English Edition
Dhivehi Edition

ކޮންމެ އިންސާނަކުވެސް ދުނިޔެއަށް އުފަންވުމަށްފަހު ހަމަޖެހިލައިގެން އަމާން މާޙައުލެއްގައި އުފާވެރިކަމާއެކު އުޅެން ބޭނުންވެއެވެ.އެހެންނަމަވެސް އަމާންކަމާ ހިތްހަމަޖެހުމާއި އުފާވެރިކަން ނިގުޅައިގަންނަ ވަރުގަދަ ބާރެއް އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ފެތުރިފައެވެ. ބަލިކަށިކަމާ ބިރުވެރިކަން ޢާއްމުވެ ދީނާއި ދުނިޔެއިން ގެއްލިގެންދާ ވަބާ އެެއް މިވަނީ ޢާއްމުވެފައެވެ.
އާދޭހެވެ.އެއީ މިއަދު މުޅިދުނިޔޭގައިތިބި ހަމަ ވިސްނޭ އެންމެންވެސް ނަފްރަތުކުރާ މަސްތުވާތަކެތީގެ ނުބައި ވަބާއެވެ.
މަސްތުވާތަކެތީގެ ސަބަބުން ދިވެހި މުޖުތަމަޢަށް ތަފާތު ގިނަގުނަ ގެއްލުންތަކާ ކުރިމަތިވެއެވެ.
އެންމެފުރަތަމަ މަސްތުވާތަކެތީގެ ސަބަބުން ޢާއިލާތަކަށް ލިބެމުންދާ ގެއްލުންތަކަށް ނަޒަރެއްހިންގާލަމާ ހިނގާށެވެ.
ދިވެހި މުޖުތަމަޢު ބިނާވެފައިވާ ޢާއިލާތަކުގެތެރޭގައި ހިތާމަކުރަން ޖެހޭ މިންވަރަކަށް މަސްތުވާތަކެތީގެ ސުންޕާ ވަބާ ފެތުރިފައެވެ. މަސްތުވާތަކެތީގެ ދަލުގައި ޖެހި އޭގެ ސަބަބުންޢާއިލާތައް ރޫޅި ދަރިން ބިކަވެ އަނބިން މަގުމަތިވެ ޙާލުގައި ޖެހުމުގެމައްސަލައަކީ ކުރިމަތިވެފައިވާ ބޮޑުމައްސަލައެވެ.އަދިހަމަ އެހެންމެ ޢާއިލާތެރޭގައި ހިމެނޭ ގައުމުގެ މައިބަދަ ކަމުގައިވާ އެޒުވާނުން ކަންނެތްވެ މަސައްކަތަށް ފަރުވާކުޑަކޮށް އަމިއްލަ ނަފްސަށާއި ޢާއިލާގެ ކޮއްކޮމެންނާއި އެއްބަނޑުތިމާގެ މީހުންނަށް އަޅާނުލުމުން ޢާއިލާގެ ދިރުމާއި އުފާވެރިކަން ގެއްލިދެއެވެ. މަސްތުވާތަކެތި ބޭނުންނުކުރާ ޢާއިލާއެއްގެ ތެރެއިންފެންނަމުންދަނީ ހަމަނުޖެހުމާއި މާޔޫސްކަމާއި އަޅާނުލުމާއި ހަމަނުޖެހުމުގެ މަންޒަރުތަކެވެ.މިއީ ހިތާމަހުރިކަމެއް ނޫންތޯއެވެ.
އާދެ. މަސްތުވާތަކެއްޗަކީ އެ ބޭނުން ކުރާ މީހާއާ ބޭނުންކުރާ މީހާގެ ވަށައިގެންވާ ފަރުދުންނަށާއި ނިސްބަތްވާ ގައުމަށް ވެސް ވޭނާކެކުޅުން ލިބި އެތައް ހާސް ގެއްލުންތައް ކުރިމަތި ކުރުވާ އެއްޗެކެވެ.ސަބަބަކީ މީގެ ބައެއްވަައްތަރުތައް ބޭނުންކުރުމުން
ޚިޔާލީ މަންޒަރުތަކާއި ވަހުމީ އިޙްސާސްތައް ކުރުވާތީއެވެ.މިހެން ވުމުގެ ސަބަބުން މާހައުލަށް އަންނަ ބަަދަލު މޭރުން ވުމުގައި އޮޅުން އަރައެވެ.އަދި ހަމަ އެހެންމެ ޝައްކު އުފެދުމާއި ސަމާލުކަން ގެއްލި ކަންކަމުގައި އަޅާނުލުމާއި ޒިއްމާ އަދާ ނުކުރެވުމަކީ ވެސް މި ބޮޑުރޯގާގެ ސަބަބުން ލިބޭ ގެއްލުންތަކެވެ.މއަދު ދިވެހި މުޖުތަަމަޢުތެރެއަށް ފިކުރުހިންގާލާއިރު މިފަދަ ޒުވާނުން ފެނިގެންދިޔުމަކީ ގައުމަށް އޭގެ ސަބަބުން ބޮޑެތިގެއްލުން ލިބޭ ކަމެކެވެ.
މި ނޫނަސް ތަފާތު ގެއްލުންތައް ހިމެނެއެވެ.މަސްތުވާތަކެތީގެ ތާސީރުގެ ސަބަބުން އަބަދު ނިދިފައި ހުރުމާއި ކަންނެތްވެ ވަރުދެރަ ވެފައި ހުރުމަކީ އޭގެ ސަބަބުން އިތުރު މައްސަލަތަކާ ކުރިމަތިލާން ޖެހޭނެ ކަމެއްކަން ޔަގީނެވެ. އަދި މިނުބައި ވަބާ ބޭނުންކުރުމުގެ ސަބަބުން މާތްﷲ ދެއްވާފައިވާ ވިސްނާ ފިކުރުކުރުމުގެ މަތިވެރި ނިޢުމަތް ގެއްލި ނަފްސު ޚަރާބުވެގެން ދެއެވެ.

ކަން މިހެން އޮތް އިރުވެސް މި ނުބައި ވަބާ ބޭނުންކުރުމުގެ ނުބައި އާދަ ރާއްޖޭގަައި މިދަނީ ފެތުރި ޢާއްމު ވަމުންނެވެ. ހުދު ދޮންވެލިން ހެދުން އެޅިފައިމިވާ މިރީތި ރަށްތަކުގެ ހަމަހިމޭންކަން ގެއްލި ނުރައްކާތަކާ ކުރިމަތިލާން ޖެހިފައިވާ މައިގަނޑު އެއް ސަބަބަކީ މަސްތުވާތަކެތި ކަމުގައި ދެންނެވުމަކީ ދޮގަކަށް ނުވާނެެއެވެ.
އެހެނި ބަދު އަޚުލާގީ އަމަލު ހިންގުމާއިި ފޭރުމާއި ވައްކަން ކުރުމާއި މާރާމާރީ ހިންގާ ގޭންގު ގްރޫޕްތަކާއި ވަކިވަކި މީހުންގެ ވެސް މައްސަލަތައް ދިރާސާކޮށްލާއިރު ގުޅިފައިވަނީ މަސްތުވާ ތަކެއްޗާކަމުގައި ގިނަ ރިޕޯޓްތަކުން އެނގިގެން ދެއެވެ.
މަސްތުވާތަކެތި ބޭނުންކުރުމަށް ފައިސާ ހޯދުމަށްޓަކައި ވައްކަންކުރުމާއި ފޭރުން ޢާއްމު ވެފައިވާތީ ދިވެހި ޢާއިލާތެރޭގައި މިވަނީ ނަފްސާނީ ބަލިމަޑުކަމެއް ފެތުރިފައެވެ.މިފަދަ އެތައް މައްސަލަ އެއް މިވަބާގެ ސަބަބުން ދަނީ ފެންމަތިވަމުންނެވެ.
ކޮންމެއަކަސް އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ދަރަޖައަކަށް މަސްތުވާތަކެތީގެ މައްސަލަ މުޖުތަމަޢަށް ލިބެމުންދާ ގެއްލުންމިވަނީ ބޮޑުވެފައެވެ.އެންމެފަހުން ހޯދިފައިވާ ހޯދުންތަަައް ބުނާ ގޮތުގައި ރާއްޖޭގެ 30 ހާހަށް ވުރެ ގިނަ މީހުން މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ދިރާސާތަކުންދައްކައެވެ.
މިގޮތަށް 30 ހާސް ދިވެހީންގެ ސިކުނޑީގެ މައްސަލަ ހުރިކަން ސާބިތުވެފައިވާނަމަ ދެން ނިކުންނާނެ މައްސަލަތައް ތަސައްވަރު ކޮށްލަމާހިނގާށެވެ.
އާދޭހެވެ.މިދެންނެވި މަސްތުވާތަކެތީގެ ސަބަބުންގައުމުގެ އިޖުތިމާއީ ފޭރާން ވީދި ޢަދާލަތު ގެއްލި ގައުމުގެ މައިބަދަ ބިނދި ކަންނެތްވަމުންދާ މަންޒަރފެންނަމުންދާއިރު މިކަމާ ފުންކޮށް ވިސްނުމަކީ މުހިއްމުކަމެއް ނޫންތޯއެވެ. މިއަދު އެންމެން އަތާ އަތްގުޅުވާ މި ވަބާގައި ޖެހިފައި ތިބިފަރާތްތަކަށް އެހީތެރި ވެދޭން އެބަ ޖެހެއެވެ.އަދި ހަމަ އިތުރު ބަޔަކު މިމަގުން ދިޔުމުގެ ކުރީގައި މަގުތަކާއި ދޮރުތައް ބަންދު ކުރަން އެބަ ޖެހެއެވެ.
މިކަމަށްޓަކައި މާތްވެގެންވާ އިސްލާމްދީނުގައި މަސްތުވާތަކެތި ޙަރާމްކުރަން އަންގަވާފައިވާ ސާފު ޢިބާރާތް ހާމަކޮށް މުޅި މުޖުމަައު މިކަމަކަށް ހޭލުންތެރި ކުރަން އެބަ ޖެހެއެވެ.ޢާޢިލާ ތެރެއިންނާއި މުޖުތަމަޢު ތެރެއިން ލޯތްބާއި އަޅާލުން މިންގަނޑެއްގެ ތެރޭގައި ހިފަހައްޓާ ” ދޮންފޮތު” ކުރުމުގެ ނުބައި އާދައިން ވެސް ސަލާމަތް ވާން އެބަޖެހެއެވެ. އެހެނީ މަސްތުވާތަކެތި ބޭނުންކުރާ މީހާއާއި އެ ދަރިންގެ މައިންބަފައިން އެއްބަސްވެ ބޭނުންކުރާކަމަށް އިޢުތިރާފުވެ އެއްބާރުލުން ދިނުމުގެ ބަދަލުގައި ހުއްޓުވަން އުޅޭމީހުން ގޯސްކުރާ ނަމަ ކަންތައް ދާނީ ގޯހުންގޯހަށެވެ.
މަސްތުވާތަކެތިން މުޖުތަމަޢު ސަލާމަތްކުރަން އެބަޖެހެއެވެ.މިކަމުން ސަލާމަތްވާނީ ދީނީ އަގީދާގެ މަތީގައި ދަރިން ތަރުބިއްޔަތު ކޮށްގެންނެވެ.ލޯބިދޭން ޖެހޭ ޙާލަތްތަކުގައި ލޯބިދެވި އަދަބު ދޭން ޖެހޭ ޙާލަތްތަކުގައި އަދަބު ދެވިގެންނެވެ.. ރިވެތި ނަމޫނާއާއި ރިވެތި ޚުލްގު ފެނިގެންނެވެ. މަސްތުވާތަކެތި ފެތުރުނީ މިވެނިމީހެއްގެ ސަބަބުންނޭ އެވެނި މީހެއްގެ ސަބަބުންނޭ ބުނެ ކުށްވެރިކުރުމުގެ ބަދަލުގައި ހެޔޮހިތަކާއެކު ގުޅިގެންނެވެ. އަޚުންގެ މެދުގައި ހެޔޮދުޢާއި ހެޔޮބަސް ބަދަލުކުރެވިގެންނެވެ.
މިއުއްމީދާއެކު މަސައްކަތް ފަށައިފި ނަމަ މަސްތުވާތަކެތީގެ ސަބަބުން މުޖުތަމަޢު ވެއްޓިފައިވާ އަނދިރި ވަޅުގަނޑުން ސަލާމަތްވެ ރޯޝަނީކަމާ އުޖާލާކަން އިރާދަކުރެއްވިއްޔާ ގައުމުގައި ފެތުރިދާނެއެވެ. މާތްﷲ މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތްކުރައްވާށިއެވެ.