English Edition
Dhivehi Edition

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިގެން ހޯދަމުންދާ ޝައިމް އަބްދުއްﷲ ހޯދުމަށް މިހާތަނަށް ތިން ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރޭ ފުލުހުން ބުނީ، މި މަހު 18 ވަނަ ދުވަހު 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް ގެއްލިގެން މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، މައްސަލަ ހުށަހެޅުމާއެކު އެފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުން އަމަލުކޮށްފައިވާ ކަމަށެވެ.

ޝައިމް ގެއްލިގެން ހޯދަން ފުލުހުން އިއުލާނު ކުރީ މީގެ ހަ ދުވަސް ކުރިންނެވެ. ޝައިމް އަކީ ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުންދަނިކޮށް ގެއްލުނު ކުއްޖެއްކަން ރޭ މީޑިއާއަށް ހާމަވުމާއެކު ގިނަ ބަޔަކުވަނީ މިނިސްޓްރީން އެކަން ސިއްރުކޮށްފައިވާތީ ވަރަށް ބޮޑަށް ޖެންޑާ މިނިސްޓްރީއަށް ފާޑުކިޔާފައެވެ. މިކަމާއި ގުޅިގެން ރޭ މިނިސްޓްރީން ބުނީ ޝައިމްއަކީ އެސެސްމެންޓެއް ހެދުމަށް ކުށުގެ ވެށިން ކުޑަކުދިންގެ ހިޔާއަށް ގެންދެވުނު ކުއްޖެއްކަމަށެވެ. އަދި އެ ކުއްޖާއަކީ ކުޑަކުދިންގެ ހިޔާގައި ދަފްތަރު ކުރެއްވިފައިވާ ކުއްޖެއް ނޫން ކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ.

ޝައިމްއާ ބޭހޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމައުލޫމާތެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 3000600 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން ފުލުހުން ވަނީ އެދިފައެވެ.