އައްޑޫ ހިތަދު އަށް އުފަން އަލީ ލިޝާމަކީ ހުނަރުވެރި ޒުވާނެކެވެ. އަތްތެރި މަސައްކަތުގައި ކުރި އަރަމުން އަންނަ ތަރިއެކެވެ. ކޮންސްޓެންްޓް ހަލަވެލި ރިސޯޓުގެ ކިޑްސް ކްލަބުގައި މަސައްކަތް ކުރަމުން އަންނަ މި ހުނަރުވެރި ޒުވާނާގެ މަސައްކަތަކީ އެ ރިސޯޓުގެ މެނޭޖްމަންޓް ވެސް އެކަމަށްޓަކައި ފަޚުރުވެރިވާ ފަދަ މަސައްކަތެކެވެ.
ހިތަދޫ ސްކޫލުގައި ޕްރައިމަރީ ތައުލީމު ހާސިލް ކުރުމަށްފަހު ދަރުމަވަންތަ ސްކޫލުން ސާނަވީ ފުރިހަމަކުރި ލިޝާމަކީ އޭނަގެ ތައުލީމީ ޙަޔާތުގައި އެދެވޭ މާގިނަ ކާމިޔާބީތަކެއް ހޯދެވުނު ޒުވާނެއް ނޫންނަމަވެސް ކުރެހުމާއި އަތްތެރި މަސައްކަތުގައި އޭރުވެސް އޭނާ އަކީ އަލިގަދަ ތަރިއެކެވެ.
ސްކޫލުގައި ބާއްވާ ކުރެހުމުގެ މުބާރާތްތަކުން ވަނަ ހޯދަމުން ދިޔަ ލިޝާމަށް އަދި މިހާތަނަށް ގައުމީ އިނާމެއް ލިބިފައި ނެތަސް އޭނަގެ އެ ހުނަރު ތަރައްގީ ކުރުމަށް ހިއްމަތާ އެކު ދަނީ މަސައްކަތް ކުރަމުންނެވެ.
ސްކޫލް ދައުރު ނިންމުމަށްފަހު މާ ބޮޑު މަގްސަދެއް ނެތި ރަޙްމަތްތެރިންނާއެކު އުޅެވުނު ދުވަސްތައް ނިމުމަކަށް ގެނައީ ރިސޯޓެއްގައި ވަޒީފާ އަދާކުރަން ލިބުނު ފުރުސަތާއެކުގަ އެވެ.
ހަލަވެލި ރިސޯޓުގެ ކިޑްސް ކުލަބުގެ ވަޒީފާއަށް ލިޝާމު އައީ ހިއްމަތާއެކު މަސައްކަތް ކޮށް ކާމިޔާބު މީހަކަށް ވުމުގެ ފުރިހަމަ އަޒުމާއެކުގަ އެވެ.
“ސްކޫލް ދައުރަށް ފަހު ރަޙްމަތްތެރިންނާއެކު އެއްވެސް މިސްރާބެއް ނެތި އުޅުނު ދުވަސްތަކެއް ދިޔަ. ބައެއް މީހުންގެ ނަޒަރުގައި މަގުމަތީގައި އެގޮތަށް ކަމެއް ނެތި ތިބޭނީ މުޅިންވެސް ގޯސް މީހުން. އެ ގޮތަށް ލޭބަލް ވެފައި އޮތީ ވެސް. އެކަމަކު ހަގީގަތަކީ އެއީއެއް ނޫން. ރަހުމަތްތެރިންގެ ތެރޭގައި ގޯސް އާދަ ހަރުލާފައިވާ މީހުން ވެސް ތިބެދާނެ. އެ މީހުންނާ އެކީ އުޅުމަކީ މީހާ ގޯސް މަގުން ހިނގަން ޖެހޭ ސަބަބެއް ނޫން ކަންނޭގެ. އެކަމަކު އެ ގޮތަށް ނަންވާތީ ވަރަށް ދެރަވޭ،” މާޒީގެ ހިތި ދުވަސްތައް ހަނދުމަ ކުރަމުން ލިޝާމް ބުންޏެވެ.
ލިޝާމު ބުނި ގޮތުގައި އެއްވެސް ޙައްގަކާ ނުލައި ހިތަދޫގައި އޭރު ތިބި އެސްއޯ ފުލުހުންގެ ފަރާތުން ލިބުނު އަނިޔާ ތަކަކީ ޙަޔާތުގައި ހަނދާން ނައްތާލަން ދަތި ހިތްދަތި ތަޖުރިބާތަކެއް ކަމެވެ.
“މިހާރު ހުރިހާ ކަމެއް ހަނދާން ނައްތާލާފައި މަސައްކަތުގައި ހިއްވަރާ އެކު ކުރިއަށް މިދަނީ. ކުރިން ވަޒީފާ އަދާކުރި ތަނާ ޚިލާފަށް ހަލަވެލި ރިސޯޓުގެ ހުރިހާ މުވައްޒަފުންނަކީވެސް ވަރަށް އެކުވެރި ހިތްހެޔޮ ބައެއް. ހީވަނީ އެއް އާއިލާއެއްގެ ބައެއްހެން. މެނޭޖުމަންޓުން ވެސް ކަންތައްތައް ކޮށް ދެނީ އެހާ ރަނގަޅަށް. މަސައްކަތުގައި މި ގޮތަށް ކުރިއަށް ދެވޭ ސަބަބަކީ ވެސް މިއީ” އެހެން ރިސޯޓެއްގައި ވެސް ވަޒީފާ އަދާ ކުރުމަށް ފަހު ހަލަވެލި ރިސޯޓާ ގުޅުނު ލިޝާމު ކިޔައި ދިނެވެ.
ލިޝާމު އެ ރިސޯޓުގައި ވަޒީފާ އަދާކުރަން ފެށި ފަހުން، އަންނަ ތަފާތު އެކި މުނާސަބާތަކާ ގުޅުވައިގެން އެރަށަށް އަންނަ ފަތުރުވެރިންނަށް ޚާއްޞަކޮށްގެން ލިޝާމު ވަނީ ތަފާތު ތަކެތި ތައްޔާރުކޮށް ރިސޯޓުގެ ނަމުގައި ފަތުރުވެރިންނަށް ހަދިޔާކޮށްފަ އެވެ.
އެގޮތުން “ނިއު ޔިއާ” “ކްރިސްމަސް” ފަދަ ޚާއްޞަ މުނާސަބާތަކާ ގުޅިގެން އަތްތެރި މަސައްކަތުގެ ތަފާތު ހުނަރު ދައްކުވައިދޭ މަސައްކަތްތައް ލިޝާމު ވަނީ ކޮށްފަ އެވެ.
“މިރަށަށް އަންނަ ގިނަ ފަތުރުވެރިން އެނބުރި ދާނީ ލިޝާމުގެ އަތުން ތައްޔާރުކޮށްފައިވާ ކޮންމެ ވެސް އެއްޗެއް ހިފައިގެން. އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް.” ކަމަށް ލިޝާމު ބުންޏެވެ.
ފަސް ތަރީގެ އެ ރިސޯޓަށް އަންނަ ވީއައިޕީ ގެސްޓުންނަށް ދިނުމަށް މެނޭޖުމަންޓުގެ އެދުމަށް މިއަހަރުވެސް ލިޝާމު ވަނީ ފުޅިތަކެއްގައި ދިވެހިވަންތަކަން ރަމްޒުކޮށްދޭ ރީތި ކުރެހުންތަކެއް ކުރަހާ އެ ތަކެތި ހަދިޔާގެ ގޮތުގައި ގެސްޓުންނަށް ދީފައެވެ.
މީގެ އިތުރުން އާ އަހަރުފެށުނު އިރު އެރަށުގައި ތިބި ހުރިހާ ފަތުރުވެރިންނަށް، ކުދިކުދި ގާކޮޅު ތަކުގައި އެ ރަށުގެ ނަން ރަމްޒުކޮށްދޭ ލޯގޯ އާއެކު އާ އަހަރުގެ ތަހުނިޔާ ޖަހާފައި މެނޭޖުމަންޓުގެ ނަމުގައި އެ ފަތުރުވެރިން ނަށް ދީފައިވެ އެވެ.
ފުޅީގައި ކުރެހުމާއި ގަލުގައި ކުރެހުމުގެ އިތުރުން ޓީޝާޓްގައި ތަތްޖެހުމަކީ ލިޝާމު އެންމެ ކުރާހިތްވާ ކަންތައްތަކެވެ.
ލިޝާމު އަމިއްލައަށް ކުރަހާފައިވާ ޓީޝާޓްތައް އެ ރަށުގެ ކިޑްސް ކުލަބަށް އަންނަ ކުޑަކުދިންނަށް ދިނުމުން އެކުދިން ވެސް ތިބެނީ ނުހަނު އުފަލުންނެވެ.
މީގެ އިތުރުން ވޯޓަ ސްޕޯޓްސް އާއި އަދި އެހެނިހެން ކުޅިވަރުތަކާއެކު ލިޝާމަށް ލިބިފައިވާ ކުރެހުމުގެ ހުނަރު އެ ކުދިންނަށް ދަސްކޮށް ދިނުމަށް ވެސް ލިޝާމު މަސައްކަތް ކުރާތީ ކިޑްސް ކުލަބަށް އަންނަ ކުދިންގެ އެންމެ މަގުބޫލު މީހަކަށް ލިޝާމް ވަނީ ވެފައެވެ.
ލިޝާމުގެ އުއްމީދަކީ ކުޑަ ގޮތަކަށް ނަމަވެސް މިހާރު ކުރަމުން މިދާ މަސައްކަތުގައި އިތުރަށް ކުރިއަރާ ފަތުރުވެރިންނަށް ޚާއްޞަ އަމިއްލަ ފިހާރައެއް ހުޅުވޭނެ ދުވަހެއް ފެނިގެން ދިއުމެވެ.
އެއީ މުޅިން ވެސް ލިޝާމުގެ އަމިއްލަ އަތްތެރި މަސައްކަތުން އުފައްދާ ތަކެއްޗާ ވެސް އެކުގައެވެ.
އައްޑޫ އޮންލައިނުން ވެސް ލިޝާމަށް ކާމިޔާބީ އަށް އެދެމެވެ.