English Edition
Dhivehi Edition

ސަޢޫދީ އަރަބިޔާގެ ހަނަފަސް ބިމުގައި ދެ މިލިއަން މީހުނަށް 2035 އަންނަން ވާއިރަށް ދިރި އުޅެވޭ ބޮޑު ސިޓީއެއް ބިނާ ކުރުމުގެ މަސައްކަތް އެ ގައުމުގެ އަމިއްލަ ފަރާތަކާއި އަދި ސަރުކާރު ގުޅިގެން ވަނީ ފަށައިފަ އެވެ.

އެ ސިޓީ އަކީ ކިންގް ޢަބްދުﷲ އިކޮނޮމިކް ސިޓީގެ ނަމުން ނަންދެވިފައިވާ ސިޓީއެކެވެ. މި ބިޔަ ބޮޑު ޕްރޮޖެކްޓްގެ އަގަކީ ގާތްގަނޑަކަށް 67 ބިލިއަން އިނގިރޭސި ޕައުންޑެވެ. މިކަމުގައި އިސްކޮށް މަސައްކަތް ކުރަމުން އަންނަނީ ސަޢޫދީގަ އެންމެ ބޮޑު އިމާރާތްކުރުމުގެ މަސައްކަތް ކުރާ އެމާރު އިކޮނޮމިކް ސިޓީންނެވެ. އެ ސިޓީގެ ބިމުގެ ބޮޑުމިނަކީ 70 އަކަ މޭލެވެ. އެއީ މެންޗެސްޓަރ އަދި ލިވަޕޫލް ގެ ސައިޒަށްވުރެ 2 ގުނަ ބޮޑު ބިޔަ ސިޓީއަކެވެ. އަދި އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީ އާއި އެއްވަރުގެ ބޮޑު ސިޓީއެކެވެ.

kong2.

ޖިއްދާގެ އުތުރުން 60 މޭލުގެ ދުރުގައި ވާ ހަނަފަސް ސަހަރުގައި ހެދޭ މި ސިޓީއަކީ ސައުދީ ސަރުކާރުން ޚަރަދު ކުރިކަމުގައި ވީނަމަވެސް ބޮޑުބައެއް އަމިއްލަ ފަރާތްތަކުން ޚަރަދު ކުރުމަށް ރޭވިފައިވާ ބޮޑު ބިޔަ ޕްރެޖެކްޓެކެވެ.

މި މަސައްކަތުގެ އެންމެ އިސް ވެރިޔާ އަދި އެމާރު ކުންފުނީގެ ސީއީއޯ ފަހްދު އަލް ރަޝީދު ވިދާޅުވާ ގޮތުން މިހާރުން ފެށިގެން ކުރިޔަށް އޮތް 5 އަހަރު ތެރޭ ގާތްގަނޑަކަށް 50 ހާސް އާބާދީއެއް ދިރިއުޅޭނެ އެވެ.

މި ސިޓީގައި އެތަކެއް ސްކޫލަކާއި، ހޮސްޕިޓަލް ތަކާއި އަދި އެތަކެއް ގޮލްފް ކޯސް ތަކެއް އެކުލެވިގެންވާނެއެވެ. މީގެ އިތުރުން އަހަރެއްގެ މައްޗަށް 20 މިލިއަން ކޮންޓޭނަރ ހޭންޑްލް ކުރެވޭ ބިޔަ ވިޔަފާރި ބަނދަރަކާއެކު އިންޑަސްޓްރިއަލް ކޮމްޕްލެކްސް ތަކާއި އިގުތިސާދީ ރަށްތަކެއް ފަރުމާ ކުރެވިގެންދާނެއެވެ.

މި ސިޓި ބޮޑަށް އަމާޒުކުރެވެނީ ފަތުރުވެރިންގެ މަންޒިލަކަށެވެ. އަދި ފަތުރުވެރިންނަށް ޚާއްސަކޮށް ގޮނޑުދޮށް އެކުލެވޭ ރިސޯޓްތައް ބިނާކުރެވިގެންދާނެއެވެ. މި ސިޓީ ނިމުމުން މިތަން ވެގެންދާނީ ރަތް ކަނޑުގެ ސަރަހައްދުގެ ވިޔަފާރީގެ މައި ދޮރާށި ކަމުގައެވެ.

kong

މި ސިޓީ ނުވަތަ ޝަހަރު ބިނާ ކުރުމުގެ ވާހަކަ ފުރަތަމަ އިޢުލާން ކުރެއްވީ 2005 ވަނަ އަހަރު އޭރުގެ ސަޢުދި ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލް ޢަޒީޒު އަލް ސައުދު އެވެ. މިއަހަރުގެ ޖެނުއަރީ ތެރޭ ރަސްގެފާނު ޢަބުދުﷲ އަވަހާރަ ވީއިރު އެބޭފުޅާގެ ގެންގުޅުނު މި ތަސައްވަރަކީ ތެލުގެ ވިޔަފާރި ފުޅާކުރުމުގެ އިތުރުން ޒަމާނީ ވަސީލަތާ އެކު އެހެނިހެން ވިޔަފާރިއަށް ވެސް ސަޢުދީގެ އިޤްތިސާދު ފުޅާކޮށް އެގައުމުގައި ވަޒީފާގެ ފުރުސަތު އިތުރު ކުރުމެވެ. އެ ރަސްގެފާނުގެ މި ތަސައްވަރުގައި މިހާރު ކުލަޖެހި ތަރައްޤީވަމުން ދަނީ ވަރަށް ހަލުއި ސްޕީޑެއްގައެވެ.

މި ޝަހަރުގެ އާބާދީގެ 65 އިން ސައްތަ އަމާޒު ކުރެވިފައިވަނީ އެގައުމުގެ 30 އަހަރުން ދަށުގެ ޒުވާނުންނަށެވެ. ސަޢުދީން ބޭރުގައި ތަޢުލީމު ޙާސިލް ކުރަމުންދާ އެޤައުމުގެ ދެލައްކަ އެއްހާ ޒުވާނުން އެނބުރި ޤައުމަށް ޚިދުމަތް ކުރުމަށް އަންނަ އިރު މި ބިނާކުރެވޭ މިޝަހަރުގެ ސަބަބުން އެކުދިންގެ އުއްމީދު ތަކަށް އާރޯޝަންކަން ލިބި އަދި ޤައުމު ބިނާކުރުމަށް އެ ޒުވާނުންނަށް ލިބިގެންދާނެ ވަރަށް މުހިއްމު ފުރުސަތު ތަކެއް ކަމަށް އެމާރުގެ ސީއީއޯ މީގެ ކުރިން ވަނީ ވިދާޅު ވެފައެވެ.

މިހާރު ހިރަފުހުންނާއި އަދި އިމާރާތްކުރުމުގެ އެތަކެއް މެޝިންތަކުން ފުރާލެވިފައިވާ މި ޝަހަރު 2020 ގައި 50 ހާސް މީހުން ދިރި އުޅޭއިރު 28 ހާސް ވަޒީފާގެ ފުރުސަތު ތަނަވަސް ވެގެންދާނެއެވެ. އަދި ޝަހަރުގެ 25 އިންސަތަ ނިމޭނެކަމަށް އަލް ރަޝީދު ވަނީ ހަމަ ކުރައްވާފައެވެ.

އެންމެ ޒަމާނީ ހައިސްޕީޑް ޓްރެއިންގެ ވިއުގައަކުން މިޝަހަރު ޖިއްދާ، މައްކާ އަދި މަދީނާއާއި ގުޅާލެވޭނެއެވެ. މީގެ ސަބަބުން ވެސް މިޝަހަރު ފަތުރުވެރިންގެ ހިތްގައިމު މައި މަންޒިލަކަށް ވެގެންދާނެއެވެ. މިހާރުވެސް ހަރަމައިން ޓްރެއިން ސްޓޭޝަނުން މިކަމުގެ އަމަލީ މަސައްކަތް އިނގިރޭސި ކުންފުނަޏެއް ކަމަށްވާ ނޯމަން ފޯސްޓަރ ގެ އިރުޝަދުގެ ދަށުން އަންނަނީ ފަރުމާ ކުރެވެމުންނެވެ. އިނގިރޭސި ވިލާތުގެ ގާކިން ސްކައިކްރެޕަރ އަދި ނިއުޔޯކުގެ ހާސްޓް ޓަވަރ ވެސް ފަރުމާ ކޮށްފައިވާނީ ނޯމަން ފޯސްޓަރ އިންނެވެ.

ސަޢުދީ ރައްޔިތުން މިކަމާ މެދު ނިހާޔަތަށް ހިތްހަމަ ޖެހޭ ކަމަކީ މި ޝަހަރުގެ ސަބަބުން ސިއްޙީ، ތަޢުލީމީ، އަދި ވަޒިފާގެ ގިނަ ފުރުސަތު ތަކެއް އެބައިމީހުންނަށް ލިބޭނެތީއެވެ. މިއީ ސޢުދީގެ ގިނަ ޒުވާނުންގެ ވަރަށް ބޮޑު އުއްމީދެކެވެ.