English Edition
Dhivehi Edition

ބައިނަލް އަގުވާމީ ތެލަސީމިއާ ދުވަސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަގަކުރަމުންދާއިރު އެބަލީގެ ވޭނުގައި މުޅި ހަޔާތް ހޭދަކުރަމުންދާ ކުދިންނާއި މީހުން، އެބަލީގައި ދިރިއުޅުމާއި ހަނގުރާމަ ކުރަމުންދާގޮތަކީ އަޅުގަނޑުމެން ސިއްޙަތު ސަލާމަތުން ތިބި މީހުންނަށް އިޙްސާސް ކުރެވޭނެ ކަމެއް ނޫންކަން ޔަގީނެވެ. ދިރިހުރުމަށްޓަކައި ލޭފޮދަކަށް އެދި ސަލާމްޖަހަމުން މުޅި ދިރިއުޅުން އެހެންމީހުންނަށް ބަރޯސާ ވެގެން އުޅޭން ޖެހުމަކީ ހަގީގަތުގައި ވެސް ވޭން ހުރިކަމެކެވެ.
ސ.މަރަދޫ އަތަގަސްދޮށުގޭ އުމުރުން 20 އަހަރުގެ ހަމްދޫން ނާސިރު އަކީ ތެލަސީމިއާ ބަލީގައި އުމުރުގެ ދުވަސްތައް ގުނަންޖެހިފައިވާ އެހެންނަމަވެސް ހިތްވަރުގަދަ ކެރޭ ޒުވާނެކެވެ. ގައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހުގައި އައިޓީ ދާއިރާއިން ޑިޕްލޮމާ ހަދަމުންދާ ހަމްދޫން މުސްތަގުބަލަށް ކުރާ އުއްމީދު ވަރަށް ފޮންޏެވެ. އާދައިގެ ދިރިއުޅުމެއް އުޅެމުންދާ ހަމްދޫން ބުނީ “ކަށިހަރަން ޖެހުމުން ކުޑައިރު ވަރަށް ރޮއިހަދަން. އެކަމަކު މިހާރު އެކަމަށް ހޭނި އާދަވެއްޖެ. އެހެންވެ މާބޮޑު އުނދަގުލަކާ ކުރިމަތިލާން ނުޖެހޭ” ކަމަށެވެ.
ކިތަންމެ ވޭނުގައި އުޅެން ޖެހިފައިވިނަމަވެސް ހަމްދޫންގެ ވާހަކަ ހުރީ ވަރަށް ހިތްވަރުގަދަ މީހެއްގެ ވާހަކަ ހުންނާނެގޮތަކަށެވެ.
އައްޑޫއޮންލައިން ނޫހުގެ އޮފީހުގައި ހުރެގެން ނޫހަށް އިންޓަވިއު ދެމުން ދިޔައިރު ހަމްދޫންގެ މޫނުމަތިން ފާޅުވަމުން ދިޔައީ ހަރުދަނާ ކަމެވެ. ކިތަންމެ ބަލިވެފައި އެއުމުރުގެ އެހެން ޒުވާނުންނަށް ވުރެ އިސްކޮޅުން ކުޑަ ނަމަވެސް ހަމްދޫންގެ ވާހަކަތައް ވަރަށް ބުއްދިވެރިއެވެ.
ހަމްދޫން ބުނިގޮތުގައި އޭނަގެ މަންމަޔާއި ބައްޕައަށް 11 ކުދިން ލިބި އެތަނުން 4 ކުދިން ނިޔާވެފައިވާއިރު ދުނިޔޭގައި ތިބި 7 ކުދިންގެ ތެރެއިން އޭނައަކީ އެންމެ ހަނގުކުއްޖާއެވެ. 2 ދައްތައިންނާއި 4 ބޭބެއިންނަކީ ހަމަ އާދައިގެ ދިރިއުޅުމެއް ހޭދަކުރަމުންދާ ބައެއްނަމަވެސް ހަމްދޫން އަކީ އާއިލާގައި ހުރި ހަމައެކަނި ލޭއަޅާ ކުއްޖާއެވެ.
“”ވެދާނެ މަރުވި ކުދިންނަކީ ވެސް ތެލަސީމިއާ ކުދިން ކަމަށް. އޭރުގައި ދެން އެހާ އެވެއަރ އެއްނޫން. އެހެންވީމާ ނޭނގުނީ ކަންނޭގެ” ހަމްދޫން ބުންޏެވެ.
އުމުރުން 9 އަހަރު ވަންދެން ހަފްތާއަކު އެއްފަހަރު އަދި މިހާރު މަހަކު އެއްފަހަރު، އޭ ޕޮޒިޓިވް ލޭ އަޅަންޖެހޭ ހަމްދޫން ބުނީ ލޭހޯދުމުގައި ކުރިން ވަރަށް ދަތިތަކާއި ކުރިމަތިލާން ޖެހުނުކަމަށާއި ނަމަވެސް ސޮބްރީބޭބެގެ އެހީތެރިކަމާއެކު އެކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެން ދިޔަ ކަމަށެވެ.
“ސޮބްރީބޭބެ މީހުން ހޯދާ އެމީހުން ސެޓްކޮށްފައި ލޭ ލިބޭނެ ގޮތް ހަދާދީފައި ހުންނަނީ. އެގޮތަށް އެހީތެރިކަން ލިބެން ފެށުމުން ވަރަށް ބޮޑަށް ފަސޭހަވެގެން ދިޔަ. އެހެންކަމުން އަބަދުވެސް ސޮބްރީބޭބެއަށް ޝުކުރުވެރިވަން” ކަމަށް ހަމްދޫން ބުންޏެވެ.
މަރަދޫ ސްކޫލުން ތައުލީމީ ހަޔާތްފެށި ހަމްދޫން ގްރޭޑް 10 ނިންމީ އިރުޝާދިއްޔާ ސްކޫލުންނެވެ. ހަމްދޫން ބުނި ގޮތުގައި ލޭއަޅާ ބަލިކުއްޖެކޭ ކިޔާފައި ސްކޫލްގައި އެއްވެސް ކަހަލަ ދައްޗަކާ ކުރިމަތި ނުވާކަމަށާއި މުދައްރިސުންނާއި އެކުވެރިކުދިން ވެސް ވަރަށް ރަނގަޅުވެފައި ގުޅޭ ކަމަށެވެ.
“ކުޑައިރު މަންމަމެން ބުނާނެ ކުޅިވަރު ނުކުޅޭށޭ އެކަމަކު ހަމަ ފުޓްބޯޅަ ވެސް ކުޅެން. ވަކި އުނދަގުލެއް ކުރިމައްޗެއް ނުވޭ. ދެން އިރުޝާދިއްޔާއަށް ދިޔަ ފަހުން ބެޑްމިންޓަންވެސް ކުޅެން” ކަމަށް ހަމްދޫން ބުންޏެވެ.
ހަމްދޫން ބުނިގޮތުގައި އޭނަ އެންމެ އުފާވީ އޯލެވެލްގައި ބައިވެރިވެރިވެ ހުރިހާ މާއްދާއަކުން ފާސްވުމުން ކަމަށެވެ. އަދި އޭގެ ފަހުންވެސް ކިޔެވުމާއިގެން ކުރިއަށް ދާ ކަމަށާއި ސްކޫލް ނިންމުމަށްފަހު ފްރޮންޓް އޮފީސް އާއި އަދި އިލެކްޓްރިކް ވަޔަރިން ކޯސް ވެސް ހަދާފައިވާ ކަމަށެވެ. މިހާރު އައިޓީ ދާއިރާއިން ކިޔަވަމުންދާ ހަމްދޫން ބުނީ އައިޓީ ދާއިރާއަކީ މުސްތަގުބަލުގައި ކުރިއަށްދާން ބޭނުންވާ ދާއިރާ ކަމަށާއި އިތުރު ތައުލީމު އުނގެނޭނެ ފުރުސަތު ލިބިއްޖެނަމަ އަދިވެސް ކުރިއަށް ދާނެކަމަށެވެ.
ބޭރު ގައުމަކުން އެފަދަ ޗާންސެއް ލިބިއްޖެނަމަ ކިޔަވަން ދާނަންތޯ ސުވާލުކުރުމުން ހަމްދޫން ބުނީ “އޭރަކު އޮތް ސިޓުއޭޝަނަކަށް ބަލާފައި ބުނަން އެނގޭނީ” ކަމަށެވެ.
2002 ވަނަ އަހަރު މާބޮޑަށް ބަލިވެ އިތުރު މައްސަލަތައް ދިމާވާން ފެށުމާއި ގުޅިގެން މާލެގޮސް ބޮޑުއޮޕަރޭޝަނެއް ކޮށް ހުންކޮށި ނަގާފައިވާ ކަމަށް ހަމްދޫން ބުންޏެވެ.
ހަމްދޫން ބުނީ އެންމެ އުނދަގޫވާކަމަކީ ޑެސްޕެރޯލް އިންޖެކްޝަން ޖަހަން ޖެހޭތީ ކަމަށެވެ.
“އެއީ ވަރަށް އުނދަގޫކަމެއް. އެ އިންޖެކްޝަން ގުޅައިގެން 8 ގަޑިއިރު އޮންނަން ޖެހޭނެ. ކުރީގައި ދޮންބެ އެ ގުޅައިދެނީ. އެކަމަކު މިހާރު އަމިއްލައަށް ގުޅަނީ. އާންމުކޮށް ޑެސްޕެރޯލް ގުޅަނީ ރޭގަނޑު ނިދާއިރު” ކަމަށް ހަމްދޫން ބުންޏެވެ.
ހަމްދޫން ބުނީ އޭނައަށް ބޭނުންވާ ލޭ ހޯދުމުގައި އާއިލާގެ އެންމެންގެ އެހީތެރިކަމާ އެއްބާރުލުން ލިބޭކަމަށާއި ވަކިން ޚާއްޞަކޮށް މަންމަގެ އެހީތެރިކަން ފާހަގަ ކުރާ ކަމަށެވެ.
“ކުރީގައި މީހުން ބިރުގަނޭ ލޭ ދޭންވީމަ. އޭރު އެހާ އެވެއާ އެއްނޫން. އެކަމަކު މިހާރު އެކަހަލަ މައްސަލައެއް ނެތް. މިހާރު ހުންނަނީ ކުރިއަށް މީހުން ހޯދާ ތައްޔާރުކޮށްފައި” ކަމަށް ހަމްދޫން ކިޔައިދިނެވެ.
ހަމްދޫން ބުނީ ސ.ރީޖަނަލް ހޮސްޕިޓަލުންވެސް ވަރަށް އެހީތެރިވާ ކަމަށާއި އެތަނުގެ އެންމެންވެސް ވަރަށް ރަނގަޅުކަމަށެވެ.
ނިންމާލަމުން ހަމްދޫން ބުނީ “އަސްލު ތެލަސީމިއާ ކުދިންނަކީ މީދާ ދަންތުރައެއްގައި އުޅޭ މީދަލެއްފަދައިން ވަރަށް ހާލުގައި އުޅޭ ބައެއް ކަމަށާއި ދެމީހަކު ކައިވެންޏެއް ކުރާއިރު ތެލަސީމިއާ ޓެސްޓްކުރުން ވަރަށް މުހިންމު” ކަމަށެވެ.
އައްޑޫއޮންލައިން ނޫހުގެ ފަރާތުން ހަމްދޫން އަށް ފާގަތި މުސްތަގުބަލަކަށް އެދެމެވެ.