English Edition
Dhivehi Edition

ސ.ހިތަދޫ ފިސްފިސާގޭ އަބްދުލް ޙަމީދު އަލިދީދީ އަކީ އައްޑޫއަށް އުފަންވި ހުނަރުވެރި ލިޔުންތެރިއެކެވެ. އައްޑޫގެ ތާރީޚް ދިރާސާކުރައްވާ ތާރީޚާ ބެހޭ އަގުހުރި މަސައްކަތްތަކެއް މުޖުތަމައަށް ފޯރުކޮށްދެއްވާފައިވާ އިލްމީ ބޭފުޅެކެވެ. ލިޔުންތެރިކަމުގެ ރޮނގުން ގައުމީ އިނާމާއި ރަންގަލަން ހާސިލް ކުރައްވާފައިވާ ނަމޫނާ ބޭފުޅެކެވެ.
އަބްދުލް ޙަމީދު އަލިދީދީ އެންމެ ފުރަތަމަ ކިޔަވާ ވިދާޅުވީ ހިތަދޫގައި އޭރު މަދުރަސާއެއްގޮގޮތުން ހުރި މަދުރަސަތުލްޙުސައިނިއްޔާއިންނެވެ. އެއަށްފަހު ޢަރަބިއާއި އަދި އެހެނިހެން ރޮނގުރޮނގުން ތަޢުލީމު ޙާސިލްކުރެއްވީ ބައްޕައާއި ، ހިތަދޫ މޫސަލްމުޞްޠަފާއާއި މާލެއިން އައްޝައިޚް އަޙުމަދު ޝާޠިރުއާއި އަލްއުސްޠާޛު މޫސާ ފަތުޙީގެ އަރިހުންނެވެ.
ކިޔަވާ ވިދާޅުވުމަށްފަހު އެންމެ ފުރަމަވެސް ވަޒީފާއެއްގެ ގޮތުން އަބްދުލް ޙަމީދު އަލިދީދީ އަދާކުރެއްވީ ނައިބު އޮފީހުގެ ކާތިބުކަމެވެ. އެއަށްފަހު ޝަރުޢިއްޔާގެ ކާތިބުކަމާއި ރަށު އޮފީހުގެ ކާތިބުކަންވެސް ކުރެއްވިއެވެ. އޭގެ ފަހުންވެސް ދެވަނަ ފަހަރަށް ޝަރުޢިއްޔާގެ ކާތިބުކަން ކުރައްވަމުން ގޮސް ޢަފީފުގެ ދައުރު ބަދަލުވެ 1953 ވަނަ އަހަރު ނައިބު އޮފީހުގެ ކާތިބުކަން ލިބިވަޑައިގަތެވެ. އެއަށްފަހު 1967 ގައި މާލެއިން ޤާޟީކަން ކިޔަވާ ވިދާޅުވެ ވަޑައިގެން 1968 ވަނަ އަހަރު ޤާޟީކަން ވެސް ކުރެއްވިއެވެ. ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ސްކޫލްތަކުގައި ކިޔަވާ ދިނުމުގެ މަސައްކަތްވެސް ކުރައްވާފައިވެއެވެ. އޭގެ ތެރެއިން 1970 ވަނަ އަހަރު ޙުސައިނިއްޔާގައި ކިޔަވާ ދެއްވާ، އެންމެފަހުން އައްޑޫ އިންގްލިޝް ސްކޫލްގެ މުދައްރިސްކަންވެސްވަނީ ކުރައްވާފައެވެ. އަދި 1967ގައި އަބްދުލް ޙަމީދު އަލިދީދީ ހިތަދޫ ކުޑަކަތީބުކަން ލިބިލެއްވިއެވެ. އޭގެ ފަހުންވެސް ޤާޟީކަން ކުރުމަށްފަހު ފަހުން ކަތީބުކަމަށް ބަދަލުވެ ވަޒީފާއިން ވަކިވާ ޢުމުރު ހަމަވީ އެވަޒީފާގައި ހުންނަވަނިކޮށެވެ.

އަބްދުލް ހަމީދު އަލިދީދީ ވަނީ ތަފާތު ރޮނގުން ކޯސްތައް ހައްދަވާފައިވެއެވެ. އޮފީހުގެ ފަރާތުން ބައިވެރިވި އެޑްމިނިސްޓްރޭޓިވް ކޯސްތަކާއި ކަތީބުން ތާޒާ ކުރާ ކޯހާއި ޤާޟީ ކަމުގެ ސެޓްފިކެޓާއި ހުކުރުކުރުމުގެ ސަނަދުފަދަ އެތައް ސަނަދެއް ލިބިވަޑައިގެންނެވިއެވެ. އިޖުތިމާޢީ ގޮތުން ރަށުގައި ކުރެވޭ އެއްވެސްކަމެއް ބައިވެރިވެ ވަޑައިނުގަންނަވާ ކަމެއް ނުކުރެވެއެވެ. ހިތަދޫ ކޮރޮވަލި ފާލަން ހެދުމާއި ބިން ހިއްކުމާއި ލިންކު ރޯޑު ހެދުން ފަދަ ބޮޑެތިކަންކަމުގައި އެންމެ އިސްކޮށް އުޅުއްވި އެއްބޭފުޅަކީ ޢަބްދުލްޙަމީދު އަލިދީދީއެވެ. ރަށް ކުރިއަރުވާ ކޮމެޓީއާއި އަވަށު ކޮމެޓީފަދަ ކަންކަމުގައިވެސް ޒިންމާދާރުކަމާއެކު މަސައްކަތް ކުރެއްވިއެވެ.

ލިޔުންތެރިކަމުގެ ދާއިރާގައި ވެސް އަބްދުލް ޙަމީދު އަލިދީދީ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މިގޮތުން ޙުސައިނިއްޔާގައި ކިޔަވާ ދެއްވިއިރު ” ތަޢުލީމީ ރޫޙުގެ” ނަމުގައި މަޖައްލާއެއް ނެރުއްވިއެވެ. އަދި އޭގެ ފަހުން އައްޝިއާރު ކިޔާ މަޖައްލާއެއްގައި އެޑިޓަރެއްގެ ގޮތުން މަސައްކަތް ކުރައްވާ ލިޔުއްވާ ހެއްދެވިއެވެ. މީގެ އިތުރުން ހިތަދޫގައި ނެރެވުނު ބިނާ ކިޔާ މަޖައްލާއަކަށްވެސް ލިޔުއްވިއެވެ. އަދި މިނޫނަސް ސަރުކާރުގެ އެކިއެކި ފޮތްތަކަށްވެސް ލިޔުއްވާފައިވެއެވެ. މީގެ އިތުރުން ރަށުބަހުންނާއި ދިވެހިބަހުން ތަފާތު ޅެން ހައްދަވާފައިވެއެވެ. ހިތަދޫގެ ތާރީޚާއި ބެހޭ މައުލޫމާތު ސަރުކާރުން އެއްކުރެއްވިއިރު އެކަމުގައިވެސް ޢަމަލީ ގޮތުން މަސައްކަތް ކުރެއްވިއެވެ. ލިޔުއްވުމުގެ އިތުރުން ޗާޕުވެސް ކުރެއްވިއެވެ. 1990 ގައި ރައީސުލްޖުމުހޫރިއްޔާ ދެއްވާ ޤައުމީ ހިތްވަރު ދިނުމުގެ ޢިނާމާއި ގަލަން ލިބިވަޑައިގެންނެވިއެވެ.
ދާދިފަހުން ފޯއްމުލަކުގައި ބޭއްވި ޅެންވެރިންގެ ދުވަހުގެ ޕްރޮގްރާމުގައި ހިތަދޫން ބައިވެރިވި 4 ބޭފުޅުންގެތެރޭ ހިމެނިވަޑައިގެން އައްޑޫ ބަހުގެ ދުވަސްވީ ޅެމާއި ބަނދިފަދަ އަދަބީ ލިޔުއްވުންތައް އެއަށް އަބްދުލް ޙަމީދު އަލިދީދީ ވަނީ ހުށަހަޅުއްވާ ދެއްވަވާފައެވެ.
އައްޑޫ މަޝްހޫރު ރަނިން ހަނާ ފެންގަނޑުގެ ވާހަކަ ދެނެވަޑައިގަންނަވާ މަދުބޭފުޅުންގެތެރޭގައި ވެސް އަބްދުލް ޙަމީދު އަލިދީދީ ހިމެނިވަޑައިގަންނަވައެވެ.
އަބްދުލް ޙަމީދު އަލިދީދީ ކުރެއްވީ އެއްކައިވެންޏެވެ. ކައިވެނި ބައްލަވައިގެން ހުންނެވީ ހިތަދޫ މޫސާދީގެ ޙަސަންދީދީގެ ފަރީދާއާއެވެ. 4 ފިރިހެން ކުދިންނާއި 2 އަންހެން ކުދިން ލިބިވަޑައިގެންނެވިއިރު އެހުރިހާ ކުދިންވެސް ދުނިޔޭގައި އެބަތިއްބެވެ. މިހާރު ކާފަކިޔާ ކުދިން ވެސް އެބަތިއްބެވެ. އަބްދުލް ޙަމީދު އަލިދީދީއަކީ ޓީވީއެމުން ބޭއްވި ލާމަސީލު މާމަކާފަ ޕްރޮގްރާމުގައި ފަހުބުރަށް ވަޑައިގެންނެވި ހަރުދަނާ ކާފައެކެވެ.
އަބްދުލް ޙަމީދު އަލިދީދީ މިވަގުތު ހުންނެވީ މުސްކުޅި ކުރެއްވުމުން ގޭގައެވެ.