މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި، މޯލްޑިވްސް ރެޑްކްރެސެންޓް އަދި ޕެރެމެޑިކް ގުޅިގެން، ނެޝަނަލް އެމްބިއުލާންސް ސަރވިސް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.
ފުލުހުން ބުނީ އެއީ އެމެޖެންސީ މެޑިކަލް ސަރވިސްގެ ނަމުގައި ކުރިއަށްގެންދާ އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމާއި ކުއްލި ހާލަތުގައި ދޭންޖެހޭ ފަރުވާ ދިނުން އިތުރަށް ހަރުދަނާކޮށް ރަނގަޅު ކުރުމަށްޓަކައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.
އެ ޕްރޮގްރާމުގައި، ފުރަތަމައެހީ ބޭނުންވާ ހާލަތްތަކުގައި ފުރަތަމަ އެހީ ފޯރުކޮށްދޭނެގޮތުގެ މައުލޫމާތުދިނުމުގެ އިތުރުން އެކަމުގެ އަމަލީ ތަމްރީނުތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ކުއްލި ހާލަތު ދިމާވެފައިވާ މީހުންނާ މުއާމަލާތު ކުރާނެ ގޮތުގެ މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން މުއާމަލާތުކުރާނެ ރަނގަޅު ގޮތްތައް ބުނެދީ ކުއްލި ހާލަތުގައި އަމަލުކުރާނެ އުސޫލުތަކާއި، އެފަދަ ހާލަތްތަކުގައި އަންނަ ކޯލްތަކަށް ވީއެންމެ އަވަހަކަށް ޖަވާބުދާރީވާނެ ގޮތްތަކާ ބެހޭގޮތުން މައުލޫމާތުދީފައިވެއެވެ. އަދި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާ ގުޅިގެން، އެމްބިއުލާންސް ދަތުރުކުރާ ވަގުތުތަކުގައި އެހެނިހެން އުޅަނދުތައް އެންބިއުލާންސަށް ތަންދެއްކުމާއި ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން މަގުބަންދުކުރަން ޖެހިއްޖެ ހާލަތުގައި އަމަލު ކުރާނެ ގޮތުގެ މައުލޫމާތުދީފައިވެއެވެ. އަދި އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެގޮތުގެ މައުލޫމާތުދީ އެކަމުގެ ތަމްރީނުތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ކޮވިޑް-19ގެ ހާލަތާ ގުޅިގެން އެމްބިއުލާންސްގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގައުމީ މަސައްކަތެއްގެ ގޮތުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ ދަށުން، މި ހިނގާ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޓްރެއިންނިންގ ޕްރޮގްރާމްގައި އެކި މުއައްސަސާތައް ހިމެނޭ ގޮތުން 30 މުވައްޒަފުން ބައިވެރިވިއެވެ.