ރައީސުޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އައްޑޫ ސިޓީ އަށް މިއަދު ވަޑައިގެންފިއެވެ. ނައިބު ރައީސް އައްޑޫސިޓީ އަށް ވަޑައިގެން މިއަދު ވަނީ މިހާރު އައްޑޫ ސިޓީ ސްޓޭޑިއަމްގައި ކުރިއަށްދާ ޔޫއެފާ 15 އަހަރުން ދަށުގެ އިންޓަނޭޝަނަލް ޓޯނަމެންޓު ޝަރަފުވެރި ކޮށްދެއްވާފައެވެ.
މި މުބާރާތަކީ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ޔޫތު މިނިސްޓްރީ އަދި ޔޫއޭފާ ގުޅިގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ ބައިނަލް އަޤުވާމީ މުބާރާތެކެވެ. މި މުބާރާތުގައި ދިވެހިރާއްޖޭގެ އިތުރުން ސައުދީ އަރަބިއްޔާ، ބޫޓާން އަދި ލަޓްވިޔާގެ 15 އަހަރުން ދަށުގެ ޤައުމީ ޓީމުން ވާދަކުރެއެވެ.
މޯލްޑިވްސް ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ރާއްޖޭގެ ޤައުމީ ޓީމުގެ ޖަރޒީ ހަދިޔާ ކުރަށްވާފައެވެ.
މި މުބާރާތުގެ ފުރަތަމަ މެޗު މިއަދު ހަވީރު 16:00 ގައި ފެށިއިރު މިއަދުގެ މެޗުގައި ބައްދަލުކުރާނީ ރާއްޖެ އާއި ބޫޓާންއެވެ. މި މުބާރާތަށްޓަކައި އައްޑޫސިޓީ ފުޓްބޯޅަ ސްޓޭޑިއަމް ވަނީ ވަރަށް ފުރިހަމަޔަށް ތައްޔާރު ކޮށްފައެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގައެވެ. ފައިނަލް މެޗުގައި ބައްދަލު ކުރާނީ ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމުންނެވެ.

މޯލްޑިވްސް ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ރާއްޖޭގެ ޤައުމީ ޓީމުގެ ޖަރޒީ ހަދިޔާ ކުރެއްވުން