ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހުންނާއި 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެކެވެ. މި ތިން މީހުން ހައްޔަރުކޮށްފައިވަނީ މާލޭގެ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި ޖުލައި މަހުގެ 16 ވަނަ ދުވަހުގެރޭ 20:10 އެހާކަށްހާއިރު މާލޭގެ ގެއެއްގެ ކޮޓަރިންކަމަށް ފުލުހުންވަނީ ބުނެފައެވެ
މިއޮޕަރޭޝަންގައި، އެމީހުން އެވަގުތު ތިބި ކޮޓަރި ބަލައިފާސްކުރިއިރު އެ ކޮޓަރި ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 17 ދަޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 2 ރަބަރު ޕެކެޓާއި މަސްތުވާތަކެތިި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއްވަނީ ފެނިފައެވެ.މިހާރު މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.