English Edition
Dhivehi Edition

އެމްވީކޭން ބަހުގެ ދަތުރު ތަކާއި އަދި ފެރީގެ ދަތުރުގެ ޚިދުމަތް އައްޑު ސިޓީގައި ދޭން ފެށުމުން އައްޑޫ ރައްޔިތުންނަށް ވަރަށް ގިނަ ގުނަ ފަސޭހަތަކެއް ލިބިގެން ދިޔައެވެ. އެކުންފުނިން ދަތުރު ފަތުރުގެ ޚިދުމަތް ފުރަތަމަ ފެށީ ޖެނުއަރީ 1، 2010 ގަ އެވެ. އެއީ ދެކުނު ޕްރޮވިންސްގެ ދަތަރުފަތުރުގެ ނިޒާމްގެ ދަށުންނެވެ.

މި ޚިދުމަތް ރަނގަޅު ފެންވަރެއްގައި ދިނުމަށް ސަބްސިޑީ އެއްގެ ގޮތުގައި ގަމުގެ ދޫގަސް 25 އަހަރަށް އެމްވީކޭއަށް ރިސޯޓް ހޮޓަލެއް ހިންގަން ސަރުކާރުން ދިނެވެ. އެފަހަރު ފުރަތަމަ ފެށީ ކަނޑު ދަތުރު ފަތުރުގެ ޚިދުމަތް އެކަންޏެވެ.

އެމްވީކޭން އެޚިދުމަތް ދިނުމުގެ ކުރިން އެޚިދުމަތް އައްޑޫގައި ދެމުން ދިޔައީ އެމްޓީސީސީ އިންނެވެ. ނަމަވެސް ވަރަށް ބޮޑު އަގުގައެވެ. އެމްވީކޭން ޚިދުމަތް ފެށުމުން އައްޑޫ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދިޔައެވެ.
އޭގެ ފަހުން ސެޕްޓެމްބަރު 7، 2010 ވީ ހުކުރު ދުވަހު ރަސްމީކޮށް ގުޅިފައިވާ ރަށްތަކަށް އެމްވީކޭއިން ބަހުގެ ޚިދުމަތްވެސް ދޭންފެށި އެވެ.

މި ޚިދުމަތް ވެގެންދިޔައީ އައްޑޫގެ އެއްރަށުން އަނެއްރަށަށް ފަސޭހަކަމާއިއެކު ހެޔޮއަގެއްގައި ދަތުރު ކުރުމުގެ ވަރަށް މުހިއްމު ފާލަކަށެވެ. މީގެ ސަބަބުން އަތޮޅު ތެރޭގެ ވިޔަފާރިވެސް ރަނގަޅު ވެގެންދިޔައެވެ.

ނަމަވެސް އެމްވީކޭގެ މާލީ ހާލަތަށް ކުއްލިގޮތަކަށް ދިމާވި ދަތިތަކާއިހެދި މިޚިދުމަތްތަކަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރިއެވެ. ޚިދުމަތް ދެމުން ދިޔަ މުވައްޒަފުންނަށް މުސާރަވެސް ނުދެވި އެންމެ ފަހުން ކަނޑުގެ ދަތުރުފަތުރު ހުއްޓާލަން ޖެހުނެވެ.

ގުޅިފައިވާ ރަށްތަކާއި ހުޅުމީދޫގެ ދަތުރު ފަތުރުގެ ގުޅުން ކެނޑުނެވެ. އަދި ފުވައްމުލާކާއި އޮތް ދަތުރު ފަތުރުގެ ގުޅުންވެސް ކެނޑުނެވެ. ރައްޔިތުން ޖެހުނީ އެތަކެއް ދަތި ތަކެއް ތަހައްމަލު ކުރާށެވެ. އެމްވީކޭ އަކަށް އެމީހުންގެ މާލީ ހާލަތު ވެއްޓުނު ވަޅުގަނޑުން ތެދުކޮށް ނުލެވުނެވެ.

ރައީސް ވަހީދުގެ ދުވަސްވަރު މިކަންތައް ހަމަޔަކަށް އަޅުވަން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެމްވީކޭއާއި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުން ބާތިލު ނުކުރެވުނެވެ. ސަބަބަކަށްވީ އައްޑު ސިޓީ ކައުންސިލުން އެއްބަސް ވުމުގައި އެއްބަސް ވެފައިވާކަންތައްތައް ފުރިހަމަ ކޮށް ނުދެވިއޮތީމައެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ގިނަމަސައްކަތް ތަކެއްކޮށް އެންމެފަހުން އެ އެއްބަސް ވުން އުވާލާއި މެއި 20، 2015 ވަނަ ދުވަހު މިފްކޯ އާ ހަވާލުކޮށް އާ އެއްބަސް ވުމުގައި ސޮއިކުރެވިގެން ދިޔައެވެ. އެމްވީކޭގެ އެއްބަސްވުން އުވާލުމުން އައްޑޫ ސިޓީގެ ބައެއް ވިޔަފާރިވެރިން ގެއްލުމާ ކުރިމަތިލާން އެބަ ޖެހެ އެވެ.

އެއީ ދޫގަސް ތަރައްޤިކުރުމަށާއި އެތަނުގެ ހިންގުމަށް އައްޑޫގަ އެކި ފިހާރަ ތަކުން އެމްވީކޭއިން ނަގާފައިވާ ތަކެތީގެ އެތައްބިލްތަކަކަށް ފައިސާ ނުދައްކައި އޮތީމައެވެ. އަދި މަސައްކަތްކޮށްފައިވާ ކޮންސްޓްރަކްޝަން ގުރޫޕް ތަކަށާއި، ވަޑާންގެ ތަކުގެ ބިލްތަކަށްވެސް ބައެއް ފައިސާ ނުލިބި ހުރީމައެވެ. މި އެއްބަސްވުން އުވާލަމުން އުފެދޭ ސުވާލަކީ މިބިލްތަކުގެ ފައިސާ އޭގެ ހައްޤުވެރި ފަރާތްތަކަށް ލިބޭނެ ކަމުގެ ބޮޑު ސުވާލެވެ. ޔަޤީންވާ ކަމަކީ އެމްވީކޭއިން ޒިންމާ ނަގަން ޖެހޭނެކަމެވެ.

އެއްބަސްވުން އުވާލާ މިފްކޯއާ އެކު އެއްބަސް ވުމުގައި ސޮއި ކުރެވުނު އިރު އެމްވީކޭއިން ދެމުންއައި ހުރިހާ ޚިދުމަތް ހުއްޓިފަ އޮންނަތާ އަހަރުވީ އެވެ. މިފްކޯއަކީ ސަރުކާރުގެ ވިޔަފާރި ކުންފުންޏަކެވެ. އަދި އެ ކުންފުންޏަކީ މިލިއަނުން ސަރުކާރަށް ފައިދާ ވާ ވަރަށް ކާމިޔާބު ކުންފުންޏަކެވެ.

މިފްކޯ އާ ދަތުރުފަތުރުގެ ނިޒާމް ހަވާލު ކުރުމުން އައްޑޫ ރައްޔިތުން ތިބީ ވަރަށް އުފަލުންނެވެ. އިސާހިތަކު ޚިދުމަތް ލިބޭނެކަމަށް ގިނަ ބަޔަކު އުއްމީދު ކުރިއެވެ. އެއްބަސްވުމުގައި ސޮއިކުރި ހަފްލާގައި މިފްކޯގެ ސީއީއޯ އަދުލީ އިސްމާއީލް ޔަޤީންކޮށްދެއްވީ ވަރަށް އަވަހަށް ފެންވަރު ރަނގަޅު އެއަރކޮންޑިޝަން ބަސްތައް ގެނަސް ޚިދުމަތް ފަށާނަ ކަމަށެވެ.

އެ މީހުން އެގޮތަށް ނިންމި ކަމަށް އަދުލީ ވިދާޅުވީ މިފްކޯގެ މަހުގެ 30 އިން ސައްތަ ޙިއްސާ ކުރަނީ އައްޑޫ މަސްވެރިން ކަމަށްވާތީކަމަށެވެ. ވަރަށް ވެސް ރަނގަޅު ވާހަކައެކެވެ. މިކަންވާން ވެސް ޖެހޭނީ މިހެންނެވެ.

ނަމަވެސް ކުއްލިއަކަށް މިފްކޯއާއި އެކު އެއްބަސް ވުމުގައި އިކޮނޮމިކް މިނިސްޓަރ ސަޢީދު ސޮއިކުރިތާ 14 ވަނައަށް ވީދުވަހު އަނެއްކާ މޯލްޑިވްސް ޕޯޓް ލިމިޓެޑާއި (އެމްޕީއެލް) އެކު ހަމަ އެ އެއްބަސް ވުމުގައި ސޮއިކުރިއެވެ. އެއީ ޖޫން 2، 2015 ގަ އެވެ. މިވީގޮތް ފަހަރުގަ މާ ރަނގަޅު ވެދާނެ އެވެ. ނަމަވެސް ރައްޔިތުންގެ ވިންދު ސުވާލު ތަކުންފުރާލި އެވެ.

timthumb.php

އެމްޕީއެލްގެ ޗެއާމަން މުޙައްމަދު ޖުނައިދު ސޮއިކުރުމުގެ ހަފްލާގައި ވިދާޅުވީ މި އަންނަ ރޯދަ މަހުގެ ކުރިން ޚިދުމަތް ފަށައި ގަންނާނެ ކަމަށެވެ. އެ ބޭފުޅުން ގަސްތުކޮށްފައި އޮތީ މިހާރު އައްޑޫގައި ގެންގުޅޭ އުޅަނދު ފަހަރު ބޭނުން ކޮށްގެން ޚިދުމަތް ފުރަތަމަ ފަށައި ގަންނާށެވެ. އަދި ގިނަ ދުވަސްތަކެއް ނުވެ އައު އުޅަނދު ގެނަސް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރާނެ ކަމަށެވެ.

މިއީ އަނެއްކާވެސް ވަރަށް އުއްމީދީ ވާހަކައެކެވެ. މިހާރު ހުރި އުޅަދުތަކުން ފަށައި ގަތުމުން ރައްޔިތުންނަށް އަވަހަށް ޚިދުމަތް ދެވޭނެއެވެ. އައްޑޫ ރައްޔިތުން ވެސް ބޭނުންވަނީ ޚިދުމަތް ވީހައިވެސް އަވަހަށް ލިބިގަތުމަށެވެ. އެމްޕީއެލްއަށް މިކަން ކުރެވޭނެއެވެ. އެކުންފުނީގައި އެފަންވަރުވެސް އެބަ ހުއްޓެވެ. ހަރުދަނާ ހިންގުންތެރިންވެސް އެބަތިއްބެވެ.
ނަމަވެސް އުއްމީދުތަކެއް ކުރަމުންދާ އައްޑޫ ރައްޔިތުން މިހާރު ކުރާ ސުވާލަކީ “އައްޑޫގެ ދަތުރު ފަތުރަށް މި ވަނީ ކިހިނެއްބާވަ އެވެ؟” މި އެވެ.