English Edition
Dhivehi Edition

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު 14 އަހަރުގެ ޝައިމް އަބްދުއްﷲ ގެއްލުމުގައި އިޙުމާލުވެފައިވާ ވަނީ ކޮން ބައެއްތޯ ބެލުމުގެ މަސައްކަތް މަޖީލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ފަށައިފިއެވެ.

މި މައްސަލައިގައި އިހުމާލުވާ ފަރާތްތައް ހޯދުމަށް ކޮމެޓީއަށް ހުށައެޅީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒްއެވެ. ޝައިމް ގެއްލުމުގައި، ސަރުކާރުގެ އެއްވެސް އިދާރާއެއްގެ އިހްމާލުވޭތޯ ސާފުކުރުމަށް ޖެންޑާ މިނިސްޓްރީ އާއި ފުލުހުނާއި ކަމާ ގުޅުންހުރި އިދާރާތަކުން މައުލޫމާތު ހޯދުމަށް ކޮމެޓީން ވަނީ ފާސްކޮށްފައެވެ. އަދި މި މައްސަލާގައި ޖެންޑަރ މިނިސްޓްރީގެ އިސްވެރިން މަޖިލީހަށް ހާޒިރުކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރުމަށް ކޮމެޓީން ވަނީ ނިންމާފައެވެ.

މި ކުއްޖާ ގެއްލިގެން ހޯދާތާ 6 ދުވަސް ވެފައިވާއިރު މީގެ ކުރިން ސަރުކާރުގެ އެއްވެސް އިދާރާއަކުން އެކުއްޖާ އަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ކުއްޖެއްކަން ކުރިން ހާމަކޮށްފައެއް ނުވެއެވެ.މި މައްސަލައިގައި ޖެންޑާ މިނިސްޓްރީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު އެ މިނިސްޓްރީން ބުނީ ޝައިމްއަކީ އެސެސްމެންޓެއް ހެދުމަށް ކުށުގެ ވެށިން ކުޑަކުދިންގެ ހިޔާއަށް ގެންދެވުނު ކުއްޖެއްކަމަށެވެ. އަދި އެ ކުއްޖާއަކީ ކުޑަކުދިންގެ ހިޔާގައި ދަފްތަރު ކުރެއްވިފައިވާ ކުއްޖެއް ނޫން ކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ.

ފުލުހުން ބުނީ، މި މަހު 18 ވަނަ ދުވަހު 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް ގެއްލިގެން މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، މައްސަލަ ހުށަހެޅުމާއެކު އެފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުން އަމަލުކޮށްފައިވާ ކަމަށެވެ.