English Edition
Dhivehi Edition

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ނައިބް ރައީސް ފައިޞަލް ނަސީމް، ކަމާބެހޭ އިދާރާތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައިި މާލެ ސިޓީކައުންސިލްގެ މެންބަރުންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި،މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އިސް ފަރާތްތަކުން ވަނީ މަގުތަކުގެ އަމާންކަން ބަލަހައްޓައި، މަގުތައް ބޭނުންކުރާ ފަރާތްތަކުގެ ފަސޭހައަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން ވާހަކަދައްކާފައެވެ. އަދި މަގުމަތީގެ ރައްކާތެރިކަމަށްޓަކައި ކުރިޔަށްގެންދިޔުމަށް ރާވާފައިވާ ކަންތައްތަކާއި، މިކަންތައްތަކަށް ހުރި ގޮންޖެހުންތައްވެސް ވަނީ ނައިބް ރައީސް އާއި ޙިއްޞާކުރައްވައިފައެވެ.

މީގެ އިތުރުން ނައިބު ރައީސް ވަނީ މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ކުރިޔަށްގެންދާ ޕްރޮގްރާމްތައް ކުރިޔަށްދާ މިންވަރު އޮޅުންފިލުއްވައި، ލަސްވަމުންދާ ކަންކަން އަވަސްކުރެވޭނެ ގޮތަކީ ކޮބައިތޯ ބެއްލެވުމަށް އެދިވަޑައިގެންފައެވެ.