ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ،ދަފްތަރު ނަންބަރު 2997، ފުލުހުން ހޯދައިފިއެވެ.
ނިމުނު ޖޫން މަހުގެ 18 ވަނަ ދުވަހު ކުޑަކުދިންގެ ހިޔާއިން ފިލުމުން ހޯދަމުންދިޔަ ޝައިމް އަބްދުﷲ ހޯދާފައިވަނީ މާލެގެ ގެއެއްގެ ތެރެއިންނެވެ.
ޝައިމް ހޯދައި ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަން ކަށަވަރު ކޮށްދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ ޓްވީޓެއް ކުރައްވާފައެވެ. ހަމީދު ވިދާޅުވީ މާލޭގެ ގެއެއްގެ ތެރެއަށް ފުލުހުން ގަދަކަމުން ވަދެ، ޝައިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވީ މީހަކު ކުރެއްވި ޓްވީޓެއްގެ ރައްދުގަ އެވެ.
ޝައިލް ފިލާފައިވަނީ ، ހިޔާގައި މަރާމާތު ކުރަމުންދިޔަ ކޮޓަރިއެއްގެ ކުޑަދޮރުން ޖެހިގެން ހުރި އިމާރާތުގެ ފުރާޅުމައްޗަށް ފުންމާލައިގެން ކަމަށް ބެލެވޭކަމަށް ޖެންޑަރ މިނިސްޓަރ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ޝައިމް ޝައިމް އަކީ ކުށުގެ ވެށިން ފެނުމުން ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަށް ކުޑަކުދިންގެ ހިޔާއަށް ގެންގޮސް ވަކިން ކޮޓަރިއެއްގައި ބަހައްޓާފައި ހުންނަ ކުއްޖެކެވެ. އެނގިފައިވާ ގޮތުގައި ޝައިމް ފިލާފައިވަނީ ރޭގަނޑުގެ ވަގުތެއްގައެވެ.
ޝައިމް ހޯދުމަށްޓަކައި މީގެ ކުރިންވެސް ފުލުހުން ވަނީ އެކި ތަންތަނަށް ކޯޓު އަމުރާއެކު ވަދެ ބަލާ ފާސްކޮށްފައެވެ. ޝައިމް ފެނިފައިވަނީ މާލޭގެ ކޮންގެއަކުން ކަމެއް އަދި ފުލުހުން ހާމަކޮށްފައި ނުވާއިރު ޝައިމް ފޮރުވައިގެން އުޅުނީ ކޮންބައެއްކަން ވެސް ފުލުހުން ހާމަކޮށްފައި ނުވެއެވެ.
ޝައިމް ފެނިފައި މި ވަނީ އޭނާ ގެއްލިގެން ހޯދާތާ ދެ ހަފްތާ ވާން ކައިރިވެފައި ވަނިކޮށެވެ.