ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ސަންޖޭގެ ދަރިފުޅު ޓްރިޝަރާ ދަތްގެ ލޯބިވެރިޔާ ކުއްލިއަކަށް މަރުވެފައިވާ ކަމަށާއި މިކަމާއި ގުޅިގެން އޭނަގެ ހިތްކުދި ކުދި ވެފަިއވާ ކަމަށް ބުނެފިއެވެ.
ޓްރިޝަރާގެ އިޓަލީ ލޯބިވެރިޔާ ކުއްލިގޮތަކަށް މިމަހު 2ވަނަ ދުވަހު މަރުވެފައިވާ ކަން އޭނާ ހާމަކޮށްފައިވަނީ އިންސްޓަގްރާމް މެދުވެރިކޮށެވެ.
އޭނާ ގެލޯބިވެރިޔާގެ ފޮޓޯއެއް ހިއްސާކުރަމުން ކެޕްޝަންގައި ޓްރިޝަރާ ބުނެފައިވަނީ، “އަހަރެންގެ ހިތްވަނީ ކުދިވެފައި. އަހަރެންދެކެ ލޯބިވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެން ދުވަހަކުވެސް ނުއުޅޭހާ އުފަލުގައި ބެހެއްޓި. އަހަންނަކީ ދުނިޔޭގައި ހުރި އެންމެ ނަސީބްގަދަ މީހާ. އަބަދުވެސް ހަނދާނުގައި ބަހައްޓާނަން. ލޯބިވާނަން އަދި ބައްދަލުވަން ދެންވެސް” ޓްރިޝަރާ ލިޔެފައިވެއެވެ.
ޓްރިޝަރާ މީހަކާ ލޯބީގެގޮތުން ގުޅިގެން އުޅޭކަން އެންމެ ފުރަތަމަ ފަހަރަށް ހާމަކޮށްފައިވަނީ މިއަހަރުގެ ކުރީކޮޅު އެވެ. އިންސްޓަގްރާމްގައި ލޯބިވެރިޔާގެ ފޮޓޯތައްހިއްސާ ކޮށްފައިވީ ނަމަވެސް އޭނަގެ ނަންހާމަކޮށްފައި ނުވެއެވެ. އަދި ލޯބިވެރިޔާ ކުއްލި ގޮތަކަށް މަރުވުމަށް ދިމާވީ ކޮންމައްސަލައެއް ކަމެއްވެސް އޭނާ ބުނެފައިނުވެއެވެ.
މިހާރު އުމުރުން 30 އަހަރުވެފައިވާ ޓްރިޝަރާ އަކީ ސަންޖޭދަތުގެ ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ކުއްޖެކެވެ. އޭނަ ކުޑައިރުއްސުރެން ދިރި އުޅެމުންދަނީ އޭނަގެ މަންމަ ފަރާތު މާމަމެން ކައިރީ ޔޫއެސްގައެވެ.