English Edition
Dhivehi Edition

ދެހާސް ފަންސަވިސް ވަނަ އަހަރުން ފެށިގެން ހުރިހާ ބާވަތެއްގެ ޕްލާސްޓިކް ރާއްޖޭގައި ބޭނުން ކުރުން ހުއްޓާލަން ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ.

މަޖިލީހުން މިކަމަށް އިގުރާރުވެ ފާސްކޮށްފައިވަނީ، 2025ހުގެ ނިޔަލަށް ހުރިހާ ބާވަތެއްގެ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކު ބޭނުންކުރުން މަނާކުރުމަށް އިލްތިމާސްކޮށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން އިސްނަގައިގެން ރާއްޖޭގެ އިތުރު 16 ސްކޫލަކާ ގުޅިގެން، މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މެންބަރުންނާއެކު ބޭއްވެވި ބައްދަލުވުމުގައި، އެ ކުދިން ހުށަހެޅި އިލްތިމާސްއާމެދު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓު ފާސްކޮށްގެންނެވެ.

އެ ގަރާރު މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި 64 މެމްބަރުންގެ ވޯޓާ އެކު އެވެ.

އެގަރާރުގައި ވާގޮތުން 2020 ވަނަ އަހަރު އަންނަން ވާއިރަށް ބޭނުން ވަނީ 150 އަދި 500 މިލި ލިޓަރުގެ ފެންފުޅި އުފެއްދުން މަދު ކުރުމަށާއި މަނާކުރަން ކަމަށް ފާސްކުރި އެވެ. އަދި ހަމަ މިއާއެކު ސުޕާރީ ޕެކެޓާއި ޕްލާސްޓިކް ހޮޅި ފަދަ ތަކެތި މަނާ ކުރުމުގެ އިތުރުން ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ބޭނުން ކުރެވޭނެ އެއްޗެއް ހޯދައި ސަބްސިޑައިޒް ކުރަން ވެސް ފާސްކުރި އެވެ.

މީގެ އިތުރުން ޕްލާސްޓިކުފުޅި ރާއްޖޭގައި އުފެއްދުމާއި ބޭނުންކުރުން މަދު ކުރަމުންގޮސް 2024 ގެ ނިޔަލަށް އެފަދަ ފުޅި ރާއްޖޭގައި މަނާކުރުމަށްވެސް ރިޕޯޓްގައި ހިމަނާފައިވެއެވެ. މީގެއިތުރުން ހޮޅި އާއި ސުޕާރީ އާއި ޕެކެޓާއި ޕްލާސްޓިކު ކޮތަޅު 2020ގެ ނިޔަލަށް ރާއްޖޭގައި މަނާ ކުރުމަށްވެސް ވަނީ ހިމަނައިފައެވެ.

ރިޕޯޓްގައިވާ ގޮތުން އެފަދަ ހުރިހާ ބާވަތެއް 2025ހުގެ ނިޔަލަށް މަނާ ކުރުމަށްފަހު، ކޮތަޅާއި ފުޅިއާއި ހޮޅި ފަދަ ތަކެތީގެ ބަދަލުގައި ބޭނުންކުރެވޭ، ތިމާވެއްޓާ ރަހުމަތްތެރި ތަކެތި ރާއްޖޭގައި ކުރިއެރުވުމަށް އަޅާންޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭނެއެވެ.

ބޭނުންކުރެވޭ ހުރިާ ޕްލާސްޓިކް ޒިންމާދާރު ގޮތެއްގައި އެއްކޮށް ފައިދާހުރި ގޮތެއްގައި ބޭނުން ކުރުމަށް ގަރާރުގައި ވަނީ އެދިފަ އެވެ.