English Edition
Dhivehi Edition

2023 ވަނަ އަހަރުގެ ކުރީން، “ސިންގަލް-ޔޫސް ޕްލާސްޓިކް” ނުވަތަ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ މައްސަލައަށް ޙައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިއީ ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާ އަދި ވަކިން ޚާއްޞަކޮށް ވިޔަފާރިތަކުގެ އެހީތެރިކަން ބޭނުންވާ ކަމެއް ކަމުގައި ރައީސުލް ޖުމުހޫރިއްޔާ ވިދާޅުވެއްޖެއެވެ.

އ.ދ.ގެ ޢާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ޕާލޭ ފޮރ ދަ އޯޝަންސްއާއި ދިވެހިރާއްޖެއާއި ދެމެދު މިކަމާބެހޭ ޚާއްޞަ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް ވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު ބޭނުންކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ހުއްޓާލާނެކަމަށް އެމަނިކުފާނު މިފަހަރުގެ އދ ގެ ޢާންމު މަޖިލީހުގައި ވިދާޅުވި ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ. މީގެ އެއްބޭނުމަކީ ކަނޑުތަކަށް އުކާލެވޭ ކުނީގެ މައްސަލައަށް ޙައްލެއް ހޯދަ ޕްލާސްޓިކް ނެތް ކަނޑުތަކެއް ޤާއިމް ކުރުން ކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައިވަނީ ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމުގެ މައްޗަށްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މީގެ ތެރޭގައި ތިމާވެށި ހިމާޔަތްކުރުމާއި، ކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމުގައެވެ.

މިއީ، ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާ އަދި ވަކިން ޚާއްޞަކޮށް ވިޔަފާރިތަކުގެ އެހީތެރިކަން ބޭނުންވާ ކަމެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ، ތަކެތި ބަންދުކުރުމަށް ޕްލާސްޓިކް ނޫން، ތިމާވެއްޓާއި ރަހުމަތްތެރި ގޮތެއް ހޯދަން ވިޔަފާރިތަކަށް ގޮވާލައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޕްލާސްޓިކް މަދު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، މިކަމުގައި ޒިންމާދާރު ދައުރެއް އަދާކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށާއި ބޮޑެތި ވިޔަފާރި ކުންފުނިތަކަށް އިލްތިމާސް ކުރައްވާފައެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލައަށް ޙައްލެއް ހޯދުމުގައި ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި ފައިތިލަ ސާބިތު ކުރަމުންދާނެކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި މަސައްކަތުގައި އެހެން ޤައުމުތަކަށް މިސާލު ދެއްކުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމުގަވެ. ނަމަވެސް، މިއީ ރާއްޖެއިން އެކަނި ކުރާ މަސައްކަތުން ޙައްލު ކުރެވޭ ވަރަށްވުރެ ބޮޑު މައްސަލައެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ޚާއްސަކޮށް ކަނޑުތަކަށް އުކާލެވޭ ކުނީގެ މައްސަލައަކީ، ވަކި ޤައުމަކަށް ޚާއްޞަ މައްސަލައެއް ނޫންކަން ހަނދުމަފުޅުކޮށްދެއްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ، މިކަމަށް ބޭނުންވަނީ ހުރިހާ ޤައުމުތަކަކުން ގުޅިގެން މަސައްކަތް ކުރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޕާލޭ ފޮރ ދަ އޯޝަންސްއާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެ ޖަމުޢިއްޔާއަކީ ކަނޑުތަކުގެ ދިރުމާއި އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމާ އޮތް ގުޅުން ދަންނަ، ކަނޑުތަކުގެ ދިރުންތަކުގެ ރައްކާތެރިކަމަށް މަސައްކަތްކުރާ މަދު ޖަމުޢިއްޔާތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ޖަމުޢިއްޔާއެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި އެ ޖަމުޢިއްޔާގެ ރާއްޖޭގައި ހިންގާ ގޮތްޕަކީވެސް ފާހަގަކޮށްލެވޭ، އަދި ތަޢުރީފު ޙައްޤު މަސައްކަތްތަކެއް ކުރާ ގޮތްޕެއްކަމުގައި ރައީސް ވިދާޅުވިއެވެ.