English Edition
Dhivehi Edition
19 ފެބުރުވަރީ 2023: އާ ސަފީރުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

މޮންގޯލިއާ، ފްރާންސް، ރަޝިއާ، ސަރބިއާ، ސްލޮވީނިއާ، ނެމީބިއާ، ކެނެޑާ އަދި ދި ހެލެނިކް ރިޕަބްލިކް ސަރުކާރުން، ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް އަރުވައިފިއެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުވި 8 ޤައުމުގެ ސަފީރުންނަކީ، މޮންގޯލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ގަންބޯލްޑް ޑަމްބަވް، ފްރާންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޖޯން-ފްރަންސުއާ ޕަކްތެތް، ރަޝިޔަން ފެޑެރޭޝަނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ލިވަން އެސް ޖަގަރްޔަން، ސާރބިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ސިނިސާ ޕަވިޗް، ހެލެނިކް ރިޕަބްލިކް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ދިމިޓްރިއޮސް އިޔޮއަންނޫ، ރިޕަބްލިކް އޮފް ސްލޮވޭނިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މަތާޔާ ވޮޑެބްއ ގޯޝް، ރިޕަބްލިކް އޮފް ނެމީބިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ގެބްރިއެލް ޕީ. ސިނިމްބޯ، އަދި ކެނެޑާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އެރިކް ވޯލްޝް އެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާ އެހެން ޤައުމުތަކުގެ ގުޅުން އިތުރަށް ބަދަހިކޮށް ދެމެހެއްޓުމުގައި ސަފީރުން އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ. އަދި ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މި ސަރުކާރުން ރައްޔިތުންގެ ތަރައްޤީގެ އުންމީދުތައް ހަޤީޤަތަކަށް ހަދައިދެވިފައި ވާކަމަށާ، އެކަން ޙާޞިލްކުރުމުގައި، ބައިނަލްއަޤުވާމީ އެހީތެރިކަމާއި އެއްބާރުލުން ހޯދުމުގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާކޮށްފައި ވަނީ، އިންސާނީ ޙައްޤުތައް ކުރިއަރުވައި، ޙިމާޔަތްކުރުމާއި، ޑިމޮކްރަސީ ހަރުދަނާކުރުމާއި، އަދި މޫސުމާގުޅޭ ސިޔާސަތުތައް ކުރިއެރުވުން، މިތިން އަސާސްގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤުތިޞާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ގެންނަމުންދާ ބަދަލުތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދަތުރުފަތުރުކުރުމުގައި ލުއިފަސޭވުމަކީ، ޘަޤާފީ ގުޅުންތަކާއި، އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ހިއްވަރު ލިބި، ޞުލްޙަމަސަލަސްކަމާއި، ތަނަވަސްކަމާއި، ކުރިއެރުވުމަށް ވާޞިލްވެވޭނެ ފާލަމެއްކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއިން އެހެން ޤައުމުތަކަށް އޮން އެރައިވަލް ވިސާ ދެމުން އަންނަ ކަމަށާއި އެޤައުމުތަކުންވެސް ދިވެހިންނަށް ދަތުރުފަތުރުކުރުމުގައި ލުއިގޮތްތައް ހަމަޖައްސައިދެއްވާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖެއާއި ޤައުމުތަކުގެ މެދުގައި އޮތް ގުޅުން، އާ ސަފީރުންގެ ދައުރުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވަމުންނެވެ.