އައްޑޫގައި ބާއްވާ ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯގެ މައުލޫމާތު ވިޔަފާރިވެރިންނާ ހިއްސާކޮށްފިއެވެ.
ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯއާއި ބެހޭގޮތުން ވިޔަފާރި ވެރިންނަށް މައުލޫމާތު ދެއްވީ އިއްޔެ ހަވީރު އީކުއޭޓަރ ވިލެޖުގެ ބުލޫ ލެގޫންގައި ބޭއްވި ބައްދަލުވުމެއްގައެވެ. ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2019 އަކީ ޓައިޓޭން މޯލްޑީވްސްއިން އަންނަ އޮގަސްޓު މަހުގެ 1 އިން 3އަށް އީކުއޭޓަރ ވިލެޖުގެ ބުލޫ ލެގޫންގައި ބާއްވަން ތައްޔާރުވަމުންދާ ވަރަށް ޚާއްސަ އެކްސްޕޯއެކެވެ.
މި ބައްދަލުވުމުގައި އެކްސްޕޯއާއި ބެހޭގޮތުން ވިޔަފާރިވެރިންނަށް މައުލޫމާތު ދެއްވަމުން ޓައިޓޭން މޯލްޑިވްސްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރ ޒީނަތު ޙަސަން ވިދާޅުވީ “މި އެކްސްޕޯ އައްޑޫގައި ބޭއްވުމުގެ މަޤްޞަދަކީ އައްޑޫސިޓީއާއި ރާއްޖޭގެ ދެކުނުގެ އެހެން އަތޮޅުތަކާއި މާލެއާއި ރާއްޖޭން ބޭރުގެ ވިޔަފާރިތަކާއި ވިޔަފާރީގެ ނެޓްވޯކަކުން ގުޅުވައި އައްޑޫސިޓީގެ ވިޔަފާރި ކުރިއަރުވައި އައްޑޫސިޓީ ތަރައްޤީ ކުރުން” ކަމުގައެވެ.
މި އެކްސްޕޯއަކީ ވިޔަފާރިވެރިންނަށް ލިބިގެންދާނެ ފަހި ފުރުޞަތެއްކަމުގައި ހާމަކުރަމުން ޒީނަތު ވިދާޅުވީ މި އެކްސްޕޯއަށް ރާއްޖޭއިންނާއި ރާއްޖެއިން ބޭރުން ތަފާތު ވިޔަފާރިވެރިން ޒިޔާރަތް ކުރައްވާނެއެވެ. ޚާއްޞަކޮށް އެކްސްޕޯގައި އެގްޒިބިތަރުންގެ ގޮތުގައި ބޭރުގެ ވިޔަފާރިވެރިންނާއި އިންޓަރނޭޝަނަލް ސެލެބްރިޓީންނާއި އިންފލުއެންޝަލް އިންސްޓަރގުރާމާރސް އަދި ޓްރެވެލް އެޖެންސީ ތަކާއި ބޭރުގެ ޓީވީ ޗެނެލްތަކުގެ މީހުން ބައިވެރިވެލައްވާނެ ކަމަށެވެ.
އެހެންކަމުންމި އެކްސްޕޯ އަކީ ވިޔަފާރިވެރިންނަށް އިންޓަރނޭޝަނަލް އަދި ލޯކަލް އޯޑިއެންސެއްގައި ޕްރޮޑަކްޓްސްތަކާއި ޚިދުމަތްތައް ޝޯކޭސްކޮށް ދައްކާލެވޭނެ ޕްލެޓްފޯރމެއްކަމުގައިވެސް ޒީނަތު ވިދާޅުވިއެވެ.
އަދި އެކްސްޕޯގައި ބައިވެރިވުމަށް މިހާރުވެސް ފުރުޞަތު ހުޅުވިފައިވާކަމުގައި ފާހަގ ކުރައްވަމުން ޒީނަތު ވިދާޅުވީ އެކްސްޕޯ އަކީ ރިސޯޓު ތަކާއި ގެސްޓު ހައުސް ވިޔަފާރިއާއި ރާއްޖޭގެ ތަފާތު ވިޔަފާރި ބްރޭންޑުތަކާއި ސިއްހީ ފަރުވާދޭ ތަންތަނާއި ކޮލެޖް ޔުނިވަރސިޓީތަކާއި މުވާސަލާތީ ޚިދުމަތްދޭ ތަންތަނާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި މުޅިން އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެކްސްޕޯއެއްކަމުގައެވެ.
އެކްސްޕޯއާއި ބެހޭގޮތުން ބައެއް ވިޔަފާރިވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޓައިޓޭން މޯލްޑިވްސްގެ މާކެޓިން ޑިރެކްޓަރ މުޙައްމަދު ޝާހިދު ވިދާޅުވީ އައްޑޫއަކީ ފަތުރުވެރިންނަށް ވިއްކާލަން ރީތި ދޮންވެލި ބީޗެއް އޮތްތަނެއް ނޫންކަމަށާއި ލަގްޒަރީ ބީޗްހޮޓެލް ވިޔަފާރިއަކަށް ވުރެން ބޮޑަށް އައްޑުއަށް ބޭނުންވަނީ އަގުހެޔޮ އެކޮމޮޑޭޝަނާއި އެކު ތަފާތު ފަން އެކްޓިވިޓީސްތައް ހިމަނައިގެން ވިއްކާލާ ޓޫރިޒަމް ޕެކޭޖުތައް ކަމުގައެވެ.
އެކްޓިވިޓީސްތަކުގެ މިސާލެއްގެ ގޮތުން ފަޅުރަށްތަކުގައި ޓްރެޝަރ ހަންޓުފަދަ އިވެންޓުސްތައް ރާވައިގެން ޓޫޕެކްސް އަކަށްވުރެ ބޮޑަށް ފަތުރުވެރިންގެ ޓީމަކަށް އަމާޒުކޮށްގެން ހަރަކާތްތައް ހިންގައިގެން އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވޭނެ ކަމަށާއި މި އެކްސްޕޯއަކީ ވެސް އެފަދަ އިވެންޓަކަށް ވެގެންދާނެ ކަމުގައި ވިދާޅުވިއެވެ. މި އެކްސްޕޯ ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނީ ވިޔަފާރިވެރިންގެ އެއްބާރުލުން ލިބިގެންކަމުގައި ހާމަކުރައްވަމުން އޭނާ ވިދާޅުވީ ސްޕޮންސަރ ކޮށްގެންނާއި ކުޑަ ފީއަކާއި އެކު އެގްސިބިޓަރުންގެ ގޮތުގައިވެސް މި އެކްސްޕޯގައި ބައިވެރިވެ ވިޔަފާރިތައް ޝޯކޭސްކޮށް ދައްކާލެވޭނެ ކަމުގައެވެ.
މި ބައްދަލުވުމުގައި އެކްސްޕޯއިން ވިޔަފާރިވެރިންނަށް ލިބޭ ފުރުޞަތުތަކާއި ބެހޭގޮތުން ވިޔަފާރިވެރިންނާއެކު މަޝްވަރާކުރެވުނެވެ.
އައްޑޫއަށް ތަރައްޤީ ގެނެސްދިނުމަށްޓަކައި އަމިއްލަ ފަރާތަކުން ކުރައްވަމުން ގެންދަވާ މި މަސައްކަތުގައި އައްޑޫގެ ރައްޔިތުންގެ އެއްބާރުލުން ޚާއްސަކޮށް ވިޔަފާރިވެރިންގެ އެއްބާރުލުމަކީ ނުހަނު ބޭނުންތެރި އެއްޗެކެވެ.
.