ފުޓުބޯޅައަކީ ޒަމާނުއްސުރެ ދިވެހިންގެ މައިގަނޑު ކުޅިވަރެވެ. ރާއްޖޭގައި ފުޓުބޯޅަ ކުރިއަރައި ތަރައްގީވެފައިވާ މިންވަރަށް އެހެން އެއްވެސް ކުޅިވަރެއް ތަރައްގީވެފައިނެތޭ ދެންނެވުމަކީ ދޮގަކަށްނުވާނެއެވެ. އެހެންކަމުން ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަނަކީ މިއަދު ރާއްޖޭގައި އެންމެ ކާމިޔާބުކަމާއެކު ހިންގާ އެސޯސިއޭޝަންކަމާމެދު އެއްވެސް ބަޔަކު ޝައްކުނުކުރާނެއެވެ. ޑިމޮކްރެޓިކް އުސޫލުން އިންތިހާބުކޮށްފައިވާ މިއެސޯސިއޭޝަނުން އަންނަނީ ރާއްޖޭގައި ފުޓުބޯޅަ ތަރައްގީކުރުމަށްޓަކައި ތަފާތު މުބާރާތްތައް ބާއްވަމުންނެވެ. އަދި ފުޓުބޯޅައިގެ ދާއިރާއިން ރާއްޖެއަށް ބޭނުންވާ ފަންނީމީހުން ތަމްރީނުކުރުމާއި ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މިއެސޯސިއޭޝަނުގެ ފަރާތުންދަނީ ކުރަމުންނެވެ. އެހެންކަމުން ރާއްޖޭގެ ފުޓުބޯޅަ ޖަމުއިއްޔާއިންނާއި ކުލަބުތަކުންކުރާ މިންނެތް މަސައްކަތުގެ ސަބަބުން މިއަދު ދިވެހި ފުޓުބޯޅައަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުން ޖެހިލުންވާވަރުގެ ފުޓުބޯޅައެކެވެ.
އަޅުގަނޑުގެ ނަޒަރުގައި ދިވެހި ފުޓުބޯޅަ، މިސަރަހައްދުގެ ގައުމުތަކައްވުރެ ކުރިއަރާފައިވި ނަމަވެސް ފުޓުބޯޅަ ކުރިއެރުވުމަށް އެގައުމުތަކުން ކުރާ މަސައްކަތާއި ހޭދައާއި އެއްވަރަށް އަދި ރާއްޖޭގައި އެކަންކަން ކުރެވެމުން ނުދެއެވެ. މިސާލެއްގެ ގޮތުން ބަލާނަމަ އެގައުމުތަކުގައި މުޅިގައުމުގެ ހުރިހާ ސަރަހައްދެއް ތަމްސީލުވާފަދަ ލީގުތައް އެބަބާއްވައެވެ. އަދި ފުޓުބޯޅައާއި ގުޅޭދާއިރާތަކުން ކިޔަވައިދޭ މަރިކަޒުތައް އެބަހުއްޓެވެ. ފެންވަރު ރަނގަޅު ސްޓޭޑިއަމްތައް އެގައުމުތަކުގައި އެބަހުއްޓެވެ. ވިޔަފާރިއުސޫލުން ހިންގާ ފުޓުބޯޅަ ކުލަބުތައް އެގައުމުތަކުގައި އެބަހުއްޓެވެ. އަޅުގަނޑުމެން ރާއްޖެއަށް ބަލާއިރު މިފަދަ އެއްވެސް ކަމެއް ފެންނާކަށް ނެތެވެ. ރާއްޖޭގައި ދިވެހި ލީގެއް ކޮންމެ އަހަރަކު ބޭއްވިނަމަވެސް އެލީގަކީ މުޅިރާއްޖެ ހުރިހާ ސަރަހައްދެއް ތަމްސީލުވާ ލީގެއް ނޫނެވެ.
އަޅުގަނޑުގެ ނަޒަރުގައި ދިވެހި ފުޓުބޯޅަ އިތުރު ހަރުފަތަކަށް މިހާރު ވާސިލުވާން ވެއްޖެއެވެ. އެގޮތުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި މުޅިރާއްޖެ ތަމްސީލުވާވަރުގެ ދިވެހި ލީގެއް ތައާރަފްކުރަން ވެއްޖެއެވެ. އާދެ ކޮންމެ އަތޮޅަކުން ވާދަކުރަން ބޭނުންވާ ޓީމަކަށް ފުރުޞަތު ލިބޭގޮތަށެވެ. އަތޮޅުކައުންސިލުތަކުން އެއަތޮޅެއްގައި އޮތޮޅު ލީގެއް ބޭއްވިދާނެއެވެ. އަދި އަތޮޅު ލީގުން އެއްވަނަ ލިބޭ ޓީމަކަށް ދިވެހި ލީގުގައި ވާދަކުރުމުގެ ފުރުޞަތު ދެވިދާނެއެވެ. އަދި ލީގު މެޗުތައް ކުޅެންވާނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ކުޅުމުން ވަރަށް ގިނަ އެހެނިހެން ފައިދާތަކެއްވެސް ކުރެއެވެ. އޭގެ ތެރޭގައި މެޗުއޮންނަ ރަށަށް ޒިޔާރަތްކުރާ މެހްމާނުންގެ ސަބަބުން އެރަށެއްގެ އިގްތިޞާދު ރަނގަޅުވެގެންދެއެވެ. އަދި ރަށުގެ ހާލަތު އެރަށަށް ޒިޔާރަތްކުރާ މެހުމާނުންނަށް ފެނި ބައްދަލުވެ އެއްބަޔަކު އަނެއްބަޔަކާ ގުޅުން ބަދަހިވެގެން ދެއެވެ.
ފުޓުބޯޅަ ތަރައްގީ ކުރާނަމަ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން، ރަނގަޅުފެންވަރުގެ އެއް ސްޓޭޑިއަމް އޮންނަން އެބަޖެހެއެވެ. މިއީ އެއްދުވަހުން ކުރެވިދާނެ މަސައްކަތެއް ނޫނެވެ. ނަމަވެސް ދުރާލައި ޕްލޭނުކޮށްގެން މަސައްކަތްކޮށްފިނަމަ ނުވާވަރުގެ ކަމެއްވެސް ނޫނެވެ. މިއީ ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ނުވަތަ ވިޔަފާރިއުސޫލުން ބަޔަކާއި ހަވާލުކޮށްގެންވެސް ކުރެވިދާނެ ކަމެކެވެ. މިގޮތަށް ކޮންމެ އަތޮޅެއްގައި ފެންވަރު ރަނގަޅު އެއް ސްޓޭޑިއަމް ގާއިމުކުރެވިއްޖެ ނަމަ ގައުމީ މުބާރާތްތަކާއި ބައިނަލް އަގުވާމީ މުބާރާތްތައް ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ބާއްވަން ވަރަށް ފަސޭހަވާނެއެވެ. އަދި މިފަދަ ސްޓޭޑިއަމްއެއްގެ ސަބަބުން އެސަރަހައްދެއްގެ ވިޔަފާރިއާއި އިގްތިޞާދު ރަނގަޅުވެގެން ދާނެއެވެ.
މިޒަމާނުގައި ކުޅިވަރަކީވެސް ތަމްރީނާއި ތަރުބިއްޔަތު ދީގެން ކުރުވާކަމެކެވެ. އެހެންކަމުން ރާއްޖޭގައި ހުރި ކިޔަވާދޭ ތަންތަނުން ފުޓުބޯޅައާއި ގުޅޭ ކޯސްތައް ތައާރަފްކުރަން އެބަޖެހެއެވެ. ކޮންމެ އަތޮޅެއްގައި ނަމަވެސް ޒުވާނުން ތަމްރީނުކޮށް ތަރައްގީކުރާނެ އިންތިޒާމެއް ހަމަޖައްސަން އެބަޖެހެއެވެ. ކުޅިވަރުގެ އަހްލާގާއި އަދަބުތައް ދަސްކޮށްދޭން ޖެހެއެވެ. ކުޅިވަރުކުޅޭބައެއްގެ ކެއިންބުއިމުގެ ކަންތަކާއި އާންމު ދިރިއުޅުމުގެ ކަންތައް ބައްޓަންކުރަންވާނެ ގޮތުގެ މައުލޫމާތު އެނގެން އެބަޖެހެއެވެ. އެހެން ކުޅިވަރުތަކާއި ޚިލާފަށް ފުޓުބޯޅައަކީ އެންމެން ގުޅިގެން ކަމެއް ހާސިލުކުރުމަށް ތަރުބިއްޔަތުކުރާ ކުޅިވަރެކެވެ. މިއީ މިފަދަ ކުޅުންތެރިންގެ އާންމު ދިރިއުޅުމަށްވެސް ނުހަނު ފައިދާކުރާނެ ވިސްނުމެކެވެ.
ދިވެހިރާއްޖޭގައި ފުޓުބޯޅަ ކުރިއެރުވުމަށް ދެންކުރަން އެންމެ މުހިއްމުކަމަކީ ފުޓުބޯޅަ ކުލަބުތައް ވިޔަފާރިއުސޫލުން ހިންގޭނެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ. މިހާރުވެސް ކުލަބުތަކުގެ ދަރަނި ޚަލާސްކޮށްދިނުމުގައި ސަރުކާރާއި ކުންފުނިތަކާއި އާންމު ފަރުދުން އެހީވާތަން ވަރަށްގިނައިން ފެނެއެވެ. އަޅުގަނޑުގެ ނަޒަރުގައި އެއީ އިޚްލާސްތެރިކަމާއެކު ކުލަބަށް އެހީވަނީއެއް ނޫނެވެ. އިޚްލާސްތެރިކަމާއެކު އެހީވާނަމަ އެހީވާނީ ކުލަބު އަމިއްލަ ފައިމައްޗަށް ތެދުވެވޭނެގޮތް ހަދައިދިނުމަށެވެ. މެމްބަރުން އިތުރުކުރުމުގައާއި މެމްބަރުންއަތުން ފީއެއް ނެގުމުގެކަންތައް ހަމަޖެއްސުމުގައެވެ. ކުލަބަށް ބޭނުންވާނެ އޮފީހާއި ބިންތައް ހޯދައިދިނުމުގައެވެ. އަދި ކުލަބަށް ވިޔަފާރީގެ ދޮރުތައް ހުޅުވައިދިނުމެވެ. މީގެއިތުރުން ކުލަބުގެ ހިންގުމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށްދިނުމެވެ. ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ކުލަބުތަކައް ހޯދައިދޭންވީ މިދެންނެވި ކުރިއެރުންތަކެވެ. އޭރުން އަޅުގަނޑުމެންގެ ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ކުލަބުތަކާއި ކުޅުންތެރިން އުފެދިގެން ދާނެކަމީ އެއްވެސް ޝައްކެއްއޮތްކަމެއް ނޫނެވެ. އަދި ދިވެހި ފުޓުބޯޅައިގެ ސަބަބުން ދިވެހިންގެ އިގުތިޞާދީ އަދި އިޖުތިމާއީ ގުޅުންތަކާއި އެއްބައެވަންތަކަން އާލާވެގެންދާނެއެވެ.