English Edition
Dhivehi Edition

އައްޑޫ ސިޓީ މަރަދޫފޭދޫ ލިލީމާގޭ އަޙުމަދު ޒާހިރާއި ރަޝީދާ މުޙައްމަދުގެ ތިއްބެވި އުފަން 14 ކުދިންގެ ތެރެއިން ޙުސައިން ޒާހިރަކީ ކީރިތި ޤުރުއާން ކިޔެވުމުގައިޔާއި، ޤުރުއާން އުނގަންނައި ދިނުމުގައި މަސައްކަތް ކުރާ ޒުވާނެކެވެ.
1979 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދުށް ، މިއަންނަ ހޯމަ ދުވަހު 34 އަހަރު ފުރޭ ޙުސައިން އަކީ ޢާއިލާގައި ތިބި 14 ކުދިންގެ ތެރެއިން 12 ވަނަ ، އަދި މުޅިއެކު ތިބި 4 ފިރިހެން ކުދިންގެ ތެރެއިން 3 ވަނަ އެވެ. DSC05122
ޙުސައިން ކުޑައިރު އެންމެ ފުރަތަމަ ފަށާތަޢުލީމު އުނގެނުނީ މަރަދޫފޭދޫ ސްކޫލުންނެވެ. އެއަށްފަހު އިރުޝާދިއްޔާއިން ތަޢުލީމު ޙާސިލް ކުރުމަށްފަހު އޭރު ހިތަދޫގައި ހުންނަ ޢަރަބި މީޑިއަމަށް ކިޔަވާދޭ އަލްމަދަރަސަތުލް އިސްލާމިއްޔާ އިން ތަޢުލީމު ހާސިލް ކުރިއެވެ. އޭރުވެސް މިސްކިތްތަކަށް ނަމާދަށް ގޮސް، ބަންގީގެ އަޑު އަހާ، ރީތި ރާގަށް ބަންގި ގޮވަން މަސައްކަތް ކުރިއެވެ. އިސްލާމިއްޔާއިން ނިމިގެން މާލެ ގޮސް މައުޙަދުއްދިރާސާތުލް އިސްލާމިއްޔާ ގައި ތައުލީމު ހާސިލް ކުރަމުންގޮސް ދެއަހަރު ފަހުން ޕާކިސްތާނަށް ކިޔަވަން ދިއުމުގެ ފުރުސަތު ހުސައިން އަށް ލިބުނެވެ. އެތާނގައި ދެވުނު ޓެސްޓުން ފާސްވެ ޙުސައިން ކިޔެވުން ފެށީ ތިންވަނަ ކިލާހުންނެވެ. ޕާކިސްތާނުގައި އެއް އަހަރާ ހަމަސް ދުވަހު ކިޔަވާފައި ނިމިގެން މާލެއައިސް ފުރަތަމަވެސް ވަޒީފާ އަދާކުރީ ޖަމާލުއްދީން ސްކޫލްގެ ވަގުތީ މުދައްރިސެއްގެ ގޮތުގައެވެ. އެދުވަސްވަރުވެސް މިސްކިތްތަކަށް ނަމާދަށް ގޮސް ބައެއް ފަހަރަށް މުދިމުން ގާތުން ފުރުސަތު ހޯދައިގެން ބަންގިގޮވާހެދިއެވެ. އަދި ފަހުން އިމާމުވެ ނަމާދު ކުރިއެވެ. މިހާހިސާބުން ޙުސައިން އަކީ މިރޮނގުން ނަގާ ކިޔޭ މީހަކަށްވެ އެންމެ ފަހުން އިސްލާމީ މަރުކަޒުގެ މުދިންކަން ހުސައިނަށް ލިބުނެވެ. އެގޮތުގައި ދުވަސްތަކެއް ހޭދަކޮށްފައި ރަށަށް އައެވެ.
ހުސައިން ޒާހިރަށް މިހާހިސާބަށް ދިއުމުގައި މައިން ބަފައިންގެ އެހީތެރިކަމާއި، ހެޔޮ އެދޭ ފަރާތްތަކުގެ އެއްބާރުލެއްވުން ޙުސައިން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރުވެރިވެއެވެ. އޭގެތެރެއިންވެސް ކަޅުބެ ޢަބްދުއްލަޠީފަކީ ފާހަގަކުރެވޭ ބޭފުޅެއކަމަށް ޙުސައިން ބުނެއެވެ. ރަށަށް އައިސް ރަށު ސްކޫލް ގައި ކިޔަވާދޭން އުޅުމަށްފަހު ޒަވާޖީ ހަޔާތެއް ފަށައިގެން ހިތަދޫއަށް ބަދަލުވެ، ހުސައިން އަށް އޭރުގެ ސ. އަތޮޅު ތަޢުލިމީ މަރުކަޒުން ވަގުތީ މުދައްރިސެއްގެ ވަޒީފާ ލިބުނެވެ. އަދި އެތަނުގައި ކިޔަވައިދެމުން ދަނިކޮށް ޙުސައިން ވަނީ ދާއިމީވެސް ވެފައެވެ.
ޤުރުއާން ކިޔަވައިދިނުމުގެ ޝައުޤުވެރިކަން އުފެދި އަމިއްލަ ކިލާހެއް 2001 ވަނަ އަހަރު ރަށުގައި ހިންގިއެވެ. މިހާރު ހިތަދޫގައިވެސް ޤުރުއާން ކިލާހެއް ހިންގާތާ 4 އަހަރާ ހަމަސް ދުވަސް ވެފައިވާކަމަށް ޙުސައިން ބުންޏެވެ.
ޙުސައިން އަކީ އޭރުގެ ސ. އަތޮޅު ތަޢުލީމީ މަރުކަޒާއި މުޙިއްބުއްދީން ސްކޫލް ނުވަތަ މިހާރުގެ ޝަރަފުއްދީން ސްކޫލްގެ ގިނަ ދަރިވަރުންތަކަކަށް ޤުރުއާން އުނގަންނައިދީ، މުބާރާތްތަކުގައި ފަރިތަކޮށްދީ ދަރިވަރުންނާއެކު ޤައުމީ މުބާރާތަށް ދާ މުދައްރިސެކެވެ. އެގޮތުން މިއަހަރުވެސް ދަރިވަރުންނާއެކު ދިޔައީ ހުސައިން އެވެ.
މިފަހަރު ދަރިވަރުންނާއެކު މާލެދެވުން ވެގެން ދިޔައީ ހުސައިން އަށް ވަރަށް ނަސީބުވެރި ކަންތައްތަކެއް ކުރިމަތިވި ކަމަކަށެވެ. ޤުރުއާން ކިޔެވުމުގެ ޤައުމީ ފެންވަރުގެ މުބާރާތެއްގައި ބައިވެރިވެ ކާމިޔާބު ހޯދުން އެއީ ހުސައިން ދެކެމުން އައި ހުވަފެނެކެވެ. މިފަހަރު ހުސައިން މާލޭގައި ހުއްޓައި ޓީވީ މޯލްޑިވްސް އިން ވަނީ އެއްލައްކަ ރުފިޔާގެ އަގުހުރި ޢިނާމު އެކުލެވޭ މުބާރާތެއް އިއުލާން ކޮށްފައެވެ. ” ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި” ގެ ނަމުގައި ކުރިއަށް ގެންދެވުނު މުބާރާތުގެ އޮޑިޝަން ކުރިއަށް ގެންދިޔައީ ޤައުމީ މުބާރާތަށް ދަރިވަރުން ގޮވައިގެންގޮސް ހުސައިން މާލޭގައި ހުއްޓައެވެ. ޓީވީއެމްގެ މިމުބާރާތުގައި ބައިވެރިވި 270 ބައިވެރިންގެ ތެރެއިން ޙުސައިން ވަނީ ފުރަތަމަ އޮޑިޝަނުން ހޮވި 36 ބައިވެރިންގެތެރޭ ހިމެނި ދެވަނަ އޮޑިޝަނުން، ރޯދަމަހު ބާއްވާ މުބާރާތަށް ފުރޭނުނު 12 ފަރާތުގެ ތެރޭގައިވެސް ހިމެނިފައެވެ. އެހިސާބުން ދެން ދަރިވަރުން ގޮވައިގެން ރަށަށް އައިސް ހުސައިން މަސައްކަތް ކުރީ އެމުބާރާތަށް ދިއުމަށް ކުރަން ޖެހޭ ކަންތައްް ކުރުމަށެވެ. ހުސައިން ބުނާ ގޮތުން މިކަމުގައި އެންމެ ބޮޑު އެއްބާރުލުމެއް ދިނީ ޙުސައިން އެފަރާތެއް ދެކެ އެންމެ ލޯބިވާ ޙުސައިންގެ އަންހެނުންކަމަށެވެ. އެއްމަސްދުވަސް ވަންދެން މާލޭގައި ހުންނައިރު ލޯބިވާ ދަރިފުޅު ފާޠިމަތު މިޝްކާގެ ހުރިހާ ކަމެއް ބަރާބަރަށް ބެލެހެއްޓުމުގެ ޒިންމާ އަންހެނުން ނެގީތީ ހުސައިން ޝުކުރުވެރިވެއެވެ. އަދި ހުސައިން ވަޒީފާ އަދާކުރާ ޝަރަފުއްދީން ސްކޫލްގެ މެނޭޖްމަންޓާއި ޓީޗަރުން ހުސައިން އަށްޓަކައި ވެދެއްވާފައިވާ ޤުރުބާނީ ހުސައިން ހަނދާނެއްނުނެތެއެވެ. އެހެންކަމުން ސްކޫލާ މެދު ހުސައިން ފަޚުރުވެރިވެއެވެ.2013-08-15 13.06.54
ކޮންމެއަކަސް ހުސައިން މުބާރާތަށް ގޮސް މުބާރާތުގައި ބައިވެރިވެ ފުރަތަމަ ރޭ 12 އިން ދިހައަކަށް ބައިވެރިންގެ އަދަދު މަދުވިއިރު އެދިހަބައިވެރިންގެ ތެރޭގައި ހިމެނުނެވެ. ހުސައިންގެ ކިޔެވުމަށް ފަނޑިޔާރުން ދެއްވާ ކޮމެންޓް ތަކާ މެދު ހުސައިން ވަރަށް ފަރުވާތެރިވެ، އެއްދުވަހުން އަނެއް ދުވަހަށް ރަނގަޅު ކުރަމުން އައުމުގެ ނަތީޖާއކަށްވީ 6 ޕްރޮގްރާމް ނިމި، ރެކޯޑް ކޮށްގެން ދައްކަަމުން ދިޔަ ޕްރޮގްރާމް 3 ބައިވެރިންގެ ވަގުތުން ދުރަށް ދައްކާ ފައިނަލް ޕްރޮގްރާމަކަށްވެ އެ ތިން ބައިވެރިންތެރޭގައި އަތޮޅު ތަމްސީލު ކުރުމުގެ ޝަރަފު ހުސައިން ހޯދުމެވެ. އެހިސާބުން ސްކޫލްގެ މެނޭޖްމަންޓާއި ޓީޗަރުންނާއި ބެލެނިވެރިންނާއި ޢާއިލާ މީހުންނާއި ހެޔޮ އެދޭ ފަރާތްތަކުން ހުސައިން އަށް ލިބުނު ހިތްވަރުގައި ، ޤައުމާއި ޤައުމުން ބޭރުން މުބާރާތްތަކުން ރަންވަނަ ހޯދާ، ޤައުމުތަކުގެ ލީޑަރުންގެ އަތްޕުޅުން އިނާމު ލިބިގެންފައި ތިބި ފަރާތްތަކާއި ވާދަކޮށް، ވަރުގަދަ އަޒުމަކާއި އެކު ހުސައިން އަށް މުބާރާތުން އެއްވަނަ ލިބި، ރާއްޖޭގެ އަލިގަދަ ތަރީގެ ލަޤަބު ލިބިގެންނދިޔައެވެ. މިހިނދުކޮޅު ވެގެން ދިޔައީ ޙުސައިންގެ ހަޔާތުގައި ލިބުނު އެންމެ އުފާވެރި އެއް ހިނދުކޮޅަކަށެވެ.
މިކާމިޔާބާއެކު އަބަދުވެސް މަޖާ މިޒާޖެއް ގެންގުޅޭ އެހެންމީހުންގެ ހިތްދަމައިގަތުމުގައި ކުޅާދާނަ ހުސައިން އަކީ މަޝްހޫރު މީހަކަށްވެއްޖެއެވެ. އެކި ފަރާތްތަކުން ހުސައިންގެ އަޑުން ކިޔެވުން ރެކޯޑް ކުރުމުގެ ޝައުޤު އުފެދިއްޖެއެވެ. ހުސައިންގެ އުއްމީދުތައް އާވެއްޖެއެވެ. ހޭޔަންބޯ ފަދަ ޕްރޮގްރާމްތަކުގެ މެހުމާނަކަށް ހުސައިން ވެއްޖެއެވެ. ސޯޝަލް މީޑިއާއާއި ނޫސްތަކުގެ ފަލަ ސުރުޚީއަށް އަލިގަދަ ތަރީގެ އަލި އަރައިފިއެވެ.
މިކާމިޔާބާ އެކު ޙުސައިން ރަށަށް އައީ 2 ލައްކައަށްވުރެ ގިނަ ފައިސާއާއި އަގޮބޮޑު ތަކެތި ޢިނާމުގޮތުގައި ހިފައިގެންނެވެ. ހުސައިން ރަށަށް އައިއިރު ގަމުގެ ބައިނަލް އަޤުވާމީ ވައިގެ ބަނދަރުގައި ހުސައިންއަށް ވަނީ ރަތްދޫލައިގެ މަރުޙަބާއެއް ކިޔާފައެވެ. އެއްވެ ތިބި އެތައް ސަތޭކަ މީހުންގެތެރޭގައި ޢާއިލީ މީހުންނާއި ޝަރަފުއްދީން ސްކޫލްގެ މެނޭޖްމަންޓާއި، ސްޓާފުންނާއި، ދަރިވަރުންނާއި، ބެލެނިވެރިންގެ ތެރެއިން ގިނަ ބަޔަކާއި، ހެޔޮ އެދޭ ފަރާތްތަކާއި، އައްޑޫ ސިޓީގެ އެތައް ރައްޔިތުންނެއް ހިމެނެއެވެ.
މިލިބުނު ކާމިޔާބީގެ ފަހަތުގައި އަންހެނުން ނާއި ސްކޫލްގެ ބޭފުޅުންގެ އިތުރަށް އަންހެނުންގެ ބައްޕަ ކަމުގައިވާ ރައްޔިތުންގެ މަޖިލިސްގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ޙަސަން ލަތީފް ދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ހުސައިން ޝުކުރު އަދާކުރެއެވެ.
މިފަދަ މުބާރާތެއް ކުރިމަގުގައި ރޭވިގެން ކުރިއަށް ދާއިރު ހުސަައިންގެ ވެސް ޚިޔާލުތަކެއް އެބަހުއްޓެވެ. އެގޮތުން މުބާރާތް ޓީވީން ދައްކަން ފަށާހިސާބަށް ނުވަތަ 12 ބައިވެރިންނަށް މަދުވެ، އެފަރާތްތައް މާލޭގައި ތިބޭއިރު ބާއްވާ ކޮންމެ ޕްރޮގްރާމަކަށް ކުޑަ ނަމަވެސް އެލަވަންސެއް ލިބޭނެގޮތް ހަމަޖެހިފައިވުން އެއީ ރަނގަޅުކަމެއް ކަމަށް ހުސައިން ދެކެއެވެ. އެފަދަ މުބާރާތެއްގައި ބައިވެރިވާއިރު އެއްގޮތް ޑްރެސްކޯޑެއް ނުވަތަ ހެދުން އެޅުމުގައި އެއްގޮތް ކުރުން ފަދަ ރީތި ގޮތްތަކަށް ބައިވެރިން ބަލަންޖެހޭއިރު، އެފަދަ އެލަވަންސެއް ލިބުން އެއީ ވަރަށް ބޭނުންތެރިކަމެއްކަމަށް ހުސައިން ދެކެއެވެ. އަދި މަދުވަމުންދާވަރަކަށް މިއެލެވެންސް ބޮޑުވަމުން ގޮސް ފައިނަލަށް ހޮވޭއިރު ކޮންމެވެސް ފަރާތެއްގެ ސްޕޮންސަރ އެފަރާތްތަކަށް ލިބުން އެއީވެސް މުހިއްމުކަމެއްކަމަށް ހުސައިން ދެކެއެވެ. އަދި މުބާރާތުން ވަކިވެގެންދާ ފަރާތްތަކަށް ފަނޑިޔާރުން ދެއްވާ ހިތްވަރަކީ ހުސައިން އަބަދުވެސް ފާހަގަކުރާ ރަނގަޅުކަމެއް ކަމަށާއި، މިފަހަރު ފަނޑިޔާރުން އެކަންކުރެއްވި ގޮތްވެސް ވަރަށް ރަނގަޅު ކަމަށާއި، ކުރިމަގުގައި އަދި މިހާރަށްވުރެވެސް ހިތްވަރު އިތުރަށް ލިބޭ ކޮމެންޓްތަކެއް ދެއްވުން އެއީވެސް ހުސައިން ފާހަގަކުރާ ކަމެކެވެ.
ކޮންމެ އަކަސް މިއަދު ރާއްޖޭގެ އެެންމެ އަލިގަދަ ތަރީގެ ގޮތުގައި ވިދާލި ފުރަތަމަ ފަރާތް އެއީ އައްޑޫސިޓީއަށް އުފަން ފަރާތަކަށްވުމުން އެކަމާ މިސިޓީގެ ކުދިބޮޑު އެންމެންވެސް ފަޚުރުވެރިވެއެވެ. މިފަދަ ކަންކަމަކީ އެއްވެސް ހާލެއްގައި (އެކަމުގައި ސިޔާސީ ދާއިރާގައި އުޅުއްވާ ފަރާތްތަކެއް އެހީތެރިވުމުގައި ހިމެނިގެން ދިޔަޔަސް) ސިޔާސީ ކުލަ ޖެހިފައިވާ ކަމަކަށް ނެހެދުމަށާއި. މިކަންވެސް ކާމިޔާބު ކަމާއެކު ނިމި އެއްރޫހެއްގައި އައްޑޫ އޮވެމެ ތާރީޚުގެ ތެރެއަށް ދިޔަކަން އެއީ އުފަލާއެކު ފާހަގަކުރާ ކަމެއް ކަމުގަައިވެސް ހުސައިން ފާހަގަކުރެއެވެ. ހުސައިން މިވަގުތުވަނީ ރަށަށް އައިސް ލޯބިވާ އަންހެނުން މައިމޫނާ ލަޠީފާއި ދަރިފުޅު މިޝްކާއާ އަދި އާއިލާގެ އެހެން ބޭފުޅުންނާއެކު ދިރިއުޅެމުންނެވެ. އަދި ހަމަ ސްކޫލަށް ނިކުމެ މަސައްކަތުގައި އެކުވެރިންނާއެކު ވަގުތު ހޭދަކުރަމުންނެވެ. އަޅުގަނޑުމެންގެ އުއްމީދަކީ މިއަންނަ އަހަރުވެސް މިޕްރޮގްރާމްގައި ޙުސައިން އާއި އިތުރު ބައިވެރިން އައްޑޫ ސިޓީ ތަމްސީލުކޮށް މިކާމިޔާބީ ތަކުރާރުކުރުމުގެ ތައުފީޤު ކީރިތި ﷲ ދެއްވުމެވެ.