ސިނގިރޭޓް ވިޔަފާރި ކުރާ ތަންތަން ބަލާ ފާސް ކުރުމަށް ހެލްތު މިނިސްޓްރީ އާއި ކަމާއިބެހޭ އެހެން މުއައްޞަސާތައް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފިއެވެ.
މިކަމާއި ގުޅިގެން އެ މިނިސްޓްރީން ނެރެ އާންމުކުރި އިޢުލާނުގައި ވަނީ ދުންފަތުގެ ބާވަތްތައް ޕެކެޓް ކޮށް ލޭބަލް ޖެހުމާބެހޭ ޤަވާޢިދަށް ޢަމަލު ކުރާ މިންވަރު ދެނެގަތުމުގެ ގޮތުން ވިޔަފާރި ކުރާ ތަންތަން ބަލާ ފާސް ކުރުމަށް ޚާއްޞަ އޮޕަރޭޝަން ތަކެއް ހެލްތު މިނިސްޓްރީ އާއި ކަމާބެހޭ އެހެން މުއައްސަސާތައް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ.
އަދި މި މަސައްކަތުގައި ދުންފަތުގެ ވިޔަފާރި ކުރާ ތަންތަނުން ދުންފަތުގެ ބާވަތް ތަކުގެ ވިޔަފާރި ކުރާ ގޮތުގެ މަޢުލޫމާތު އޮޅުން ފިލުވުމަށްހަމަޖެހިފައިވާކަމަށާއި މި މަސައްކަތް ކުރިޔަށްދާ އިރު، ބޭނުންވާ ޙާލަތްތަކުގައި މި ކަމުގައި ޝާމިލުވާ ޓީމުގެ މަސައްކަތް ނިމެންދެން ވަޤުތީ ގޮތުން ތަންތަން ބަންދު ކުރުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށް މި އިޢުލާނުގައި ވެއެވެ.
ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާޢިދުގައިވާ ގޮތުން މިހާރު އަމަލު ކުރަމުން ދަނީ ހަމަ އެކަނި ވަކި ސިނގިރޭޓް ވިއްކުމާ ބެހޭ ބަޔަށެވެ. 31 ޖުލައި އިން ފެށިގެން ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމުގެ ބަޔަށް އަމަލުކުރަން ފަށާއިރު އިންޒާރުގެ ލޭބަލް ނުޖަހައި ހުންނަ ސިނގިރޭޓް ފޮށި ވިއްކުން މުޅިން މަނާވާނީ އަންނަ ނޮވެމްބަރު 30 ވަނަ ދުވަހުން ފެށިގެންނެވެ.