English Edition
Dhivehi Edition

ގަވާއިދުތައް، އިރުއަރާ އޮއްސޭ އިރަށް ހެދެމުން އިތުރުވަމުން ދެއެވެ. އެހެނަސް ކިތަންމެ ގަވާއިދެއް ހެދުނު ކަމުގައި ވިޔަސް އެއަކުން މާބޮޑު ފައިދާއެއް ކުރާހެނެއް ހިޔެއް ނުވެއެވެ. އާންމު ތަންތާނގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމާ ބެހޭ ގޮތުންވެސް ގަވާއިދެއް ހެދުނެވެ. ގަވާއިދު ހެދިގެން ދޮޅު އަހަރެއް ވަރުވުމުން އެއީ އޮންނަ ގަވާއިދެއް ކަން ވެސް މިހާރު ބަޔަކަށް އެނގޭހެނެއް ހީޔެއް ނުވެއެވެ. އާންމުން އުޅޭ ތަންތާގައްޔާ ރެސްޓޯރެންޓް ތަކުގައިހުރި ރަތް ކުލައިގެ ބޮޑެތި އިންޒާރު ބޯޑު މިހާރުވަނީ ދުންފަތުގެ ދުމުގެ ތެރޭގައެވެ.
ގިނަފަހަރަށް ދުންފަތުގެ އިސްތިއުމާލު ކުރާތަން ފެންނަނީ އަހަރުމެންގެ ތެރެއިން އެކަން ހުއްޓުވަން ތިބޭ ފަރާތް ތަކުންގެ ފަރާތުންނެވެ. މިއީ ވަރަށްވެސް ހިތާމަ ހުރި ކަންތަކެވެ. ރާއްޖޭގައި ކިތަންމެ ގަވާއިދެއް ހެދުނު ކަމުގައި ވިޔަސް ގިނަފަހަރަށް އެ އޮންނަނީ ކަރުދާހުގައެވެ. އެހެނަސް އަޅުގަނޑު މިއަދު ލިޔެލަން މި އުޅެނީ މުޅިން ވެސް އެހެން ވާހަކައެކެވެ. އެއީ ކުނި އެޅުމާ ބެހޭ ގަވާއިދުގެ ވާހަކައެވެ. ލަފާ ކުރެވޭ ގޮތުގައި މި ގަވާއިދަކީ ވެސް ކަރުދާހުގައި އޮންނާނެ ގަވާއިދެކެވެ. މި މަހު 5ވަނަ ދުވަހުން ފެށިގެން ވަނީ މަނާ ތަންތަނަށް ކުނި އަޅާމީހުން ޖުރުމައިނާ ކުރުމުގެ ގަވާއިދު ތަންފީޒު ކުރަން ފަށާފައެވެ. ފެންނަ ފެނުމަށް ކުނިއަޅާމީހުން މާގިނަ އެވެ.
އާބާދީ އަށް އަންނަ ބަދަލުގެ ސަބަބުން ކުނިއަޅާ މީހުންވެސް ގިނަވާނެއެވެ. ކުނި ގިނަވުމުގެ ސަބަބުން ރަށްތައް މިހާރު ވަނީ ގޮނޑުވެފައެވެ. މިއީ އަޅުގަނޑުމެން ރަށްފުށުގެ ހާލު އެކަންޏެއް ނޫނެވެ. ވެރިރަށް މާލޭގެވެސް ހާލެވެ. މި ހިސާބަށް ކަންތައް ދިޔުމުން ރަށުތެރޭގައި ވެސް ނޯށް ދަމާލަން ނުކެރޭ ވަރުގެ ހިސާބު އެބަހުއްޓެވެ. ރަށު ތެރޭގައި ކުނި އަޅާފައި ހުރުމުން ހުތުރީ ހަމަ އަހަރެމެންނަށެވެ. ކުނި މެނޭޖް ކުރުމާބެހޭ ގަވާއިދާ ހިލާފުވެ މަނާ ތަންތަނަށް ކުނި އަޅާ މީހުން ބެލުމަށް އެންވަޔަރުމެންޓް ޕްރޮޓެކްޝަން އޭޖެންސީ އިން ހަވާލު ކޮށްފައިވަނީ ފުލުހުންނާއެވެ. ދުންފަތުގެ އިސްތިއުމާލު ކުރާމީހުން ޖުރުމައިނާ ކުރުންވެސް އޮތީ ފުލުހުންނަށެވެ. އެހެނަސް މިކަމަށް އެކަށީގެންވާ ކަންތަކެއް އިންތިޒާމު ނުވެ ހުރުމުން ނަތީޖާއެއް ނުފެނެ އެވެ.
“ގިނަފަހަރަށް ކުނި އުކާލާތަން ފެންނަނީ އާންމު ރައްޔިތު މީހެއް ނުވަތަ ބިދޭސީ އަކު. އެހެނަސް އަހަރުމެން ދިވެހިން ކުނިއެޅިޔަސް އެކަން ރިޕޯޓު ކުރާނެ ފަރާތެއް ނުހުރޭ. ވާނީވެސް އެހެންތާ، ކުނި އުކާލަން ދަނީ ގާތްތިމާގެ މީހެއް ނުވަތަ ރައްޓިއްސެއްވީއްޔާ. ބިދޭސީ އަކުނަމަ ހުރިތާ ބަހައްޓާ އެމީހެއްގެ ދުވަސް ދުއްވާލާނެ.” ކުނި އެޅުމާބެހޭ ގޮތުން ވާހަކަ ދެއްކި އާއްމު ރައްޔިތަކު ބުންޏެވެ. ކަންތައް މިހެން ހުރުމުން ދުންފަތުގެ އިސްތިއުމާލު ކުރާމީހަކު ފެނުނަސް އެކަން ރިޕޯޓު ކުރާނެ މީހެއް ނުހުރެއެވެ. ގަވާއިދުތައް ކިތަންމެ ގިނައިން ހެދިފައިވިނަމަވެސް އެއަށް އަމަލުނުކުރާނަމަ ގަވާއިދެއް ހެދުމުގެ ބޭނުމަކީވެސް ފަހެ ކޮބައިހެއްޔެވެ.