English Edition
Dhivehi Edition

ސިއްޙީ ދާއިރާއިން ދުނިޔޭގެ ކުރިއަރަމުން އަންނަ އައުއިޖާދުގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ވެސް ތަހުލީލީ އިދާރާތަކުންނާއި އަދި ސައިންޓިސްޓުން ވަނީ ތުއްތު ކުދިންގެ އުޅުމާއި އަދި އެކުދިން ކަންކަމުގައި ހަރާކާތްތެރިވާ ގޮތްތަށް ދެނެގަތުމަށް އަދިވެސް ނުކުޅެދިފައެވެ.

ތުއްތު ކުދިން ހަރަކާތްތަށް ހުންނަގޮތް ބަލާލުމަށް ސައިންސުވެރިން އަންނަނީ ބައިވަރު އެތައް އިޖާދުތައް އުފައްދާ އެކުދިންގެ ސިކުނޑީގެ ހަރަކާތްތައް ބަލާލެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މިގޮތުން އެކުދިން ނިދުމުގެ ތެރޭގައްޔާއި އަދި އެކުދިން ގަޔާވާ މާހައުލުތަކުންނެވެ. ބައެއް ތަހުލީލީ އިދާރާތަކުން އާދައިގެ ގޮތްތަށް ފަރުމާކޮށް އެކުދިން ކަންކަމަށް ހަރަކާތް ތެރިވާ މިންވަރު ބެލުމަށް ކެނޑިނޭޅި މަސައްކަތް ކުރައެވެ. މީގެ ތެރޭ އެއްވެސް ބަހެއް ކިޔާލަން ނޭގޭ ކުދިންވެސް ހިމަނައިގެންނެވެ.

ވަރަށް ފަހުން އެމެރިކާގެ ނޭޝަނަލް އެކަޑަމީ އޮފް ސައިންސް ގެ ޑޮކްޓަރުން ހާމަ ކުރިގޮތުގައި އެމީހުން ދަނީ ވަރަށް ޚާއްސަ މެޝިނެއް ފަރުމާކޮށް އޭގެ އެހީގައި ތުއްތު ކުދިން ވާހަކަ ދެއްކުމުގެ ހުނަރު ދަސްކުރާގޮތް އެކުދިންގެ ސިކުޑީގެ ހަރަކާތް ތަކުން ދިރާސާކުރަމުންނެވެ.
މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކީ ވޮޝިންޓަން ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޕެޓްރީޝިއާ ކުހލް އެވެ. އޭނައަކީ ވާހަކަ ދެއްކުމާ އަދި އަޑު އިވުމުގެ ސައިންސުގެ ޕްރޮފެސަރަކެވެ. އޭނަ ބުނާގޮތުން ތުއްތު ކުދިންގެ ސިކުނޑީގެ ވަކި ހިސާބެއްގައި އެކުދިންނަށް ބައެއްބަސްތައް އަޑު އިވުމުން ހަރަކާތް ތެރި ވުމުގެ ބާރު ލިބިފައިވެއެވެ. އެކުދިން ބޮޑެތި މީހުން ވާހަކަ ދައްކަން ފަށާއިރަށް އެމީހުން ކޮޕީ ކުރުމަށް މަސައްކަތް ކުރައެވެ. އެއީ އަދި ފުރަތަމަ ބަސް އަނގައިން ބޭރުވުމުގެ މާކުރިންނެވެ.

ނަމަވެސް ކުހލް ބުނާގޮތުން މި ތަހުލީހު އަކީ ވަރަށް މުހިއްމު އެއްޗެކެވެ. ސަބަބަކީ މީގެ ސަބަބުން ވަރަށް އާދަޔާ ޚިލާފު ކަންތައްތައް ދަނީ ހާމަވަމުންނެވެ. އަދި ތަހުލީލު ޓީމުތަކަށް އެކަން ހޯދައިގަންނަންވެސް ފަސޭހައެވެ. ތުއްތު ކުދިންގެ ސިކުނޑީގެ ހަރަކާތްތައް ދެނެގަތުމަށް ފަރުމާ ކުރެވިފައިވާ މެޝިނަށް ކިޔަނީ “މެގްނެޓޯއެންސެފަލްގްރާފް” އެވެ. މި އީޖާދަކީ ވަރަށް ފަސޭހައިން ތުއްތު ކުދިންގެ ސިކުނޑީގައި އެނބުރޭ ގޮތްނޭގޭ ދުނިޔޭގެ ހަރަކާތްތައް ދެނެގަނެވިދާނެ އިޖާދެކެވެ.

މި އީޖާދަކީ އެމް.އާރު.އައި އަށްވުރެ ތަފާތު އެއްޗެކެވެ. އެމް.އާރ.އައި. އަކީ ވަރަށް އަޑުގަދަ އަދި ބަލިމީހާ ބާއްވަންޖެހެނޭ އެއްވެސް ހަރަކާތެއް ނޮކޮށެވެ. ނަމަވެސް “މެގްނެޓޯއެންސެފަލްގްރާފް” ގެ އަޑު ވަރަށް މަޑެވެ. އަޑެއް ހުންނަހެންވެސް ހީނުވެއެވެ. އެކަމަކު މިގައިވެސް ތުއްތު ކުއްޖާ ބަހަޓަން ޖެހެނީ ގޮނޑިއެއްގައި ފާޑަކަށް ބަނދެފައެވެ. މިހެން ވުމުމުގެ ސަބަބުން ތަހުލީލީ މަރުހަލާގާއި ހުރިހާ ސައިންސް ވެރިން ތިބެން ޖެހެނީ ކޮންމެވެސް ކުޅޭ އެއްޗެއް ނުވަތަ އެކުދިން ޝައުޤު ހުންނަ މޫނުމަތީ މާސްކެއް އަޅައިގެން އެކުދިން މަޖާކުރުވަ ކުރުވައެވެ. ނޫނި އެކި އެކި ވައްތަރު ޖައްސާލަ ޖައްސާލައެވެ.

ކުހލް ބުނާގޮތުން ތަހުލިލު ކުރާ ލެބް ހުންނަނީ އެކުދިންނާއި ގުޅޭގޮތަށް ޒީނަތްތެރި ކޮށްފައެވެ. އެކި ވައްތަރު ވައްތަރުގެ ސްޓިކާވެސް ހުންނަނީ ހަރުކޮށްފައެވެ. ވަރަށް ބޮޑަށް އެކުދިން ގަޔާވާ ގޮތަށެވެ. ހުރިހާ ސައިންޓިސްޓުން އަވަދިނެތި އުޅެންޖެހެނީ އެކުދިން ހިތްއުފައު ކުރުވާލަ ކުރުވާލައެވެ. “އެކުދިން ހިތް އުފައުކޮށް އަރާމުގައި ބައިތިއްބަން އަހަރުމެން ކުރާކަށް ނުކުރާކަށް ކަމެއް ނޯވެއެވެ.” ކުހލް ހާމަކުރިއެވެ.
ނަފްސާނީ އިލްމުވެރިން 2013 ވަނަ އަހަރު އެމް.އާރ.އައި ބޭނުންކޮށްގެން އެކުދިންގެ ސިކުނޑީގެ ހަރަކާތްތައް ހުންނަގޮތުގެ ތަހުލީލެއް ކުރިއެވެ. ނަމަވެސް އެފަހަރު ތަހުލީލު ކުރަން ޖެހުނީ އެކުދިން ނިދާފަ ތިބޭވަގުތުއެވެ. އަދި ކަންފަތްވެސް ހުންނަންޖެހެނީ ނިވާކޮށް މެޝިންގެ އަޑުނީޥެގޮތަށް ހަދާފައެވެ. އެއީ ނިދިން ހޭލަފާނެތީއެވެ.baby2
އެމް އާރު އައި މެޝިނަކީ އާއްމު ގޮތެއްގައި އެއްވެސް ބަލިމީހަކު އެހާ ގަޔާވާ މެޝިނެއްނޫނެވެ. އަދި އެކަން ކުރުމަށް ހޮސްޕިޓަލަށް ދާންޖެހޭތީވެސް މެއެވެ. އެހެންވުމުގެ ސަބަބުން ނިއުޔޯކް ހޮސްޕިޓަލްގައި އޭގެ މަސައްކަތް ކުރަނީ ކުދިންނާއި އެހެން މީހުންވެސް ހިތްހަމަޖެހޭ މާހައުލެއްގެ ތެރޭގައެވެ.
އަލަށް މި އިޖާދު ކުރެވުނު މެޝިނަކީ ވަރަށް ފުރިހަމަ އެއްޗެކެވެ. އޭގައި އެއްވެސް އަޑެއް ނުހުރުމާއިއެކު އަދި ކުދިން ބޭނުން ގޮތަކަށް ހަރަކާތް ތެރިވެވޭނެ ފުރުސަތު ލިބެއެވެ. މިއީ ސިއްހީ ދާއިރާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމަކެވެ. މިއީ ގާތްގަނޑަކަށް ވިންދުބަލާ ކަށިގަނޑު ބޭނުން ކުރުންފަދަ ފަސޭހަ އީޖާދެކެވެ.
މި އުފެދިގެން ދިޔަ އައު އީޖާދުގެ ސަބަބުން ތުއްތު ކުދިންގެ ހަރަކާތްތައް ދެނެގަތުމަށް ވަރަށް ފަސޭހަވެގެން ދާނެއެވެ. އަދި މި މެޝިނަކީ ޓެކްނިކަލީ ބޭނުން ކުރަންވެސް ވަރަށް ފަސޭހަ އީޖާދެކެވެ.
ކެލިފޯނިއާ ބާކެލީ ޔުނިވާސިޓިގެ ނަފްސާނީ ޕްރޮފެސަރ، ފެއި ޒުއީ އަކީ ތުއްތު ކުދިން ކުޅޭ އެއްޗެއް ފެނުނީމަ އެ ދަސްކުރާ ގޮތާއި އަދި އެއަށް އިޖާބަ ދޭގޮތް ބަލާ ގިނަ ތަހުލީލު ތަކެއް ކޮށްފައިވާ ބޭކަނބަލެކެވެ. އޭނަ ބުނާގޮތުން ތުއްތު ކުދިންގެ ހަރަކާތްތައް ދެނެގަތުމަށް ވަރަށް ބައިވަރު ތަފާތު އުކުޅުތައް ބޭނުން ކުރަން ޖެހޭނެ ކަމަށެވެ.
ޒުއި ހާމަ ކުރާގޮތުން މިފަދަ ތަހުލީލަށް ކުރުމަށް އާއްމު ގޮތެއްގައި ލިބޭނީ 5 ނުވަތަ ގިނަވެގެން 10 މިނިޓްގެ ވަގުތު ކޮޅަކެވެ. އޭގެ ފަހުން އެކުދިން ފޫހިވާން ފަށައެވެ. މިހެން ވުމުގެ ސަބަބުން ކޮޓަރި ތެރެ އަނދިރިކޮށް އެބޭނުންވާ އެއްޗަކާއި ދިމާލަށް އަލިއަޅުވާ އެކުދިންގެ ސަމާލުކަން ހޯދަން މަސައްކަތް ކުރަން ޖެހެއެވެ.
ޒުއި ބުނާގޮތުން އެކުންދިންނާއެކު އެގޮތަށް މަސައްކަތް ކުރުމަކީ ވަރަށް މަޖާ އަދި ފަސޭހަކަމެކެވެ. އެމީހުން ދުނިޔެއަށް ސަމާލުވެ އަދި އެކަމަށް ވަރަށް ޝައުޤުވެރިކަން ހުރެއެވެ.
ތުއްތު ކުދިން ތަކެއްޗަށް ހުންނަ ޝައުގު ވެރިކަން ބެލުމަށް ޒުއި އާއި އޭނާގެ ބައިވެރިން އެކުދިންގެ ލޮލޮގެ އިޝާރާތް ފާހަގަކޮށް ރެކޯޑް ކުރެއެވެ. އަދި ޚާއްސަ ޑިވައިސްއެއް މެދުވެރިކޮށް އެކަން ތަހުލީލު ކުރައެވެ.
ޒުއި ބުނާ ގޮތުން އެކުދިންނަށް ވާހަކަ ނުދެއްކޭ ކަމުގައި ވިޔަސް އެކުދިންގެ ވިސްނުން ހުންނަގޮތް އެގިއްޖެނަމަ ކިޔެވުމުގެ މަރުހަލާގައި ކުދިންނަށް ފިލާވަޅު ނަގައިދިނުމަށް ވަރަށް ފަސޭހަވެގެންދާނެއެވެ.
އެކުދިން ޕްރީސްކޫލަށް ނުވަތަ ފަށާތަޢުލީމުގެ މަރުހަލާއަށް ވަދެގެންދާއިރު ސްކޫލު ތަކުގެ މަންހަޖު އެކުދިންނާ ގުޅޭގޮތަށް ފަރުމާކުރުމަށް ވަރަށް ފަސޭހަވެގެން ދާނެއެވެ. މިގޮތަށް ތުއްތު ކުދިންގެ މި މަރުހަލާ އެގުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ގަބޫލު ކުރަންޖެހެއެވެ. އޭރުން އެކުދިން މުޖުތަމަޢުއަށް ނެރެވޭއިރު ބިނާކުރެނިވި ރަނގަޅު ބައެއް އުފެދިގެންދާނެކަމީ ޝައްކެއް އޮތްކަމެއްނޫނެވެ.