އަތްމަތި ދަތިކަމާއި ފަގީރުކަމަކީ އިންޑިޔާގެ ގިނަ ސަރަހައްދު ތަކުގައި އުޅެމުންދާ މީހުންނަށް ތަހައްމަލު ކުރަންޖެހިފައިވާ ހިތްދަތި ހަގީގަތެކެވެ. ހާއްސަގޮތެއްގައި މިއީ އެތަންތަނުގައި ދިރިއުޅޭ ކިޔެވުމުގެ ފުރުސަތަކަށް އެދިއެދި ތިބޭ ކުދިންނާއި ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ޅައުމުރުގައި އެކުދިންނަށް މަޖުބޫރުވެފައިވަނީ އާއިލާގެ ހުރިހާ ޒިންމާއެއް އަމިއްލަ ކޮނޑުމައްޗަށް ލައިގެން މުޖްތަމައު ތެރެއަށް ގިނަވެގަންނާށެވެ. ތައުލީމު ހާސިލް ކުރުމަށް ކިތަންމެ ބޭނުންވި ކަމުގައި ވިޔަސް ނިކަމެތި ކަމާއި މަޖުބޫރީ އެކަމަށް ހުރަސް އަޅައެވެ.
ނާގްޕޫރަށް އުފަން ޝްރީކާންތް ޕަންޓަވަންގެ ވާހަކައަކީވެސް އެއިން އިބުރަތެއް ހާސިލުކުރެވިދާނެ ވަރަށް ވެސް ފުރިހަމަ ވާހަކައެކެވެ. ތިމާގެ ހުވަފެންތަކަށް ފަސްއަޅައި ވަޅުލުމުގެ ކުރިން މިފަދަ ކުއްޖެއްގެ ވާހަކަ ކިޔާލުން ކީއްތޯއެވެ.
ސެކިއުރިޓީ ގާޑެއްގެ ވަޒީފާ އަދާކުރާ މީހެއްގެ ދަރިއެއްކަމަށްވާ ޝްރީކާންތަކީ “ޑެލިވަރީ ބޯއި” އެއް ގެ ގޮތުގައި އޭނާގެ ސްކޫލް ދުވަސް ވަރު މަސައްކަތް ކުރަމުންދިޔަ ކުއްޖެކެވެ. އެހެންނަމަވެސް ކުރަމުންދިޔަ އެމަސައްކަތުން އާއިލާގެ ޚަރަދުތައް ދެކޮޅު ޖެއްސޭނެހައި އާމްދަނީއެއް ނުލިބުމުން ޝްރީކާންތް ދެންކުރަންފެށީ ކުރޮޅި ދުއްވުމުގެ މަސައްކަތެވެ. ކިޔަވަމުން އަދި ވަޒީފާ އަދާކުރަމުން ކިތަންމެ ބުރަ ދިރިއުޅުމެއް އުޅެމުން ދިޔަނަމަވެސް ޝްރީކާންތް ދުވަހަކުވެސް އުއްމީދު ގެއްލުވައެއް ނުލައެވެ. ކޮންމެ ވެސް ދުވަހަކުން މޮޅު މީހަކަށް ވުމަކީ އޭނާ ދެކެމުން އައި ފޮނި ހުވަފެނެވެ. ކިޔެވުމުގައި ހިއްވަރާއެކު އޭނާ ކުރިޔަށް ދިޔައީ މުސްތަގްބަލާމެދު ދެކެމުންދިޔަ ހުވަފެންތަކާއި ކުރަމުން ދިޔަ އުއްމީދުތައް ހަގީގަތަކަށް ހެދުމަށެވެ.
ޝްރީކާންތުގެ ދިރިއުޅުން ބަދަލުވެގެން ދިޔައީ އެއްދުވަހަކު އެއާޕޯޓަށް ކުރި ދަތުރެއްގައެވެ. އެތަނުން ޝްރީކާންތާ ދިމާވި ޕޮލިހަކާ ދެކެވުނު ވާހަކައެއްގެ ތެރެއިން ޝްރީކާންތައް އެނގުނީ ޕައިލެޓަކަށް ވުމަށް ކޮންމެހެން އިންޑިޔާގެ އެއާރ ފޯސް އަށް ވަނުމަކީ މަޖުބޫރު ކަމެއް ނޫން ކަމެވެ. އަދި ހަމަ އެހެންމެ ގްރޭޑް 12 ނިންމާލުމަށް ފަހު ޑީޖީސީއޭ ގެ (ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން) ޕައިލެޓް ސްކޯލާޝިޕް ކޯހެއްގައިގައި ބައިވެރިވުމުގެ ފުރުސަތުވެސް އޮތްކަމެވެ. ކާމިޔާބު މީހަކަށް ވުމުގެ ހުވަފެން ދެކެމުންދިޔާ ޝްރީކާންތައް މިއީ ރަނުގެ ފުރުސަތަކަށް ވެގެންދިޔައެވެ. އޭނާގެ ހިތް ވަރު އާވެގެން ދިޔައީ އެދުވަހުއެވެ. ކިޔެވުމަށް އިތުރު ސަމާލުކަމެއް ދެވުނީ އެސްކޯލަރޝިޕް ހާސިލުކުރުމުގެ ވަރުގަދަ އަޒުމާއެކުގައެވެ.
ކިޔެވުމަށް އޭނާ ކުރި ހިތްވަރުގެ ނަތީޖާއަކަށް ވެގެންދިޔައީ ވަދްޔަ ޕްރަދޭޝްގެ ފްލައިން ސްކޫލަކުން ޝްރީކާންތައް އެ ސްކޯލަރޝިޕް ލިބުމެވެ. ނަމަވެސް ދެން ދިމާވި ގޮންޖެހުމަކަށް ވީ ޝްރީކާންތައް އިންގިރޭސި ބަސް ރަނގަޅަށް ނޭނގުމެވެ. ކަމެއް ކާމިޔާބުކުރުމުގެ ވަރުގަދަ އަޒުމެއް އޮވެއްޖެއްޔާ ކާމިޔާބު ވާނެ މަގުވެސް އޮންނާނެއެވެ. އެގޮތުން ޝްރީކާންތް ވެސް އިނގިރޭސި ބަސް ދަސްކުރުމަށް އާއަޒުމެއް ކަނޑައަޅައި އެކަމަށް މަސައްކަތް ފެށިއެވެ. ކުރި ހިތްވަރާއި އަދި އެކުވެރިންގެ ފަރާތުން ލިބުނު އެހީތެރިކަމާއެކު ގިނަ ދުވަސްތަކެއް ނުކޮށް އެކަންވެސް އޭނާ ކާމިޔާބު ކުރިއެވެ.
ނަތީޖާއަކަށް ވެގެންދިޔައީ ފަޚްރުވެރި ނަތީޖާއަކާއެކު ޕައިލެޓެއްގެ ލަގަބުލިބި އޭނާގެ ލައިސަންސް ލިބުމެވެ. ޝްރީކާންތް ދެން އިންތިޒާރުކުރަމުން ދިޔައީ ޕައިލެޓެއްގެ ގޮތުގައި އޭނާ އެންމެ ފުރަތަމަ މަތިންދާ ބޯޓު ދުއްވާނެ ދުވަހަށެވެ. އޭނާގެ އެ އިންތިޒާރައް ނިމުމެއް އައީ އިންޑިގޯ ކާރގޯ ފްލައިޓްގެ ފަސްޓް އޮފިސާރ ނުވަތަ ކޯ ޕައިލެޓްގެ ގޮތުގައި ދަތުރުކުރުމަށް ލިބުނު ދުވަހުއެވެ.
ޝްރީކާންތް އޭނާ ގެ ހުވަފެންތައް ފެށީވެސް އަދި ނިންމާލީވެސް އޭނާގެ ތިން ފުރޮޅުލީ އުޅަނދުގައެވެ. އެމަސައްކަތުން ހޯދި ފައިސާގެ އެހީގައެވެ. އެހެނަސް ހުވަފެން ކާމިޔާބުކޮށް ޒަމާންވީ ކުރޮޅި ދޫކޮށް އަގުބޮޑު މަތިންދާބޯޓެއްގެ ޕައިލެޓަކަށް އޭނާ ބަދަލުވެގެން ދިޔައީ ކުރި މިންނެތް މަސައްކަތުގެ ނަތީޖާއިންނެވެ. އަޒުމުގެ ވަރުގަދަކަމުންނެވެ.