English Edition
Dhivehi Edition

ނޭޝަނަލް އިންސްޓިޓއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) އިން އައްޑޫގައި ބާއްވަން ތައްޔާރުވަމުންދާ ބައިނަލްއަގުވާމީ ޓީޗާރސް ކޮންފަރެންސްގެ މައުލޫމާތު އައްޑޫގެ ވިޔަފާރިވެރިންނާއި ހިއްސާކޮށްފިއެވެ.

އެންއައިއީ އިން އައްޑޫގެ ބައެއް ވިޔަފާރިވެރިންނާއި ބައްދަލުކޮށް މައުލޫމާތު ދެއްވީ އީކުއޭޓަރ ވިލެޖުން ދެއްވި ފުރުޞަތެއްގައި އީކުއޭޓަރވިލެޖުގެ ބުލޫ ލެގޫންގައެވެ.

މި ބައްދަލުވުމުގައި ވިޔަފާރިވެރިންނަށް ކޮންފަރެންސާއި ބެހޭގޮތުން މައުލޫމާތު ދެއްވީ ޓީޗާރސް ކޮންފަރެންސްގެ ޗީފް ކޯޑިނޭޓާރު ޝުހުދާ ރިޒްވާންއެވެ. ޝުހުދާ ވިދާޅުވީ އެންއައިއީގެ 5ވަނަ ބައިނަލްއަގުވާމީ ޓީޗާރސް ކޮންފަރެންސް އައްޑޫގައި ބޭއްވުމުގެ މަގުސަދަކީ ލާމަރުކަޒީ އުސޫލުން ޖަޒީރާވަންތަކޮށް ސަރުކާރު ހިންގުމަށް މިއަދުގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމާއި ކޮންފަރެންސްގައި ރާއްޖެއިން ބޭރުގެ ގިނަ ބަޔަކު ބައިވެރިވާނެތީ އެބައިވެރިންނަށް ކޮންފަރެންސްގެ ތެރެއިން ރާއްޖޭގެ ޤުދުރަތީ ރީތިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމުގައެވެ.

އަދި އެންއައިއީ އިން ކޮންފަރެންސްތައް ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ކޮންފަރެންސްގައި ހުށަހެޅޭ ޢިލްމީ ދިރާސާތަކާއި މަސައްކަތްތަކުގެ އަލީގައި ސްކޫލްތަކުގެ ކިޔަވައިދިނުމަށް ރަނގަޅު ބަދަލުތައް ގެނައުމާއި ދަރިވަރުންނަށް އެކަމުން ފައިދާއެއް ލިބުންކަމުގައިވެސް ޝުހުދާ ފާހަގަ ކުރެއްވިއެވެ.

އަދި މިކޮންފަރެންސަކީ އެންއައިއީ އާއި ކެމްބްރިޖް ޔުނިވާސިޓީގެ ޕްރެސްއާއި ގުޅިގެން ބާއްވާ ކޮންފަރެންސެއްކަމަށާއި ކޮންފަރެންސް އައްޑޫގައި ބޭއްވުމުގެ ތައްޔާރީތައް ވަމުންދާ ކަމުގައެވެ. ނަމަވެސް ކޮންފަރެންސަށް އިތުރު ފުރިހަމަކަމެއް ގެނެސް ކޮންފަރެންސްގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް އިތުރު މަންފާއެއް ލިބިގެންދާނީ އައްޑޫގެ ވިޔަފާރިވެރިންގެ ބައިވެރިވުން މިކަމުގައި ލިބިގެން ކަމުގައެވެ. އެގޮތުން ކޮންފަރެންސްގެ ބައިވެރިން އައްޑޫގައި ހޭދަކުރާ ދުވަސްތަކުގައި އައްޑޫގެ ރީތިކަން ތަޖުރިބާކޮށްލުމަށް ފުރުޞަތު ހުޅުވާލައި ސްނޯކްލިން،ޑައިވިން އަދި އައިލެންޑް ހޮޕިންފަދަ ހަރަކާތްތައް ރާވައި އައްޑޫގައި އެބޭފުޅުން ހޭދަކުރައްވާ ދުވަސްތަކަކީ އުފާވެރި ދުވަސްކޮޅަކަށް ހެދުމުގައި އެހީތެރިވެވިދާނެ ކަމުގައެވެ.

ޝުހުދާ އިތުރަށް ހާމަކުރެއްވީ ކޮންފަރެންސްގައި ބައިވެރިއެއްގެ ގޮތުން، ޕްރެސެންޓޭޝަން ހުށަހަޅާ ފަރާތެއްގެ ގޮތުން ނުވަތަ ސްޕޮންސަރ އެއްގެ ގޮތުގައި ޕާޓްނަރ އަކށްވެގެން ކޮންމެ ބޭފުޅަކަށްވެސް ބައިވެރި ވުމުގެ ފުރުޞަތު އެބައޮތް ކަމުގައެވެ.

މިބައްދަލުވުމުގައި ވިޔަފާރިވެރިންނަށް ކޮންފަރެންސްގައި ބައިވެރި ވެވޭނެ ތަފާތު ގޮތްތަކާ މެދު މަަޝްވަރާ ކުރެވުނެވެ.