ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާކުރައްވައި، އެކަމާގުޅޭ ކަރުދާހެއް ތައްޔާރުކުރައްވައި ހުށަހެޅުއްވުމަށް، މި ހަފުތާގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުންނަށް އިރުޝާދުދެއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ ‘އެކްސް’ ގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެފަދަ ރަށްރަށަށް ފައިސާގެ އިނާމެއް ދެއްވުމަށް ރައީސް ވިސްނާވަޑައިގެންފައިވަނީ، އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއްގެ ގޮތުގައެވެ. މިއީ، ދިވެހި މުޖުތަމަޢަކީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމުގެ ގޮތުން 21 މޭ 2025 ގައި ވަނީ، ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅައި ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގެ 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވާފައެވެ. މިއާއެކު މިއަހަރުގެ ނޮވެންބަރު މަހު މި ބިލަށް ޢަމަލުކުރަން ފެށުމާއެކު، ދުންފަތުގެ ޖެނެރޭޝަނަލް ބޭން ރާއްޖޭގައި ތަންފީޒުކުރަން ފަށާނެއެވެ.
މީގެ އިތުރުންވެސް، ދުންފަތުގެ ބާވަތްތަކަށް ވާޞިލުވެވޭނެ މަގުތައް ހަނިކުރުމުގެ ގޮތުން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން، ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ސަރަހައްދުތައް އިތުރުކުރުމާއި، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕާއި އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީ އާއި އާލާތްތަކެއް ރާއްޖެ އެތެރެކުރުމާއި ގެންގުޅުން މަނާކުރުން ހިމެނެއެވެ. އަދި ދުންފަތުގެ ބާވަތްތައް ގަނެވިއްކުމުގެ ޤާނޫނީ އުމުރުފުރާ، 21 އަހަރަށް އިތުރުކުރެއްވުމާއި، ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުމާއި ސްޕޮންސަރކުރުން، މަނާކުރުމާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމަކީވެސް މި މަޤްޞަދުގައި ޤާނޫނީ ބާރު ލިބިދީގެން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކެވެ.
މި ކަންކަމުގެ އަގުވަޒަންކުރައްވައި، މި އަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހު، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ އެވޯޑެއްވެސް ދެއްވާފައެވެ.