އައްޑޫ ސިޓީ މީދޫ މަތިކިޅި އިކޯގާޑަން އަށް ޒިޔާރަތްކުރާ ބައެއް ފަރާތްތަކުން އެ ތަނަށް ގެއްލުން ދެމުންދާކަމަށް އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ފަރާތުން ބުނެފިއެވެ.
އެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ މުހައްމަދު ސަލާހް ‘އޭއޯ ނިއުސް’އަށް މައުލޫމާތު ދެމުން ބުނީ ބައެއް ފަރާތްތަކުން އެތަނަށް ޒިޔާރަތްކޮށް ތަނަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާކަމަށެވެ. “އިކޯގާޑަންގެ އެކި ހިސާބުތަކުގައި ހުންނާނެ އެތަނުގެ ގަވައިދުތައް ފެންނާނެހެން ލިޔެފަ. އެކަމަކު ބައެއް ފަރާތްތަކުން އެ ތަނަށް ޒިޔާރަތްކޮށް އެ ތަނުގެ ބޯޑްތަކަށާއި އެހެނިހެން ތަކެއްޗަށްވެސް ގެއްލުންދީ ހަލާކު ކުރަމުންދާކަން ފާހަނގަކުރެވޭ. މި ތަނަށް އެންމެންވެސް ޒިޔާރަތްކުރަންވީ. އެކަމަކު އެ ތަނުގެ ގަވައިދުތަކަށްވެސް އިހްތިރާމްކޮށްގެން، މި މަސައްކަތަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެން ޓީމްގެ ވަރަށް ބޮޑު އެދުމެއް.”ސަލާހް ބުންޏެވެ.
މި މަސައްކަތަކީ ވަރަށް ގިނަ ވަގުތާއެކު، ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ހަދަމުންދާ ތަނެއްކަމުން މިތަނަށް ޒިޔާރަތްކުރާ ފަރާތްތަކުންވެސް ތަނުގެ ރީތިކަން ނުގެއްލޭ ގޮތަށް، ތަނުގެ ގަވައިދުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. މި ގޮތުން އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކުން އެ ސަރަހައްދަށް ކުނި ނޭޅުމާއި ތަނުގެ ރީތިކަމާއި ސާފުތާހިރުކަން ދެމެހެއްޓުމަކީ ވަރަށް މުހިއްމުކަމެކެވެ.
ސިޔާދު، ޒުހުރީ އަދި ސަލާހްގެ އިސްނެގުމާއެކު ކުރިއަށް ދާ މި މަސައްކަތުން ހާމަވެގެންދަނީ، މިސަރަހައްދަކީ ހަމަ އެކަނި އަލިފާން ރޯކޮށް ހަލާކު ކޮށްލަން އޮށްތަނެއް ނޫންކަމާއި، މި ސަރަހައްދަކީވެސް ރައްޔަތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހެޔޮ ގޮތުގައި ބޭނުން ހިފިގެންދާނެ ތަނަކަށް ހެދިދާނެކަމެވެ
އައްޑޫ މީދޫ މަތިކިޅިއޭ ކިޔުނު ކުޅިއާއި ޗަސްބިމުގައިވާ ފެންގަޑެއް ހިމާޔަތް ކުރުމުގެ މަސައްކަތް މި ތިން ބޭފުޅުންގެ އިސްނެގުމާއެކު ރަސްމީކޮށް ފެށިގެންދިޔައީ 02 ޑިސެމްބަރު 2017ގައެވެ.