English Edition
Dhivehi Edition

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ޝައިމް އަބްދުﷲ ގެއްލުނު މައްސަލައިގެ ދައުވާ މުޅި ދައުލަތުން ނަގަންޖެހޭނެކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝައިމް ގެއްލުނު މައްސަލައިގައި ސުވާލުކުރުމަށް މިއަދު ޝިދާތާ މަޖިލީހަށް ހާޒިރުކޮށްފައިވާއިރު، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ވަނީ އެ މައްސަލައިގައި ޒިންމާވާން ޖެހޭ ފަރާތަކީ ކޮބައިތޯ އާއި އަދި ޒިންމާ ވާން ޖެހޭ ފަރާތްތަކާ ފިޔަވަޅު އަޅާފައިވާނެ ތޯ ސުވާލުކުރައްވާފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ޝިދާތާ ވިދާޅުވީ އެ މައްސަލައިގައި ޖެންޑާ މިނިސްޓްރީން ވަރަށް ބޮޑަށް ޒިންމާވާންޖެހޭ ކަމަށާއި އަދި ހަމަ އެފަދައިން ދައުލަތުގެ އެހެން މުއައްސަސާތަކުންވެސް އެކަމަށް ޒިންމާވާންޖެހޭ ކަމަށެވެ.

މި މައްސަލައިގައި މީގެ ކުރިން ޖެންޑާ މިނިސްޓްރީން ބުނީ ޝައިމް އަކީ ކުށުގެ ވެށިން ގެނެވިފައިވާ ކުއްޖެއް ކަމަށާ އެހެންކަމުން އޭނާ ކުޑަކުދިންގެ ހިޔާއަށް ގެންދެވިފައިވަނީ އޭނާގެ އެސެސްމެންޓްތަކެއް ހެދުމަށްޓަކައި ކަމަށެވެ.އަދި ޝައިމް ހިޔާގައި ބެހެއްޓިފައިވަނީ އެއްވެސް ހާލެއްގައި އެތަނުގައި މަރުކަޒު ކުރުމަށް ނޫން ކަމަށް ވެސް ޖެންޑާ އިން ބުނެފައިވެއެވެ.

ޝައިމް ހޯދުމަށް ފުލުހުން ދެގެއެއް ބަލާފައިވާއިރު އޭނާ ފެނިފައިވަނީ ގެއްލުނުތާ ދެ ހަފްތާ ފަހުން މާލޭގެ ގެއެއްގެ ތެރެއިންނެވެ. ޝައިމްގެ މައްސަލައިގައި އޭނާ ފޮރުވުމުގައި އެހީތެރިވި ދެމީހަކު ޙައްޔަރުކޯށްފައިވާކަމަށް މީގެ ކުރިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙާމީދު ވެސް ވަނީ ވިދާޅުވެފައެވެ.