English Edition
Dhivehi Edition

ލުތުފީ ރާއްޖެ ގެނައުމުން ނިމުނީ ނޫންކަމުގައި ފ.ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ލުތުފީ ރާއްޖެ ގެނައުމާއި ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އެކިކަހަލަ ވާހަކަތައް ދައްކަމުންދާ އިރު ހަލީލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ލުތުފީ ރާއްޖެ ގެނައުމުން ނިމުނީ ނޫންކަމަށާއި ޤާނޫނަށް ފިލި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރަންޖެހޭ ކަމަށެވެ.

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނިކޮށް ގިނަ ދުވަސްތަކެއް ވަންދެން ސްރީލަންކާގައި ފިލައިގެން އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މާލެ ގެނެސްފައިވަނީ ރޭ 9:30 އެހާކަށްހާއިރުގައެވެ. އީކޭ ފްލައިޓުން އޭނާ ރާއްޖެ ގެނެސް ފުލުހުންގެ ފަރާތުން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ނިންމުމަށް ފަހު އޭނާވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައެވެ.

ލުތުފީ މާލެ ގެނައި ވަގުތު އެ ސަރަހައްދަށް ގިނަ އަދަދެއްގެ ނޫސްވެރިން އެއްވެފައިވާއިރު،މާލެ ގެނައިއިރު ލުތުފީގެ މޫނުމަތިން ފެންނަނީ ހިނިތުންވުމެވެ.

އުމުރަށް ޖަލަށް ހުކުމްކޮށްފައިވާ ލުތުފީ ބޭސްފަރުވާއަށް ފޮނުވާލީ، 2010 ވަނަ އަހަރުގެ ޖެނުއަރީ 16 ގައެވެ. އޭނާ އޭރު އިންޑިއާ އަށް ފޮނުވީ ތިން މަސް ދުވަހުގެ މުއްދަތަށެވެ. އެހެންނަމަވެސް އެފަހުން ލުތުފީ ފިލައިގެން ދިރިއުޅެމުން އަންނަނީ ލަންކާގައެވެ.މިދިޔަ މޭ 1 ގައި، ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ގޮސް ލުތުފީ ސަރުކާރާއި ހަވާލުވީ، އޭޕްރީލް 21 ގައި ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޤަވައިދާއި ހިލާފަށް އުޅޭ މީހުން ހޯދަން ފެށުމުންނެވެ.