English Edition
Dhivehi Edition

ޒުވާންކުދިންކޮޅެކެވެ.އެހެނަސް ނިކަން ހިތްވަރުގަދައެވެ.އެކުދިން ނުދަންނަ ބަޔަކު އައްޑޫ ސިޓީގައި މިވަގުތު މަދުވާނެ ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ.މަދު ދުވަސްކޮޅެއްގެ ތެރޭގައި އެކުދިންގެ ރީތި އަޑު ވަނީ އައްޑޫގެ މުޅި ފަޒާގައި ގުގުމާލާފައެވެ.މި ހިތްވަރުގަދަ ޒުވާންކުދިންކޮޅަކީ އައްޑުސިޓީގެ ހުޅުމީދޫ އަށް އުފަން ބުންޒީލަ ބޮޑުބެރު ގުރޫޕުގެ ކުދިންނެވެ.
އެއީ ހުޅުމީދޫގައި ބޭއްވުނު ބޮޑުބެރު ކޯހަކުން ތަމްރިނުވި މަދު ކުދިންކޮޅެކެވެ.ލިބުނު ފުރުސަތުގެ ބޭނުން ހިފައި އައްޑޫގައި ބޮޑުބެރު ދިރުވާ އާލާކުރުމުގެ މަގުސަދުގައި މި ކުދިން ޓީމެއް އެކުލަވާލީއެވެ.
”ގުރޫޕް އުފެދުމުގައި އެންމެ ބޮޑަށް އެހީތެރިކަން ލިބުނީ އެމް.ޓީ.ޑީ.ސީ ގެ އިސްވެރިޔާ މުހައްމަދު ޖިހާދު ގެ ފަރާތުން.” ގުރޫޕްގެ އިސް އެއް ބައިވެރިއެއް ކަމުގައިވާ އިބްރާހިމް އާލިފް ކިޔައިދިނެވެ.
ވިއްސަކަށް ކުދިންނާއި އެކު ފެށުނު މި ބޮޑުބެރު ގްރޫޕް ދަނީ ދުވަހަކަށް ވުރެ ދުވަހެއް ކުރިއަރަމުންނެވެ.ޒުވާނުންގެ އިތުރުން ސްކޫލްތަކުގެ ބައެއް ދަރިވަރުން ވެސް ބައިވެރިވާ މި ގްރޫޕްގެ ކުދިން ބޮޑުބެރުގެ ހުރިހާ ވައްތަރެއްވެސް ފަރިތަކަމާއި އެކު ޖަހައެވެ.ހަމައެހެންމެ ސްކޫލްތަކުގެ ކުދިންނަށް ބޮޑުބެރުޖަހަން ދަސްކޮށްދީ އެފަދަ ފަންނާނުން އުފަންކުރުވުމުގެ މަސައްކަތްވެސް އެކުދިންގެންދަނީ ކުރަމުންނެވެ
ނިމިގެންދިޔަ މަޖިލިސް ކެމްޕެއިންގެ ދުވަސްވަރުގައި ވެސް ބުންޒީލަ ގުރޫޕުން ވަނީ ބައެއް ކެންޑިޑޭޓުންގެ ޖަލްސާތަކުގައިވެސް ތަފާތު ލަވަތައް ހުށައަޅާފައެވެ.ހަމައެހެންމެ އާދައިގެ ހަފްލާތަކުން ފެށިގެން ރަސްމީ ބޮޑެތި ހަފްލާތަކުގައި ވެސް މި ގްރޫޕްވަނީ ބޮޑުބެރުގެ ހުނަރުތައް ދައްކާލާފައެވެ. މިގޮތުން ދާދިފަހުން އެމްއެންޑީއެފްގެ އަހަރީދުވަހާއި ގުޅުވައިގެން އައްޑޫސިޓީގައި ބޭއްވި ދުވުމުގެ ރަސްމިއްޔާތުގައި ވެސް އެ ޓީމުން ވަނީ ފުރިހަމަ ހަރަކާތްތަކެއް ހުށައަޅާފައެވެ.އެ ހަރަކާތް ނިންމާލުމަށްފަހު ވަރުބަލިކަމެއްނެތި އެޓީމް ވަނީ ބޮޑުބެރުގެ ޖޯޝާއިއެކު އައްޑޫއޮންލައިންގެ އަހަރީދުވަހުގެ ޙަފްލާވެސް އިތުރަށް ފުރިހަމަކޮށްދީފައެވެ.
ޘަގާފީހުރިހައި ކަމަކަށްވެސް މި ގުރޫޕް އޮންނަނީ ޖޯޝާއި ފޯރީގައެވެ.އެހެންކަމުން ޢީދު ދުވަސްތަކާއި އެހެނިހެން ވެސް މުނާސަބަތުތައް ފާހަގަކުރުމުގައި މި ގުރޫޕުގެ އެހީތެރިކަން މީދޫގެ ރައްޔިތުންނަށް ދަނީ ލިބެމުންނެވެ.10177389_659601194076504_5741624183341268356_n
ބެރުޖެހުމަކީ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއް ނޫންކަމަށް ވީނަމަވެސް ކޮންމެ ކަމެއް ވެސް ކުރިއަށް ގެންދިއުމުގައި އެކަމެއް ހިންގުމުގެ ޚަރަދު ބޭނުންވާނެ ކަމީ ޔަގީންކަމެކެވެ.ބުންޒީލަ ގުރޫޕުން ބުނެފައިވަނީ ބެރު ޖަހައިގެން ލިބޭހައި އެއްޗެއް ހޭދަކުރަނީ ޓީމު ތަރައްގީ ކުރުމަށް ކަމަށެވެ.ނަމަވެސް އެކަށީގެން ވާ ވަރަށް ފައިސާ ނުލިބޭތީ ބޭނުން ވާ ބައެއް ވަސީލަތްތައް ގުރޫޕަށް ހޯދިފައި ނުވާކަން ވެސް އެ ގުރޫޕުން ފާހަގަކުރެއެވެ.
” މިވަގުތު އޮތް އެންމެ ބޮޑު ދަތިކަމަކީ ރަނގަޅު ސައުންޑް ސިސްޓަމެއް ނެތުން. އަމިއްލަ ސައުންޑެއް ނެތުމުން ބެރުޖަހަންދާ ބައެއް ތަންތަނުން ވަރަށް އުދަނގޫވޭ.” އާލިފް ކިޔައިދިނެވެ.
ފަތުރުވެރިކަން އައްޑޫގައި ފުޅާވަމުން އައި ނަމަވެސް އެ ގުރޫޕަށް މި ވަގުތަކު މާގިނަ ފުރުސަތުތަކެއް ލިބެމުންނުދެއެވެ.ޝައުގުވެރިކަމާއި އެކު މިފަދަ ކަންތައްތައް ކުރުމަށް ތެދުވެތިބޭ މިފަދަ ކުދިންނަށް އެއްވެސް އަޅާލުމެއްނެތި ދޫކޮށްލައިފިނަމަ އައްޑޫއިން ބޮޑުބެރުގެ ސަގާފަތް އުވިގެންދިއުމަކީވެސް ދުރުކަމެއް ނޫނެވެ.އެހެންކަމުން ސަރުކާރާއި ވިޔަފާރިވެރިންނާއި އަދި ޖަމްޢިއްޔާ ޖަމާޢަތްތަކުން ވެސް އެފަދަ ކުދިންނަށް އެހީތެރިވެދެވޭނެ ގޮތަކަށް އެހީތެރިވެ ކުރިއެރުވުމަކީ މުހިއްމުކަމަކަށް ނުވެނުދާނެއެވެ.
ބުންޒީލަ ބޮޑުބެރު ގުރޫޕުގެ އެއް އަމާޒަކީ ޒުވާނުން މަސްތުވާތަކެތިިފަދަ ނުރައްކާތެރި ވަބާތަކުގެ ޝިކާރައަކަށް ވުމުގެ ކުރިން އެއީ ބޭނުންތެރި ބަޔަކަށް ހަދައިދިނުމެވެ.އެހެންކަމުން އެކަމަށް ވެސް އެކުދިން ގެންދަނީ މަސައްކަތްކުރަމުންނެވެ.
މިފަދަ ޒުވާނުން މުޖުތަމަޢުގައި މިއަދު ގިނަވާންއެބަޖެހެއެވެ. އޭރުން އަޅުގަނޑުމެންގެ ޘަގާފަތްދިރުވާ އާލާކުރުމުގެ އިތުރުން މުޖުތަމަޢުގައި މިވާ ނުރައްކާތެރި ވަބާތަކާއި ދެކޮޅަށް އެޅޭ ހެޔޮފާލަކަށް އެކަން ވެގެންދާނެކަން ޔަގީނެވެ.ބުންޒީލަ ބޮޑުބެރު ގުރޫޕްގެ ނަމުގައި ފޭސްބުކް ގުރޫޕެއް ހެދިފައިވާއިރު 7426315 އަދި 7541749 މިދެނަމްބަރުން ވެސް އެ ގުރޫޕާއި ގުޅައިލެވޭނެއެވެ.