އައްޑޫސިޓީގެ “ގަނޑަވަރަ” ޢާއިލާ އަށް ނިސްބަތްވާ މުހައްމަދު ސައީދު ނަމަކަށް ކިޔާމީހަކު ގެއްލި ވީނުވީތަނެއް ނޭނގި ވަނިކޮށް 60 އަހަރުފަހުން އިންޑިއާގެ ހައިދަރުއާބާދުގައި ހުއްޓާފެނިއްޖެއެވެ.
ސ.ހިތަދޫ މުގުރީގޭ މުހައްމަދު ސައީދު ގެއްލިފައިވަނީ އުމުރުން 13 އަހަރުގައި ކަނޑުމަގުން ސިލޯނަށް ކުރި ދަތުރެއްގައި އަމިއްލައަށް ފިލައިގެން ކަމަށް އެއާއިލާއިން ބުނެއެވެ.
“އޭގެ ފަހުން ސައީދުބޭގެ އެއްވެސް ޚަބަރެއް ނުވޭ. ދުށް މީހަކާވެސް ދިމަލެއްނުވޭ. ބައެއްމީހުން ސައީދުބެ މަރުވެއްޖެ ކަމަށްވެސް ބުނޭ. އެއްފަހަރު މީހަކު ބުނި ލަންކާގެ މަސްބޯޓެއްގައި މަސައްކަތް ކުރާވާހަކަ. އެކަމަކު ޚަބަރެއް ނުވެ 60 އަހަރުފަހުން ސައީދުބެ އާއި މި ދިމާވީ” ކަމަށް ސައީދުގެ ތިމާގެ މީހަކު ކިޔައިދިނެވެ.
މުހައްމަދު ސައީދު ދުނިޔޭގައި ހުރިކަން އެނގުނީ ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރާ ހައިދަރުއާބާދުގެ ޝެފެއްގެ އަތަށް ސައީދުގެ ފޯނުނަމްބަރު ދީފައި މިއީ ގަނޑަވަރަ އާއިލާގެ މީހެއްކަމަށާއި ދަންނަ މީހަކާ ދިމާވެއްޖެނަމަ ނަމްބަރު ދީފައި އާއިލާގެ މީހުންކައިރީ ގުޅާށޭ ބުނެފައި ވުމުންކަމަށް ވެސް އާއިލާއިން ބުންޏެވެ.
“އެ ނަމްބަރު ލިބުމުން ގުޅީ. ސައީދު ބެއަށް ދިވެހި ބަހުން ވާހަކަ ދައްކަންވެސް ނޭގޭ. އޮރުދޫބަސް އެނގެނީވެސް.” އާއިލާގެ ފަރާތުން ބުންޏެވެ.
ސައީދު އާއި ބައްދަލުކުރަން އާއިލާގެ ފަރާތުން ސައީދުގެ ފިރިހެން ކޮއްކޮ އަކާއި އަދި ޅިޔަނަކުވަނީ ހައިދަރުއާބާދަށް ގޮސް ސައީދާ ބައްދަލުކޮށް އަދި އާއިލާގެ އެހެންމެމްބަރުންނާވެސް ބައްދަލުކޮށްފައެވެ.
“އެންމެ ފުރަތަމަ އެއާާޕޯޓުން ފެނުނުވަގުތުވެސް ސައީދުބެއަށް އަަހަރެމެން ވަކިކުރަން އެނގިއްޖެ. އަހަރެމެންނަށްވެސް ސައީދުބެ އެނގުނު. ސައީދުބެގެ ބައްޕައާއި ވަރަށް ވައްތަރު. ސައީދުބެ އަށް ވަގުތުން ރޮވުނީ.”އާއިލާއިން ސައީދު އާއި ބައްދަލުކުރަން ދިޔަ ތޯހިރު ކިޔައިދިނެވެ.
ޠޯހިރު ބުނީ ސައީދަށް ދިވެހިބަހުން ވާހަކަ ދައްކަން ނޭނގުނު ކަމުގައިވިޔަސް ފަރިތަކަމާއެކު ދިވެހި ކިޔަން އެނގޭކަމަށެވެ. އަދި ޠޯހިރުގެ ފޯނު އަތުލައިގެން ހަވީރުނޫހުގައި އޮތް ޚަބަރެއްވެސް ފަރިތަކޮށް ކިޔާާލިކަމަށް ޠޯހިރު ބުންޏެވެ.
“އެހައި ގިނަ ދުވަސްވީމާ ވާހަކަ ދައްކަން އުނދަގުލީ ކަންނޭގެ. އެކަމަކު ދިވެހި ބަހުން ވާހަކަ ދެއްކީމަ އެބުނާއެއްޗެއްވެސް އެނގޭ” ޠޯހިރު ކިޔައިދިނެވެ.
އިންޑިޔާގެ ރައްޔިތަކާ ކައިވެނިކޮށްގެން 7 ކުދިން ލިބިފައިވާ މުހައްމަދު ސައީދަކީ އެ ސަރަހައްދަށް ނަން މަޝްހޫރު ހަކީމީ ބޭސް ވެރިއެކެވެ.
“އަހަރެމެން އެގެއަށް ގޮސް ވާހަކަ ދެއްކުމުގެ ތެރޭގައި ބުނިން މަންމަމެން ބުނާއަޑު އިވެއޭ ސައީދުބެ ކުޑައިރު ޓިނުގަނޑެއްގައި ޖެހި ފައިގެ ފަލަމަސްގަނޑުން ބޮޑުތަނެއްކަފައިގެން ގޮސް އެލަކުނު ހުންނާނެއޭ. އެހެން ބުނުމުން ސައީދުބެގެ އަންހެނުންނާއި ކުދިންވެސް ވަރަށް ހައިރާންވެ އަދި އުފާވެގެންދިޔަ. ސައީދުބެ ވަގުތުން އެލަކުނު ދައްކާފައި މިހިރީ އޭ ބުނި” ޠޯހިރު ކިޔައިދިނެވެ.
މިހާގިނަ ދުވަސްވަންދެން މުހައްމަދު ސައީދަށް ރާއްޖެ ނާދެވި ހުރީ ޕާސްޕޯޓެއްވެސް ނެތުމުންކަމަށާއި މިހާރު ހަބީބު އިބްރާހިމްގެ ނަމަށް ނަން ބަދަލުކޮށް ޕާސްޕޯޓްވެސް ހައްދާފައިވާ ކަމަށް އާއިލާއިން ބުންޏެވެ. އަދި ވަރަށް އަވަހަށް ސައީދު ރާއްޖެ އަންނާނެކަމަށާއި އާއިލާގެ އެންމެންވެސް އިންތިޒާރުކުރަނީ އެދުވަހަށް ކަމަށް އެ އާއިލާާއިން ކިޔައިދިނެވެ.