English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވެފައިވާ އިޤްތިޞާދީ މަޑުޖެހުމަށް ރިޢާޔަތްކޮށް އަދި މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓު ޤާނޫނު) ގެ 7 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން އުފައްދާފައިވާ އެއްފަހަރު ބޭނުންކޮށްފައި އުކައިލެވޭ ބާވަތްތައް ކަނޑައެޅުމާއި ބެހޭ ޤަރާރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އިޞްލާޙްކުރައްވައިފިއެވެ.

އެގޮތުން ގެންނެވި ބައެއް އިޞްލާޙްތަކުގެ ތެރޭގައި ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި ، މަނާ ކުރާ ތާރީޚްއަކީ 31 ޑިސެންބަރު 2021 ކަމުގައި ކަނޑައަޅުއްވައި، ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ނޫން ބުއިންތައް ވަކި ކުރުމަށްފަހު، ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ، ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާތަކެތި އެތެރެކުރުން މަނާވާނީ 01 ޖޫން 2022 ގައި ކަމުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، 50 މިލިލީޓަރާއި، އެއަށްވުރެ ކުދި ކޮންޑިޝަނަރ އަދި ލޯޝަން ފުޅިވެސް ވަނީ އެތެރެކުރުން މަނާ ލިސްޓަށް އިތުރުކުރައްވާފައެވެ. އަދި، 2022 އިން ފެށިގެން 200 މިލިލީޓަރާ ހަމަޔަށް ހިމެނޭ ކުދި ކޮންޑިޝަނަރ އަދި ލޯޝަން ފުޅިވެސް ވަނީ އެތެރެކުރުން މަނާ ތަކެތީގެ ތެރޭގައެވެ.

މި އިޞްލާޙް އާއެކު ބަދަލު އައިސްފައިވާކަންކަން މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރައްވާފައެވެ. ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކްގެ ބާވަތްތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމާއެކު، އެ ކަން އިޢުލާނުކުރައްވާ ނެރުއްވާފައިވާ ޤަރާރުގައި ބަޔާންކުރައްވާފައިވާ ތާރީޚުތަކުން ފެށިގެން، އެ ތަކެތި އެތެރެކުރުން މަނާވާނެއެވެ.