English Edition
Dhivehi Edition

ކޮންމެ ގުޅުމެއްވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްދާނީ އެކަކު އަނެކަކަށް ކުރާ އިތުބާރާ ޔަގީންކަމާއެކުގައިކަން ޔަގީނެވެ. އެހެންނަމަވެސް ތިމާގެ ބައިވެރިޔާ އޭނާގެ ކުރީގެ ލޯބިވެރިޔާއާއި އެކުވެރިކަން ބާއްވާނަމަ ކިތަންމެ ބޮޑު އިތުބާރެއްކުރި ނަމަވެސް އެ ދެމީހުންގެ މެދުގައި ޝައްކާއި ވަހުމް އުފެދޭތަން އާދެއެވެ. ކިތަންމެ ލޯބިން އުޅޭ ދެމީހުންކަމުގައިވީ ނަމަވެސް ކުރީގެ ބައިވެރިޔާއާއި ވާހަކަދައްކާ ނަމަ، އަދިވެސް އޭނައަށްޓަކައި ހާއްސަ މަގާމެއް ދެވިފައިވާކަމަށް ހީކުރެވިގެންދެއެވެ. އެކަމަކު ހަގީގަތުގައި ކުރީގެ ލޯބިވެރިޔާ ނުވަތަ ހަޔާތުގެ ބައިވެރިޔާއާއި ވާހަކަދައްކާ ރަހްމަތްތެރިކަން ބޭއްވުމަކީ މައްސަލައެއް ހެއްޔެވެ؟ ތަޖުރިބާކާރު ގިނަ މީހުން ގަބޫލުކުރާ ގޮތުގައި މިއީ މައްސަލައެއް ނޫނެވެ. އަދި ބައެއް ހާލަތްތަކުގައި ކުރީގެ ބައިވެރިޔާ އާއި ވާހަކަދައްކާ ރަހްމަތްތެރިކަމުގެ ގުޅުން ބޭއްވިދާނެއެވެ.

  • ދެމީހުންގެވެސް ރަހްމަތްތެރިންނަކީ އެއްބައެއް ކަމުގައިވުން: މިފަދަ އެކުވެރިންގެ ގުރޫޕެއްގެ ތެރޭގައި ދެމީހުން ވާހަކަ ނުދައްކާ ތިބުމަކީ އޭގެ އަސަރު އެހެން އެކުވެރިންނަށްވެސް ކުރާނެ ކަމެކެވެ. އެހެންކަމުން މި ފަދަ ހާލަތްތަކުގައި ދެމީހުންގެ ލޯބީގެ ގުޅުން ނިމުމަކަށް އައި ކަމުގައިވީނަމަވެސް އެހެން އެކުވެރިންނާއި އެކު ބޭރަށް ގޮސް، އެކުގައި ވާހަކަދައްކާ، މަޖާކޮށް އުޅުމަކީ މައްސަލައެއް ނޫނެވެ.
  • ދެމީހުން އެއް އޮފީހެއްގައި މަސައްކަތްކުރުން: އަބަދުވެސް އަމިއްލަ ދިރިއުޅުމުގެ ކަންތައްތަކާއި ރަސްމީ ކަންތައްތައް ވަކިކޮށް ބެހެއްޓުމަކީ މަސައްކަތްކުރާ މާހައުލުގައި އުޅުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ. އެހެންކަމުން ކުރީގެ ލޯބިިވެރިޔާ އާއި އެއް އޮފީހެއްގައި މަސައްކަތްކުރާ އިރުވެސް އަބަދުވެސް ދެމީހުންގެ މެދުގައި ރަގަޅު ގުޅުމެއް އޮންނަޖެހެއެވެ.. ބައެއް ހާލަތްތަކުގައި ހަމައެކަނި ރަސްމީ ވާހަކަދެއްކެވުނު ނަމަވެސް އޮފީސް މާހައުލުގައި ދެމީހުންގެ މެދުގައި އޮންނަ ގުޅުން އޮންނަވާނީ މަސައްކަތައް ބުރުނާރާ ގޮތަށެވެ.
  • ދެމީހުންވެސް މާޒީ ހަނދާން ނައްތާލުން: ދެމީހުންވެސް އެކަކު އަނެކަކު މަތިން ހަނދާން ނައްތާލުމަށްފަހު އާ ގުޅުންތަކަކާއެކު ކުރިއަށްދާނަމަ ވާހަކަދެއްކުމަކީ މައްސަލައެއް ނޫނެވެ. އޭރުން ދެމީހުންނަށް އެކަކު އަނެކަކުގެ ދިރިއުޅުމުގެ މުހިންމު ކަންތައް އެގިފައިވުމުން، އާ ގުޅުންތަކުގައި ޖެހޭ މައްސަލަތައް ހައްލުކުރުމަށް އެހީތެރިކަން ލިބިގެންދާނެއެވެ.
  • ރައްޓެހިވުމުގެ ކުރިންވެސް އެކުވެރިންކަމުގައި ވުން: ލޯބީގެ ގޮތުން ގުޅުމުގެ ކުރިންވެސް ދެމީހުންނަކީ ރަގަޅު ގާތްއެކުވެރިންކަމުގައި ވާނަމަ ލޯބީގެ ގުޅުން ނިމުމަށްފަހުވެސް އެކުވެރިންގެ ގޮތުގައި ތިބެވިދާނެއެވެ. ބައެއްފަހަރު ގާތް ދެއެކުވެރިން ލޯބީގެ ގޮތުން ގުޅުމަށްފަހުވެސް ލޯބީގެ ގުޅުމަށްވުރެ އެކުވެރިކަމުގެ ގުޅުން މާ ކާމިޔާބުކަމުގައި ގަބޫލުކުރެވެއެވެ.

އެހެންކަމުން މި ހުރިހާ ސަބަބުތަކަށް ބަލާލާއިރު ދެމީހުން ދޭތެރޭ އޮންނަ އިތުބާރައި ޔަގީންކަން ވަރުގަދަ ނަމަ ކުރީގެ ލޯބިވެރިޔާއާއި ވާހަކަދެއްކުމަކީ މައްސަލައެއް ނޫނެވެ. އަދި އޭނާގެ ކުރީގެ ލޯބިވެރިންނާއި ބެހޭ ގޮތުން ކިޔައިދީފައިވާ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ނަމަ، އަދި ފަހުން އެމީހުންނާއި އޮންނަ އެކުވެރިކަމުގެ ވާހަކަ ސިއްރުނުކާރަނަމަ ބައިވެރިޔާއަކީ ތެދުވެރި މީހެއްކަމުގައި ބެލުމުގެ ފުރުސަތު ވަރަށްވެސް ބޮޑެވެ. އެހެންނަމަވެސް ކުރީގެ ލޯބިވެރިޔާއާއި އޮންނަ ގުޅުން އަބަދުވެސް މެދު މިންގަޑެއްގައި ހިފެހެއްޓުމަށް މަސައްކަތްކުރަން ވާނެއެވެ.