English Edition
Dhivehi Edition

މޯލްޑިވްސް ރެޑް ކްރެސެންޓްގެ އިސް ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި މޯލްޑިވްސް ރެޑް ކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް އާއިޝަތު ނޫރާއާއި، މޯލްޑިވްސް ރެޑް ކްރެސެންޓްގެ ބޯޑް މެމްބަރ އާރިފް ރަޝީދާއި، މޯލްޑިވްސް ރެޑް ކްރެސެންޓްގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ރެޑް ކްރެސެންޓްވަނީ، ރެޑްކްރެސެންޓް ހިންގުމުގައި ހުރި ދަތިތައް ނައިބު ރައީސް އާއި ހިއްސާކުރައްވާފައެވެ. މި ގޮތުން މި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ހުރި އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގައި ރެޑް ކްރެސެންޓްގެ ބްރާންޗް ހިންގުމަށް ބޭނުންވާ ބިމުގެ ދަތިކަން ކަމުގައިވަނީ ވިދާޅުވެފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މޯލްޑިވްސް ރެޑް ކްރެސެންޓްގެ ފަރާތުން ރާއްޖޭގައި ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި، އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، މޯލްޑިވްސް ރެޑް ކްރެސެންޓުން ފާހަގަކުރައްވާފައިވާ ކަންތައްތައް ކަމާބެހޭ އިދާރާތަކާ ގުޅިގެން ޙައްލުކޮށްދެއްވަން މަސައްކަތްޕުޅު ކުރައްވާނެކަމުގައި ނައިބުރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރެޑް ކްރެސެންޓްގެ 10 ބްރާންޗް ހަރަކާތްތެރިވަމުންދެއެވެ.