English Edition
Dhivehi Edition

ހަތަރު ގައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުންނަށް އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު ސާފީރު ކަމުގެ ފަތްކޮޅު އެރުއްވީ ނިއުޒިލެންޑާއި، އޮސްޓްރޭލިއާއާއި، މޯލްޓާއާއި، ބަހްރެއިން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުންނަށެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތައްފަހު، ނިއުޒިލޭންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހަރ އެކްސެލެންސީ މިޒް ޖޮއާން ޓިންޑޯލްއާއި، އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ޑޭވިޑް ޖޮން ހޮލީއާއި، މޯލްޓާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ސްޓެފަން ބޯރގްއާއި، ބަހްރެއިން ސަރުކާރުން ދިވެހިރާއްޖޭއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ޢަބްދުއްރަޙްމާން މުޙައްމަދު އަލް ޤަޢުދު ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ވަކި ވަކީން ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ގައުމުތަކުން ކަނޑައެޅުއްވި ސަފީރުންވަނީ އެ ގައުމުތަކާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާފައެވެ. މީގެ އިތުރުން ރާއްޖެއާއި އެ ޤައުމުތަކާއި ދެމެދު އޮންނަ ގުޅުން ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި އިތުރަށް ބަދަހިކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިމަހުގެ 17 އިން 18 އަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ “މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް 2019” ގައި އެ ޤައުމުތަކުން ބައިވެރިވެފައިވާތީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ފޯރަމަކީ ރާއްޖޭގެ ޚާރިޖީ ގުޅުމުގެ ބައިވެރިންނާއިއެކު މިފަހުގެ ތާރީޚެއްގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ބައްދަލުވުމެވެ.