޖޯޝު އައްޑޫގެ ދަރިންގެ ހިތްތަކުގައި އަށަގަނެގެން ދިޔައެވެ. ކިޔެވުމުގެ އިތުރުން ކެޑެޓާއި ގާލްގައިޑް އަދި އެތްލެޓިކްސް ފަދަ ހަރަކާތްތައް އައްޑޫގައި ފަށައިގެން ކުރިއަށް ގެންދެވިއެވެ.
މިހާރުވެސް ހިތަދޫސްކޫލްގެ ދަރިވަރުން ސްކޫލް ލަވައެއްގެ ގޮތުގައި ބޭނުން ކުރަމުންދާ “ފިދާވެދާނީ. ސްކޫލް ހިތަދޫ…” މިލަވައަކީ އައްޑޫ އިންގްލިޝް ސްކޫލުގެ ސްކޫލް ލަވައިގެ ގޮތުގައި އަލީވަހީދު ހައްދަވާ އެސްކޫލްގައި ބޭނުންކުރި ލަވަކަމަށް އަލީވަހީދު ވިދާޅުވިއެވެ.
ފުރިހަމަ 10 އަހރުވަންދެން އައްޑޫގައި އަލީވަހީދުގެ ޚިދުމަތް އައްޑޫގެ ދަރިންނަށް ލިބެމުން ދިޔަނަމަވެސް 1984ގައި ހެޑްމާސްޓަރ ޓްރެއިނިންގ ކޯހަށް އަލީވަހީދު ވަޑައިގަތުމުން މަޑުމަަޑުންގޮސް އަލީވަހީދުގެ ނަން ފަނޑުވެގެން ދިޔައެވެ. ޕްރައިވެޓް ސްކޫލެއްގެ ގޮތުގައި ހިންގަމުން ދިޔަ އައްޑޫ އިންގްލިޝް ސްކޫލްވެސް ހިތަދޫ ސްކޫލްގެ ނަމަށް ބަދަލުވެ، މަޑުމަޑުންގޮސް ސްކޫލްވެސް އުވިގެން ނެތިގެން ދިޔައެވެ. ފަހުން ހިތަދޫސްކޫލް ސަރުކާރުގެ ސްކޫލަކަށް ބަދަލުވެ އެހެން އިމާރާތެއްގައި ހިންގަން ފެށުމުން ކޮމަންޑޫގޭގައި ފޯރިއާއެކު ހިންގި އިމާރާތް ބާވެ، ބޭނުން ނުކުރެވޭ ފެންވަރަށް ވީރާނާވެގެން ވަނީ ގޮސްފައެވެ.
ނަމަވެސް އަހަރުތަކަކަށް ފަހު އަލީވަހީދުގެ ޚިދުމަތް އަނެއްކާވެސް އައްޑުއަށް މިހާރު ދަނީ ލިބެމުންނެވެ. އެވްރީވަންސްލާނިން ސެންޓަރުގެ އައްޑޫގޮފީގެ މެނޭޖަރެއްގެ ގޮތުގައި އަލީވަހީދުގެ ނަން އަނެއްކާވެސް އައްޑޫގެ ދަރިންގެ ހިތްތަކުގައިވަނީ އާލާވާން ފަށާފައެވެ.
ހިތަދޫ މިއަރެންގޭ އައިޝަތު ނިސްރީން އާއި ކައިވެނިބައްލަވައިގެން ހިތަދޫގައި ދިރިއުޅުން ފަށްޓަވާފައިވާ އަލީވަހީދަކީ އައްޑޫގެ ތާރީޚުގައި ފަޚުރުވެރިކަމާއެކު ނަންފަވާލެވޭނެ ދަރިއެކެވެ. އައްޑޫގެ ތައުލީމަށް އިންގިލާބެއް ގެނެސްދެއްވެވި އުސްތާޛެކެވެ.