English Edition
Dhivehi Edition

ހަނގާކުރުމަކީ އަނެކާއަށް އަނިޔާވެރި ވުމެވެ. އެއީ ޖިސްމާނީ އަނިޔާއަކަށް ވިޔަސް ނުވަތަ ނަފްސާނީ އަނިޔާއަކަށް ވިޔަސް އެކަމެއް ހިމެނެނީ ބުލީކުރުން ނުވަތަ ހަނގާކުރުމުގެ ތެރޭގައެވެ. ޢާއްމު ގޮތެއްގައި ހަނގާކުރެވެނީ ސްކޫލަށް ދާ ޢުމުރުފުރާގެ ކުދިން ސްކޫލުތެރޭގައެވެ. އެހެންނަމަވެސް ގިނަ ކުދިން އުޅޭ ގެތަކުގައިވެސް މިކަންތައް ހިނގައެވެ.

ޢާއްމުގޮތެއްގައި ހަތަރުގޮތަކަށް ހަނގާ ކުރެވެއެވެ. އޭގެތެރެއިން ފުރަތަމަގޮތަކީ އެއްކުއްޖަކު އަނެއްކުއްޖާގެ ހަށިގަނޑަށް އަނިޔާ ކުރުން ނުވަތަ ފިޒިކަލީ ބުލީކުރުމެވެ. މީގެ ތެރޭގައި ހިމެނެނީ ޖެހުން، ކޮއްޕުން، ވިކައިގަތުން އަދި އެނޫން ގޮތަކަށް ނަމަވެސް ހަށިގަނޑަށް އަނިޔާއެއް ދިނުމެވެ.

ދެވަނަގޮތަކީ ބަހުން ދެވޭ އަނިޔާއެވެ. ނުވަތަ ކުރެވޭ ގޯނާއެވެ. މީގެތެރޭގައި ހިމެނެނީ ކުއްޖާ ހެދިބޮޑުވެފައި ވާގޮތުން ފެންނަ އައިބަކާ ގުޅުވާފައި ވަނަން ކިޔުން ނުވަތަ އެހެން ގޮތަކުން ނަމަވެސް ޖެއްސުން ކޮށް ފުރައްސާރަ ކުރުމެވެ. ނުވަތަ ބަހުން ކުއްޖާ ހިތްހަމަ ނުޖެހޭ ގޮތަށް އެ ކުއްޖަކަށް ގޯނާ ކުރުމެވެ. މިސާލަކަށް ފިރިހެން ކުއްޖަކާ ދިމާލަށް އަންހެން ހަސީން، މާ ބޮޑުކޮށް ފަލަ ކޮށްހުންނަ ކުއްޖަކާ ދިމާއަށް ކުލާހުގެ ބައްޕަ އޭ ކިޔާ ގޮވުން، އެންމެ ހިކިކޮށް ހުންނަ ކުއްޖާ އާ ދިމާއަށް ސްޓިކް ބޯއި ކިޔާ ގޮވުމަކީ ވެސް ބަހުން ނުވަތަ ދުލުން ކުރެވޭ ގޯނާ އެވެ.

ތިންވަނަ ގޮތަކީޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ބުލީ ކުރުމެވެ ،މިސާލަކަށް ފޭސް ބުކު ބޭނުން ކޮށްގެން އަނެކާއަށް ދެރަ ކަމެއް ލިބޭ ކަމެއް ލިބޭ ފަދަ ކަމެއް ކުރުމެވެ. ނުވަތަ އެހެން މީހަކަށް ގެއްލުން ވާފަދަ ކަމެއް ކުރުމެވެ.

ހަތަރު ވަނަ ގޮތަކީ ނުފެނި ތިބެ ޖަމާއަތުގެ ތެރޭގައި އަނެއް ކުއްޖާގެ ޢިއްޒަތް ގެއްލި އަބުރަށް ހުތުރު ނަމެއް ލިބޭފަދަ ގޮތަކަށް ހަގީގަތާ ޚިލާފު ވާހަކަ ފެތުރުން ފަދަ ކަންކަން ކުރުމެވެ.

މިދެންނެވި ގޮތަކީ ބުލީ ކުރުމުގެ މައިގަނޑު ގޮތްތައް ކަމުގައި ހޯދުންތަކުގައި ބަޔާން ކުރެވިފައި ވީނަމަވެސް މިނޫން ގޮތަކަށް ވެސް ހަނގާ ކުރުމުގެ ޢަމަލު ކުދިންގެ މެދުގައި ހިންގާފައި ވާނެއެވެ . މިސާލަކަށް ކްލާސް ތެރޭގައި ކުދިން ބޭނުން ގޮތަކަށް ގްރޫޕް ހަދަން ލިބޭ ފުރުސަތު ތަކުގައި ވަކި ކުއްޖަކު ބާކީ ކޮށްފައި ބެހެއްޓުމަކީ ވެސް ކުލާހުގައި ކުދިންގެ މެދުގައި ހިނގާ ކަންތަކެވެ.

މިގޮތަށް ކަންތައް ވުމުން ހިތަށްވެސް ނުގެނެވޭފަދަ ހިތްދަތި އަސަރުތައް އެ ކުއްޖާގެ ހިތަށް ވެރި ކުރުވާކަމަށް ހޯދުންތަކުންނާއި ތަޖްރިބާގެ އަލީގައި ސާބިތު ވެއެވެ.

ހަނގާކުރުމަކީ ޢާއްމުގޮތެއްގައި ސްކޫލްތަކުގައި ނުވަތަ ގިނަ ކުދިން ޖަމާވާ ތަންތަނުގައި ހިނގާ ކަމަކަށް ވާއިރު ކުދިން މިކަން ކުރަނީ ކީއްވެގެން ކަމާމެދު ސުވާލު އުފެދެއެވެ. މިސުވާލުގެ ޖަވާބު ހޯދުމަށް ދިރާސާކޮށް ހޯދުންތައް ހޯއްދަވާ ބޭފުޅުން ވިދާޅުވަނީ ބައެއްކުދިން މިކަންތައް ކުރަނީ ގޯސްކަމެއްކަން ނޭގި ތިބެއެވެ. އަނެއްބައި ކުދިން ހަނގާ ކުރަނީ ގްރޫޕްތެރޭ މަޝްހޫރުވެ ތިމާގެ ގަދަކަން ދެއްކުމުގެ ގޮތުންނެވެ.

އަދި ބައެއް ކުދިން ގޭތެރެއިން މިފަދަ މަންޒަރުތައް ފެނިފައި ވާތީ އެކަންތައް ސްކޫލަށް ގޮސް ތަކުރާރު ކުރެއެވެ. ހަމަ ސްކޫލުން މިފަދަ މަންޒަރުތައް ފެނި ގެއަށް ގޮސް ގޭގައި ތިބޭ ކޮއްކޮމެންނަށް މިފަދަ ގޯނާ ކޮށް އަނިޔާ ދެއެވެ.

އަދި ހަމަ ބައެއްކުދިން ގަސްދުގައި އަނިޔާވެރި ވުމުގެ ގޮތުންވެސް މިކަން ކުރާ ކަމަށްވެއެވެ.

މިއީ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. ސަބަބަކީ ބުލީ ކުރެވޭ ކުއްޖާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން އެތައް ގެއްލުންތަކަކާ ކުރިމަތި ލާން ޖެހިފައިވާތީ އެވެ. ސްކޫލް ދައުރުގައި މިފަދަ ލަދުގެންނެވުންތަކާއި ބާކީ ކުރުންތަކާއި ވަނަން ކިޔުން އިތުރުވެ އެތައް ގެއްލުމެއް ލިބި އެކަންތައް ތަޙައްމަލު ނުވެ ދަރިން ސްކޫލަށް ނުގޮސް ހުއްޓާލާފައި ތިބި މަންޒަރު ފެނިފައި ވާތީ އެވެ. އެފަދަ މައިންގެ ހިތްދަތި ވާހަކަތައް ޚުދު އަޅުގަނޑަށް އިވިފައި ވާތީ އެވެ.

ހަނގާ ކުރުމުގެ މިދެންނެވި މައްސަލަ ދަރިވަރުންގެ މެދުގައި ޢާއްމުވެ ތަޅާފޮޅުމާއި ބަދަލު ހިފުމުގެ އޮއިވަރެއް ހިނގަން

ފަށައެވެ.

ހަނގާކުރުމާބެހޭގޮތުން ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުގެ ސޯޝަލް ސާވިސް ވޯކަރެއްކަމުގައިވާ އަބްދުﷲ މަސްޢޫދު ވިދާޅުވީ ” ހަނގާކުރުމަކީ ނުރައްކާތެރި ކަމެއް.އޭގެ ސަބަބުން ހިތާމަވެރި ޙާދިސާތައް ހިނގާފައި އެބަހުރި.ކުދިންގެ ފުރާނައަށް ގެއްލުންވެފައި އެބަހުރި.ހަނގާކުރުމުގެ މައްސަލައޮތީ ހަމައެކަނި ކުދިންގެ މެދުގައެއްނޫން.ބޮޑެތިމީހުންގެ ތެރޭގައިވެސް މިމައްސަލަ އެބައޮތް.”

މިކަމަކީމިހާ ސީރިއަސް ކަމަކަށްވާއިރު މިކަމާމެދު ކޮންމެ ފަރުދަކުވެސް ވިސްނާލަން ޖެހޭ ކަމުގައި ދެކެމެވެ. އަޅުގަނޑުމެންގެ ދަރިވަރުންގެ ތެރޭގައި ހަނގާ ކުރުމުގެ ކަންތައް ހިނގާތޯ ބަލަން ޖެހެއެވެ. ވަކިން ޚާއްސަކޮށް ދަރިންނާއި އެންމެ ބޮޑަށް ގުޅިފައިވާ ދެފަރާތް ކަމުގައިވާ ބެލެނިވެރިންނާއި ޓީޗަރުން މިކަމަށް ފާރަވެރިވުން މުހިއްމު ކަމުގައި ދެކެމެވެ.

ޢާއްމުގޮތެއްގައި ބުލީކުރުމުގެ ޝިކާރަޔަކަށް ވެފައިވާ ކުއްޖާ ގެ ކިބައިން ތިރީގައި މިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ފެންނާނެ ކަމަށް ކަމާބެހޭ ދިރާސާކުރައްވާ ބޭފުޅުން ބަޔާން ކުރައްވައެވެ.

1. ޢާއްމުކޮށް ނިދާ ނިދުމަށް ބަދަލު އައުން ނުވަތަ ނުނިދިގެން އުޅުން

2. ރަގަޅަށް ނުކެވުން

3. ކުއްލިއަކަށް ރުޅިގަދަވުން

4. އަވަހަށް ރުއިން ނުވަތަ އަވަސް އަވަހަށް މޫޑް ބަދަލު ވުން

5. ގައިގެ ތަންތަން ކެޑިފައި ނުވަތަ ދުޅަވެފައި ހުރުން

6. ޔުނިފޯމް ވީދިފައި ހުރުން ނުވަތަ ވަރަށް ބޮޑށް ހަޑިވެ ކުރަހާފައި ވުން

7. އިންޓަވަލް ދީފައި ފޮނުވި ނަމަވެސް ސްކޫލުން ގެއަށް އަންނަ އިރު އާދަޔާ ޚިލާފަށް ބަނޑުހައި ވެފައިވުން

8. ވާހަކަ މަދުވުން

9. ސްކޫލަށް ދާ މަގު ބަދަލު ކުރުން

10. ސްކޫލުގެ ނަތީޖާ ކުއްލިއަކަށް ދަށް ވުން

11. ސްކޫލަށް އެއްގޮތަކަށްވެސް ދާން ބޭނުން ނުވުން

މަތީގައި މިދެންނެވި ޢަލާމާތްތައް ނޫން އިތުރު ކަންތައް ވެސް ދަރިވަރުންގެ ކިބައިން ނުވަތަ ކުއްޖާގެ ކިބައިން ފެނިދާނެއެވެ.

މިކަހަލަ ކަމެއް ފެނުނަސް އަދި ނުފެނުނަސް ދަރިވަރުންނާ އެކި ކަންތަކާ ބެހޭގޮތުން ވާހަކަ ދައްކާ ސުވާލުކުރުން މުހިއްމެވެ.

އަދި ކަމެއް ފާހަގަ ވެއްޖެނަމަ ނުވަތަ ކުއްޖަކު ވާހަކައެއް ޙިއްސާކޮށްފިނަމަ އެކުއްޖަކީ ޝަކުވާބޮޑު ކުއްޖެއްގެ ގޮތުގައި ލޭބަލް ނުކޮށް ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވާ އެކަމެއް ހައްލު ކުރުމަށް އަވަސް ވެގަތުން މުހިއްމެވެ. ހަމަ އެއާ އެކު ގިނަ ކުދިން އުޅޭ ޖަމާޢަތެއްގައި ހިތްހަމަ ނުޖެހޭ އަޑުތައްވެސް އިވޭނެކަން ވިސްނާދީ ކުއްޖާއަށް ކެއްތެރިވާން ދަސްކޮށް ދިނުމަކީ މުހިއްމު ކަމެކެވެ.

ސްކޫލުގައި ވެސް އަދި ސްކޫލުން ބޭރުގައި ވިޔަސް އަނިޔާ ވެރި ވުމުގެ ޢަމަލެއް ފެނިއްޖެ ނަމަ އެކަމަކާ ގުޅިފައިވާ ފަރާތްތައް އެމައްސަލައެއް ހައްލު ކުރުމަށް ޚާއްސަ އިސްކަމެއް ދިނުމަކީ އެންމެ ބުއްދިވެރި ގޮތެވެ.

ހަނގާ ކުރުމަކީ އޭގެ ސަބަބުން މުޖުތަމަޢުގެ ފަރުދުންނަށް ގެއްލުންހުރި އެތައް ކަންތައްތަކެއް ތަކުރާރު ވާ އަދި ތަކުރާރު ވެދާނެ ކަމަކަށް ވާއިރު މިކަން ހުއްޓުވުމަށް ބެލެނިވެރިންނާއި ސްކޫލްތައް ގުޅިގެން މަސައްކަތް ކުރުން މުހިއްމެވެ.

އެއްވެސް ބެލެނިވެރިޔަކު ތިމާގެ ދަރި ” ދޮންފުތު ” ނުކޮށް އިސްލާމީ ރީތި އަޚްލާގުގެ މަތީ ތަރުބިއްޔަތު ކުރުމަށް ސަމާލު ވާން އެބަ ޖެހެއެވެ. އަދި ހަމަ މިއާއެކު ސްކޫލްތަކުގައި ވެސް ތަކުރާރުކޮށް އެހެންކުދިންނާއި އެއްޗިއްސަށް ގެއްލުންދީ އަނިޔާވެރި ނުވުމަށް ދީނީގޮތުންނާއި ދުނިޔަވީ ގޮތުން ވިސްނާ ދިނުމާއެކު މައްސަލަ ބަލާ ފިޔަވަޅު އެޅުން ނިހާޔަތަށް މުހިއްމެވެ.

ކުއްޖާ ބޮޑުވެގެން މުޖުތަމަޢުގެތެރޭގައި އުޅޭއިރު ކުށްތަކަށް އަރާނުގަންނަ ކުދިބަޔަކަށް ހެދުމަށްވެސް މިކަންތަކާ ފަރުވާތެރިވާން އެބަޖެހެއެވެ.

މިމައްސަލަ ހައްލު ކުރުމުގައިމިހާރުގެ މުޖުތަމަޢުގެ ތެރެއިން ފެންނަ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފެންނަކަންތައްތަކަށްވެސް ތެދުނުބުނުމުގެ މައްސަލައެވެ. ކުށަށް އިޢުތިރާފު ނުވުމުގެ މައްސަލައެވެ.

މި ގޮންޖެހުންތަކާއެކުވެސް ޓީޗަރުންނާއި މެނޭޖްމެންޓާއި ބެލެނިވެރިންނާއި ކަމާބެހޭ ހުރިހާ ފަރާތްތަކެއް އިޚްލާސްތެރިކަމާއެކު ގުޅިގެން މަސައްކަތް ކޮށްފިނަމަ ހަނގާ ކުރުމުގެ ޝިކާރަޔަކަށް ވެފައި ތިބި ގިނަ ކިޔަވާކުދިންތަކެއްގެ ޝިކާޔަތަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެއެވެ.