English Edition
Dhivehi Edition

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް 5000ރ. އާއި 7000ރ. އާ ދެމެދުގެ އިނާޔަތެއް ދިނުމާއި ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތި ކުރެވިފައިވާ މީހުންނަށް މަދުވެގެން 9000ރ. ގެ އިނާޔަތެއް ދޭނުމުގެ ބިލެއް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ހުށަހަޅުއްވައިފި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ހުށަހެޅުއްވި އިސްލާހުގެ ބިލްގައިވާ ގޮތުން ހާއްސަ އެހީއަށް ބޭނުންވާ މީހުން ބެލެހެއްޓުމަށާއި އެ މީހުންނަށް ބޭނުންވާ އެހީތެރިކަން އެކަށޭނެ ގޮތެއްގައި ލިބިދެވޭނީ އެފަދަ މީހުންނަށް ލިބޭ މާލީ އިނާޔަތް އިތުރުވެގެން ކަމަށެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންނަކީ އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެން ޖެހޭ ބައެއްކަން މި ބިލްގައިވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ބިލްގައިވާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލައި އެ ދަފްތަރު ބަލަހައްޓައި އެ މީހުން ގިންތި ކޮށްއަދި ދަފްތަރުން އެ މީހަކު އުނިކުރާ ތާރީހާ ހަމައަށް ކޮންމެ މަހަކު 5000ރ. އާއި 7000ރ. އާ ދެމެދުގެ އިނާޔަތެއް ސަރުކާރުން ދޭން ވާނެ ކަމަށް ބިލްގައިވެ އެވެ. މި ބިލްގައިވާ ގޮތުން އިނާޔަތްތަކަކީ އެ މީހެއްގެ ހުރި ނުކުޅެދުންތެރި ކަމަކާއި އެކަމެއްގެ ސަބަބުން އެ މީހެއްގެ ދިރިއުޅުމަށް އަސަރު ކުރާ މިންވަރުގެ މައްޗަށް ރިއާޔަތްކޮށް، ސަރުކާރުން ކަނޑައަޅާ އެއްޗަކަށް ވާން ވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މިހާރު ގާނޫނުގައިވާ ގޮތުން ދެނީ 2000ރ.ގެ އިނާޔަތެކެވެ.